ރައްޔިތުންގެ މަޖިލިސް

ރެެވެނިއު ސްޓޭމްޕް ބަހުސްގައި ބަދަލުވީ ކެމްޕޭނަށް

ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު އުވާލުމާ ގުޅޭ ގޮތުން މިއަދު މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސްގައި އެ ގާނޫނާ ގުޅޭ ގޮތުން ވާހަކަ ދެއްކުމުގެ ބަދަލުގައި ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް ކެމްޕޭން ކުރުމާއި އެންޓި ކެމްޕޭނަށް ވާގޮތަށް މެންބަރުންގެ ވާހަކަތައް އަނބުރާލައިފި އެވެ.

ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު އުވާލަން ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމެވެ. އެއީ އެ ސްޓޭމްޕް ޖެހުމުގެ ނިޒާމު ހިންގަން މިހާރު ހިނގާ ހަރަދާ ބަލާއިރު އޭގެތެރެއިން އެކަށީގެންވާ އާމްދަނީއެއް ދައުލަތަށް ލިބެމުން ނުދާކަމަށް ބުނެއެވެ.

މިއަދު ހުށަހެޅި އެ ބިލަށް މެމްބަރުން ތާއީދު ކުރެއްވި ނަމަވެސް އެ ބިލުގެ ބަހުސްގައި މުޅީންހެން ފެނުނީ މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ވާދަ ކުރައްވާ ޑރ. މުހައްމަދު މުއިއްޒުއަށް ބަހުގެ ހޫނު ހަމަލާތަކެއް ދިންތަނާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ގުޅުވައި ވާހަކަތައް ދެއްކިތަނެވެ. އަނެއްކޮޅުން އިދިކޮޅު މެމްބަރުންގެ ވާހަކަތައް ވެސް ބޮޑަށް އަމާޒު ކޮށްފައި އޮތީ ކައުންސިލް އިންތިހާބަށެވެ. -- ރެވެނިއު ސްޓޭމްޕްގެ ބިލާ ގޮތުން ކުރި ބަހުސެއްކަން ސާފެއް ނުވެއެވެ.

ބިލެތްދޫ ދާއިރާގެ މެމްބަރު އާދަމް ހަލީމް (ދޮންބިލެތް) ގެ ވާހަކަތައް އޭނާ މުޅީން އަމާޒު ކުރެއްވީ ކުރީ ސަރުކާރަތަކަށް ފާޑުވިދާޅުވުމުގަ އެވެ. އެގޮތުން ކުރީ ސަރުކާރުން ޓެކްސްގެ ނިޒާމަށް ހުރަސް އެޅި ކަމަށް ވިދާޅުވުމާއެކު އެމްޑީޕީގެ ސަރުކާރުން ޓެކްސް ނިޒާމް ގެނައުމުން އައި ތަރައްގީ ފާހަގަކުރެއްވި އެވެ. ދެން އެވާހަކަތަކާ ގުޅުވާލެއްވީ އެމްޑީޕީގެ ލާމަރުކަޒީ ނިޒާމްގެ ސިޔާސަތެވެ. އަދި އެ ނިޒާމުން ނޫން ގޮތަކަށް ރާއްޖެ ތަރައްގީ ނުވާނެކަން އޭނާ ފާހަގަ ކުރެއްވައި ވިދާޅުވީ އެ ނިޒާމް ފުރިހަމަ ކުރެވޭނީ އަންނަ ކައުންސިލް އިންތިހާބުގެ ވޯޓުތައް އެމްޑީޕީއަށް ދީގެން ކަމަށެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ރެވެނިއު ސްޓޭމްޕްގެ ބަހުސް ވަކި ހިސާބަކުން ގުޅުވާލީ ޓެކްނޮލޮޖީއާ އަހުލުވެރިކުރުމަށް އެމްޑީޕީގެ ގެންގުޅޭ ސިޔާސަތުތަކާ އެވެ. އެގޮތުން ދަތުރުފަތުރު ނިޒާމާއި ބޯހިޔާވަހިކަމުގެ ފްލެޓްތަކަށް ފޯމް ލުމާއި ވަޒީފާއާ ގުޅޭ ކަންތައްތަކުގައި މޮބައިލް އެފް ފަދަ ވަސީލަތްތައް ފައްކާކޮށްގެން ލުއި ހޯދައިދިނުމަށް އެމްޑީޕީން ގެންގުޅޭ ސިޔާސަތުތަކަށް އަލި އަޅުވާލެއްވި އެވެ. އެ ވާހަކަތަކުގެ ތެރެއިން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއަށްވެސް އޭނާ ބަހުގެ ހަމަލާތަކެއް ދެއްވި އެވެ.

އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވާ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ބޮޑަށް ވާހަކަތައް އަމާޒުކުރެއްވި މިފެށޭ ލޯކަލް ކައުންސިލް އިންތިހާބަ ށެވެ. އެގޮތުން ކެމްޕޭން ކުރުމުގައި ހަމަ ފުުރުސަތުތައް ޕީޕީއެމްއަށް ނުލިބޭތީ މި އިންތިހާބް އިންސާފުވެރިވާނެތޯ ޝަރީފް ސުވާލު އުފެއްދެވި އެވެ.

ރެވެނިއު ސްޓޭމްޕްގެ ގާނޫނާ ގުޅޭ ގޮތުން ފުންކޮށް ވާހަކަ ދެެއްކެވީ އެމްޑީޕީ މެމްބަރު އަލީ އާޒިމް އަދި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް އެވެ. އެ ދެ ބޭފުޅުން ވަނީ އެ ގާނޫނު މިހާރު އޮތް ގޮތުން ދިމާވާ އުނދަގޫތަކާއި ގާނޫނު އުވާލުމުން ގާނޫނު އުވާލުމުން ލިބޭނެ ފަސޭހަތަކަށް ވަރަށް ބޮޑަށް އަލި އަޅުވާލައްވައިފަ އެވެ.