ބޭރު ކުޅިވަރު

ނޭމާ ދެ ގޯލާއި ސުއަރޭޒްގެ ގޯލަކުން ބާސެލޯނާ ދެ ވަނަ ބުރާ ގާތަށް

ލުއިސް ސުއަރޭޒް ޖެހި ގޯލަކާއި ނޭމާ ޖެހި ދެ ގޯލުން ބާޓޭ ބޮރިސޯވް 3-0އިން ބަލިކޮށް ބާސެލޯނާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރާ ގާތަށް ޖެހިލައިފި އެވެ.

މި މޮޅާއެކު ބާސެލޯނާ އަށް ވަނީ 10 ޕޮއިންޓް ލިބިފަ އެވެ. ގްރޫޕުގެ އެއްވަނާގައި އެ ޓީމު އޮތްއިރު ދެ ވަނާގައި އޮތް އިޓަލީގެ ރޯމާ އަށް ލިބިފައިވަނީ ފަސް ޕޮއިންޓެވެ. ތިން ވަނާގައި އޮތް ޖަރުމަނުގެ ބަޔާން ލެވަކޫސަން އަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ބާޓޭ އަށް ތިން ޕޮއިންޓެވެ.

ގްރޫޕް ސްޓޭޖުގައި ކޮންމެ ޓީމަކަށް ވެސް ބާކީ އޮތީ ދެ މެޗެވެ.

ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ރޭ ޖާގަ ހޯދީ ރަޝިޔާގެ ޒެނިތް ޕީޓަސްބާގެވެ. އެ ޓީމު މޮޅުވީ ފްރާންސްގެ ލިއޯން އަތުން 2-0އިންނެވެ.

މި މޮޅާއެކު ޒެނިތް ޓޭބަލުގެ ކުރީގައިވަނީ 12 ޕޮއިންޓާއެކުގަ އެވެ. ކޮންމެ ޓީމަކަށް ބާކީ ދެ މެޗު އޮތްއިރު ދެ ވަނާގައި އޮތް ސްޕޭނުގެ ވެލެންސިއާ އަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ. އެ ޓީމު ރޭ މޮޅުވީ ހަތަރު ޕޮއިންޓާއެކު ތިން ވަނާގައި އޮތް ގެންޓް އަތުން 1-0އިންނެވެ. މި ގްރޫޕުގެ ފުލުގައި އޮތީ އެންމެ ޕޮއިންޓަކާއެކު ލިއޯން އެވެ.