ޑރ. އައިޝަތު އަލީ

ބަޖެޓްގެ ބޮޑުބައި އޮތީ ތައުލީމަށް: މިނިސްޓަރު

މި ސަރުކާރުގެ ބަޖެޓްގެ ބޮޑު ބައި ހާއްސަކޮށްފައިވަނީ ތައުލީމީ ދާއިރާއަށް ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރަށްވެހި ފަތިސް ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ތައުލީމަށް މި ސަރުކާރުން ދޭ އަހަންމިއްޔަތާއި ހާއްސަކަން އެހެން ސަރުކާރަކުން ދީފައި ނުވާ ކަމަށެވެ. އެކަމުގެ އެންމެ ބޮޑު ހެއްކަކީ ކާމިޔާބު ކަމާއި އެކީ ކުރިއަށް ގެންދާ ނާސްތާ ޕްރޮގްރާމް ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ނާސްތާ ޕްރޮގްރާމް ފެށީ ވަރަށް ގިނަ ދިރާސާތަކަށް ފަހު ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މި ޕްރޮގްރާމް ފެށުމުގެ ކުރިން، ކުދިން ސުކޫލަށް ގޮސް ފިލާވަޅުތަކުގައި ބައިވެރިނުވެ އެކަނިވެރި ގޮތަކަށް ހެނދުނު ގަޑީގައި ވަގުތުތައް ހޭދަކުރި ކަމަށެވެ.

މި ޕްރޮގްރާމްގެ ސަބަބުން ކުދިންގެ ތައުލީމީ ކަންކަމުގެ އިތުރުން އެކުދިންގެ ހެދިބޮޑުވުމަށާއި ދުޅަހެޔޮކަމަށް އެތައް ބަދަލުތަކެއް އައިސްފައިވާ ކަންވެސް ފާހަގަކުރެއްވި އެވެ.

"އަދި ފާހަގަކުރެވުނު ނާސްތާ ޕްރޮގްރާމްގެ ކޮންޓްރެކްޓަރުންނަށް ލިބޭ އާމްދަނީ ރަނގަޅު ކަން. އޭގެ ތެރޭގައި ގިނައީ އާމްދަނީ ހޯދަން އިތުރު މަސައްކަތެއް ނުކުރާ މީހުން. އެމީހުންނަށް ދުވާލެއްގެ މައްޗަށް 3000 ރުފިޔާ ލިބޭ. އެއީ ވެސް ލިބުނު ކުރިއެރުމެއް" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ ފަސް ސަރަހައްދެއްގައި ވަށާޖެހޭ އުސޫލުން ތައުލީމު ފޯރުކޮށްދޭ ފަސް ސުކޫލެއް ގާއިމުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. އެފަދަ ސުކޫލުތަކުގައި ޖިމްތަކާއި، ލެބްތަކާއި، ކުޅިވަރު ދަނޑުތައް ހުންނާނެ ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މުޅި ރާއްޖެއަށް މި ޕްރޮޖެކްޓް ފަތުރައިލާނެ ކަމަށެވެ.

ޕީއެސްއައިޕީގެ ދަށުން ތައުލީމީ ދާއިރާގެ ކުރިއެރުމަށް ހިންގާ މަސައްކަތްތައް ވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ. މީގެތެރޭގައި 13 ޕްރޮޖެކްޓެއްގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާ ކަމަށާއި މިވަގުތު 30 ޕްރޮޖެކްޓެއްގެ މަސައްކަތް ކުރަމުން ގެންދާ ކަމަށްވެސް ވިދާޅުވި އެވެ. އަދި މިއަހަރުވެސް ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މީގެ އިތުރުން ސަރުކާރުގެ ފަރާތުން ބޮޑު ހޭދައެއް ކުރަމުން އަންނަ އިތުރު ޕްރޮގްރާމްތަކުގެ ތެރޭގައި މަތީ ތައުލީމު ހޯދާ ދަރިވަރުންނަށް ހިލޭ ޑިގްރީގެ ޕްރޮގްރާމާއި ސްޓޫޑެންޓް ލޯންތަކާއި ސްކޮލާޝިޕްތަކުގެ ކަންކަންވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.