ފައްޔާޒް އިސްމާއީލް

އެމްޑީޕީގެ ނާކާމިޔާބަކީ ޕާޓީގައި އޮތް ބައިބައިވުން: ފައްޔާޒު

ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީން ވެރިކަންކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ ޕާޓީތެރޭގައި އޮތް ބައިބައިވުމުގެ ސަބަބުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ސިފަ ކުރައްވައިފި އެވެ.

އިއްޔެ ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީން އެމްޑީޕީއަށް ވަނީ ބޮޑު ނާކާމިޔާބީއަކާއި ކުރިމަތިލާން ޖެހިފަ އެވެ. މިދިޔަ 11 އަހަރު އެމްޑީޕީން މާލެ ސިޓީގައި ދަމަހައްޓަމުން އައި ސުޕަ މެޖޯރިޓީ ވަނީ މުޅީން ގެއްލިފަ އެވެ. ޕީޕީއެމުން ވަނީ 12 ގޮނޑި ޔަގީން ކޮށްފަ އެވެ.

ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިހާބުގެ ނަތީޖާއަކީ ޑިމޮކްރަސީގައި ސިޔާސީ ޕާޓީތަކުގެ ނިޒާމަށް ލިބުނު ކުރިއެރުމެއް ކަމަށެވެ. ފައްޔަ ވަނީ އިންތިހާބުގައި އެމްޑީޕީއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ކަމަށް އޭނާއަށް ފެނިވަޑައިގަންނަވާ ބައެއް ސަބަބުތައް ވެސް ވިދާޅު ދެއްވާފައެވެ.

ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ ތެރޭގައި އޮތް ބައިބައިވުމަކީ ނާކާމިޔާބީ ލިބުނު ސަބަބެއް ކަމަށެވެ. އަދި ކޮވިޑް-19 އާ ގުޅިގެން އަޅަން ޖެހުނު ފިޔަވަޅުތަކާއި ކުރަން ޖެހުނު މަސައްކަތްތަކަކީ ވެސް އެކަމުގެ ސަބަބެއް ކަމަށެވެ.

އެމްޑީޕީގެ ކައުންސިލް އިންތިހާބުގެ ކެންޕެއިންގައި އިސްކޮށް ހުންނެވީ ރައީސް ނަޝީދެވެ. އެމަނިކުފާނު ގެންދެވީ މި އިންތިހާބުގައި 70 ޕަސެންޓް ކާމިޔާބު ހޯދާނެ ކަމަށް ވިދާޅުވެފަ އެވެ.