ދީން

ރޯދަމަހާ ބައްދަލުވުމުގެ ވަގުތު ޖެހިއްޖެ

އިރު އެރުމާއެކު އޮންނަނީ އިރު އޮއްސުމުގެ ވަގުތު އައިސް ޖެހިފައެވެ. ދުވަހުގެ ވަގުތުކޮޅަކީ މަދު ހިނދުކޮޅެއްފަދަ ވަގުތުކޮޅެކެވެ. އައު މަހެއްގެ ހުޅަވިހަނދު ފެނުމަށްފަހު އެ މައްސަރު ފާއިތުވެ، ކަޅުފޮއި ރޭތަކާ ޖެހިދަނީ ދާދި މަދު ވަގުތުކޮޅެއްގެ ތެރޭގައެވެ. މަހެއް ފާއިތުވެގެންދާ ގޮތް އިހުސާސްވެސް ނުވެއެވެ. ކޮންމެ އަހަރެއްގެ ރޯދަމަހެއް އަޅުގަނޑުމެންނާ ބައްދަލުކުރުމަށްފަހު، ނިމިގެންދާހިނދު އަޅުގަނޑުމެންގެ ހިތްތަކަށް މި އިޙްސާސްތައް ވެރިވެއެވެ. ރޯދަމަސް ފެށުނީ އިހަކަށް ދުވަހުއޭ ބުނެވޭހާވެސް އަވަށް، އެމަސް އަޅުގަނޑުމެންނާ ވަކިވެގެން ދެއެވެ.

ވަގުތު ކުރުވުން ނުވަތަ ދުވަސް ކުރުވުމަކީވެސް ޤިޔާމަތުގެ ޢަލާމަތްތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. "‏لاَ تَقُومُ السَّاعَةُ حَتَّى يَتَقَارَبَ الزَّمَانُ فَتَكُونُ السَّنَةُ كَالشَّهْرِ وَالشَّهْرُ كَالْجُمُعَةِ وَتَكُونُ الْجُمُعَةُ كَالْيَوْمِ وَيَكُونُ الْيَوْمُ كَالسَّاعَةِ وَتَكُونُ السَّاعَةُ كَالضَّرْمَةِ بِالنَّارِ‏"‏ رواه الترمذي މާނައީ: "ޒަމާން ގާތްވެ (ވަގުތު ކުރުވުމަށް) ދާންދެން ޤިޔާމަތް ނުވާހުއްޓެވެ. ވަގުތު ކުރުވުމުން އެއް އަހަރަކީ އެއް މަސްދުވަސް ފަދައިން ވާނެއެވެ. އަދި އެއް މަހަކީ އެއް ހުކުރު (އެއް ހަފްތާ) ފަދައިން ވާނެއެވެ. އެއް ހަފްތާއަކީ އެއް ދުވަސް ފަދައިންވާނެއެވެ. އަދި އެއް ދުވަހަކީ އެއް ގަޑިއިރު ފަދައިން ވާނެއެވެ. އަދި އަލިފާނުގެ ކަންޏެއް ބުރައިގެން ގޮސް ހުލިވާހާ އަވަހަށް އެއް ގަޑިއިރު ނިމިގެން ދާނެއެވެ."

އާދަމްގެ ދަރީންގެ އުއްމީދުތަކާއި ދުނިޔޭގައި ދިގު އުމުރެއްގައި ތިބުމުގެ ހުވަފެންތައް ކިތަންމެ ބޮޑު ކަމުގައިވިޔަސް، ދުނިޔޭގެ ޙަޔާތަކީ މަދު ހިނދުކޮޅެއްފަދައިންވާ އެއްޗެއްކަމުގައާއި، މި ޙަޔާތުގެ ވަގުތުތަކަކީ އިސާހިތަކު ނިމިގެންދާނޭ އެއްޗެއްކަން، ކީރިތި ޤުރްއާނުގެ އެއްތައް އާޔަތެއްގައިވަނީ އަންގަވާފައެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿ اقْتَرَبَ لِلنَّاسِ حِسَابُهُمْ وَهُمْ فِي غَفْلَةٍ مُعْرِضُونَ ﴾ (الْأَنْبِيَاءِ 1) މާނައީ: "މީސްތަކުންނަށް އެއުރެންގެ (ޢަމަލުތަކުގެ) ހިސާބު ބެއްލެވުމުގެ ވަގުތު ގާތްވެއްޖެއެވެ. އެއުރެންވަނީ ޣާފިލުވެ (އެކަމުން) އެއްކިބާވެގެންވާ ޙާލުގައެވެ."

އަދިވެސް އެއިލާހު ވަޙީކުރައްވާފައިވެއެވެ. ﴿ وَمَا أَمْرُ السَّاعَةِ إِلَّا كَلَمْحِ الْبَصَرِ أَوْ هُوَ أَقْرَبُ إِنَّ اللَّهَ عَلَى كُلِّ شَيْءٍ قَدِيرٌ ﴾ (النَّحْلِ 77) މާނައީ: "އަދި ޤިޔާމަތްވުމުގެ ވަގުތުގެ ކަންތައް، ލޮލުގެ އެސްފިޔަޖަހާހައި ހިނދުކޮޅެއް ފަދައިން މެނުވީ ނުވެތެވެ. ނުވަތަ، އެއަށްވުރެވެސް ގާތެވެ. ހަމަކަށަވަރުން، اللَّه އީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ކަލާނގެއެވެ."

ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "بُعِثْتُ أَنَا وَالسَّاعَةُ كَهَاتَيْنِ"، وَيَقْرُنُ بَيْنَ إِصْبَعَيْهِ السَّبَّابَةِ، وَالْوُسْطَى. رَوَاهُ الشَّيْخَانِ މާނައި: "ތިމަންކަލޭގެފާނު ފޮނުއްވުނީ ޤިޔާމަތާ މިހާވެސް ކައިރީގައެވެ." މިހެން ޙަދީޘް ކުރައްވައި، އެކަލޭގެފާނުގެ ޝަހާދަތް އިނގިލިފުޅާއި މެދު އިނގިލިފުޅު ކައިރިކޮށްލައްވައި ދައްކަލެއްވިއެވެ.

ކީރިތިވަންތަ ﷲ، ދުނިޔޭގެ މިޙަޔާތުގެ މިސާލު ޖައްސަވައިފައިވަނީ އުޑުން ވެހޭ ފެނުގެ މިސާލުގައެވެ. އެފެނުން ބިންގަނޑަށް ދިރުންލިބި ގަސްފަޅައި ހެދި، އިސާހިތަކު އެގަސްތައް ހިކި އަނަރޫފަވެ ނެތިގެން ދެއެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿ إِنَّمَا مَثَلُ الْحَيَاةِ الدُّنْيَا كَمَاءٍ أَنْزَلْنَاهُ مِنَ السَّمَاءِ فَاخْتَلَطَ بِهِ نَبَاتُ الْأَرْضِ مِمَّا يَأْكُلُ النَّاسُ وَالْأَنْعَامُ حَتَّى إِذَا أَخَذَتِ الْأَرْضُ زُخْرُفَهَا وَازَّيَّنَتْ وَظَنَّ أَهْلُهَا أَنَّهُمْ قَادِرُونَ عَلَيْهَا أَتَاهَا أَمْرُنَا لَيْلًا أَوْ نَهَارًا فَجَعَلْنَاهَا حَصِيدًا كَأَنْ لَمْ تَغْنَ بِالْأَمْسِ كَذَلِكَ نُفَصِّلُ الْآيَاتِ لِقَوْمٍ يَتَفَكَّرُونَ ﴾ (يُونُسَ 24)

މާނައީ: "ދުނިޔޭގެ ދިރިއުޅުމުގެ މިސާލު ވާކަން ކަށަވަރީ، ތިމަންރަސްކަލާނގެ އުޑުން ވެއްސެވި ފެނެއްގެ މިސާލު ކަމުގައެވެ. ފަހެ، އިންސާނުންނާއި، ނަޢަމްސޫފި ކައިއުޅޭ ބާވަތްތަކުގެ ތެރެއިން ބިމުގެ ގަސްގަހާގެހި، އެ ވާރޭފެނާ އެކުވެ، އެންމެފަހުން އެ ބިމަށް ރީތިކަމާއި، އާރޯކަންލިބި (މާމެލާމެއްޔާއި މޭވާތަކުން) ޒީނަތްތެރިވެ، އެ ބިމުގެ އަހުލުވެރިން އެ ތަކެތީގެ މައްޗަށް ބާރު ހިންގުމަށް ކުޅަދާނަވެގެންވާކަމަށް ހީކޮށްގެން ތިއްބައި (އެތަކެތި ހަލާކުވެދިއުމަށް) ރޭގަނޑެއްގައި، ނުވަތަ ދުވާލެއްގައި، ތިމަންރަސްކަލާނގެ އަމުރުފުޅު އައެވެ. ފަހެ، އެހިނދު ކޮށާލައިފައިވާ ގޮވާންތަކެއް ފަދައިން، ތިމަންރަސްކަލާނގެ އެތަކެތި ލެއްވީމެވެ. އެތަކެތި އިއްޔެ ނުވެސް ނެތްކަހަލައެވެ. ފިކުރުކުރާ ބަޔަކަށް، ތިމަންރަސްކަލާނގެ އާޔަތްތައް ތަފްޞީލުކޮށްދެއްވަނީ އެފަދައިންނެވެ."

މި މިސާލުވަނީ އެތައް ސޫރަތެއްގައި ތަކުރާރު ކުރައްވައި ވަޙީކުރައްވާފައެވެ. އަޅުގަނޑުމެން ކޮންމެ ހުކުރު ދުވަހެއްގައި ކިޔަވައި އުޅޭ ކަހްފު ސޫރަތުގައި ވަޙީކުރައްވާފައެވެ. ﴿ وَاضْرِبْ لَهُم مَّثَلَ الْحَيَاةِ الدُّنْيَا كَمَاء أَنزَلْنَاهُ مِنَ السَّمَاءِ فَاخْتَلَطَ بِهِ نَبَاتُ الْأَرْضِ فَأَصْبَحَ هَشِيماً تَذْرُوهُ الرِّيَاحُ وَكَانَ اللَّهُ عَلَى كُلِّ شَيْءٍ مُّقْتَدِراً﴾ (الكهف 45) މާނައީ: "ކަލޭގެފާނު އެއުރެންނަށް ދުނިޔޭގެ ދިރިއުޅުމުގެ މިސާލު ޖައްސަވައިދެއްވާށެވެ! އެއީ ތިމަންރަސްކަލާނގެ އުޑުންވެއްސެވި ފެނެއްގެ މިސާލެވެ. ދެން ބިމުގެ ގަސްތައް އެ ފެނާއެކުވެ (ތާޒާކަންލިބި ހެދިގަތުމަށްފަހު) ވަޔާބުރައިގެންދާ ހިކި ކުނޑިތަކަކަށްވެދެއެވެ. ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ."

މިއީ ދުނިޔޭގެ ޙަޤީޤަތެވެ. ފެނުން އާރޯކަން ލިބި، އުފާކަން ގެނުވަނި، ގަސްތައްހެދިކުލަކުލައިގެ މަލާއި މޭވާތައް އަޅައި، އިސާހިތަކު އެގަސްތަކުގެ މާތަކާއި ފަތްތައް މޯޅިވެ، ރީދޫވެ، މުށިކުލައަށް ބަދަލުވެ، ހިކި އަނަރޫފަވެދެއެވެ. މިހުރިހާކަމެއް ހިނގައިދަނީ ނުހަނު ކުޑަ ހިނދުކޮޅެއްގެ ތެރޭގައޭ ހީވާފަދައިންނެވެ.

މާތް ﷲ ގެ އޯގާވަންތަކަމުން ބިމަށް ވެއްސަވާ ފެން، ވެހެނީ ވަކި މިންވަރެއްގެ ތެރޭގައެވެ. އެ މިންވަރާއި ޙައްދުން ބޭރުވެއްޖެނަމަ އެފެނަކީވެސް މުޞީބާތެއްކަމުގައި، މީސްތަކުންނަށްހުރި އިމްތިޙާނެއްކަމުގައިވެދެއެވެ. ދުނިޔެއަކީވެސް އެފަދަ އެއްޗެކެވެ. ދުނިޔޭގެ ދިރިއުޅުމުގެ ޙަޔާތުން ތިމާއަށް ކޮންމެހެން ބޭނުންވާ މިންވަރަށްވުރެން އިތުރަށް އެދޭނެމަ، ތިމާގެ ހަލާކުކަމުގައި އެކަންވެގެން ދެއެވެ. ދުނިޔެވީ އެދުންތަކަކީ މީސްތަކުންނަހުރި ބޮޑު އިމްތިޙާނެއްކަމުގައި މެނުވީ ނުވެއެވެ.

ދުނިޔޭގެ ޙަޔާތުގެ ޙަޤީޤަތް ބަޔާންކުރައްވާފައިވާ މި ބަސްފުޅުތަކާމެދު ވިސްނައި ފިކުރުކޮށްފި ކޮންމެ މީހަކަށްމެ އޭނާ މި ދުނިޔޭގައި ހޭދަކުރާ ވަގުތުކޮޅަކީ މަދު ވަގުތުކޮޅެއްކަން ޔަޤީންވާނެއެވެ. އަދި އެކަމުން ޢިބްރަތް ޙާޞީލުކޮށް އެ ވަގުތުތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަކީ އެއްބަސްފުޅުތަކަށް އީމާންވާ ކޮންމެ މުއުމިނަކަށްމެ ވާޖިބުވެގެންވާ ކަމެކެވެ.

ޙަޔާތުގެ ދުނިޔެއަކީ އެންމެ ބޮޑު ލަނޑުދަނޑިކަމުގައި ހަދައިގެން ނުވާނެއެވެ. ދުނިޔޭގެ މުއްސަނދިކަމާއި ތަނަވަސްކަން ހޯދުމަކީ އެއްމެ އިސްކަންދޭ ކަމެއްކަމުގައި ނަހަދާށެވެ. ތިމާގެ ތަޢުލީމާއި، ވަޒީފާ އަދާކުރުމާއި، އާމްދަނީ ހޯދުމަކީ ދުނިޔޭގެ ދިރިއުޅުމުގައި މާތް ﷲ އަށް އަޅުކަން ކުރުމަށް ފަހިކޮށްދޭ ވަޞީލަތްތަކެއް ކަމުގައި މެނުވީ ނުދެކޭށެވެ. އީމާންވީ އަޅުތަކުންނަށް އޮތީ ނަފްސު އިޞްލާޙުކޮށް މާތް ﷲ ރުއްސަވާ ގޮތުގައި އެ ނަފްސު ސީދާކުރުމެވެ.

ދަންނާށެވެ! ބަރަކާތްތެރި ރަމަޟާންމަހާ ބައްދަލުވެ އެމައްސަރުގައި ހެޔޮކަމުގެ ހުޅުވިފައިވާ ތަނަވަސް ފުރުޞަޠުތައް ނަގައިލައި، އަޅުކަމާއި ހެޔޮ ޢަމަލުތަކުން ޣާފިލުވެއްޖެ މީހަކަށްވުރެ އަބާޖަވެރިޔަކު ނުވެއެވެ.