އައްޑޫ ސިޓީ ކައުންސިލް

އައްޑޫގައި އެމްޑީޕީ ބަލިވިކަމަށް ގަބޫލު ނުކުރަން: ސޯބެ

ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަން ކުރާ އެމްޑީޕީއަށް އައްޑޫ ސިޓީއިން ނާކާމިޔާބުވި ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އެ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ސުޕަ މެޖޯރިޓީ އެމްޑީޕީން ދަމަހައްޓަމުން އައި ނަމަވެސް މިފަަހަރުގެ އިންތިހާބްގައި އެމްޑީޕީއަށް ސުޕަ މެޖޯރިޓީ އެއް ނުހޯދުނެވެ. އައްޑޫގެ 12 ގޮނޑީގެ ތެރެއިން އެމްޑީޕީއަށް މިފަަހަރު ކާމިޔާބު ކުރެވުނީ ހަ ގޮނޑި އެވެ. ޕީޕީއެމަށް ތިން ގޮނޑިއެވެ. އަމިއްލަ ކެންޑިޑޭޓުން ވެސް ވަނީ ތިން ގޮނޑި ނަގައިފަ އެވެ.

އެ ބަދަލާ ގުޅޭގޮތުން ސޯބެ މިއަދު "އަަވަސް" އަށް ވިދާޅުވީ އިންތިހާބުގައި އެމްޑީޕީއަށް ނާކާމިޔާބުވީ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި މިހާރު ވެސް އައްޑޫގައި އެމްޑީޕީއަށް މެޖޯރިޓީ އޮތްކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"މިސާލަކަށް މާލެ ސިޓީއިން ބުނެވިދާނެ އެމްޑީޕީއަށް ނާކާމިޔާބުވީ ކަމަށް. އެހެން ނަމަވެސް އައްޑޫގައި އަދިވެސް އެމްޑީޕީ މެޖޯރިޓީ އޮތީމަ ނުބުނެވޭނެ ދޮއްތޯ އެމްޑީޕީއަށް ނާކާމިޔާބުވީ ކަމަށް" ސޯބެ ވިދާޅުވި އެވެ.

ކުރީ ފަހަރުތަކާ އެއްވަރުގެ ކާމިޔާބެއް އެމްޑީޕީއަށް އައްޑޫއިން މިފަހަރު ނުލިބުނީ ކީއްވެގެންތޯ އަވަސް އިން ސުވާލު ކުރުމުން ސޯބެ ވިދާޅުވީ އޭގެ ފަހަތުގައިި ގިނަ ސަބަބުތަކެއް އޮތް ކަމަށެެވެ. އެންމެ ބޮޑު ސަބަބެއް ކަަމަށް އޭނާ ފާހަގަ ކުރެއްވީ ޕާޓީގެ ތެރޭގައި އޮތް ވާދަަވެރިކަމާއި އައްޑޫގެ ޕްރައިމަރީ އެންމެ އެދެވޭ ގޮތަށް ނުދިއުމެވެ.

ސޯބެ ވެސް ވަނީ އައްޑޫ ސިޓީ ކައުންސިލްގެ ޕްރައިމަރީގައި ވާދަކޮށް ފުރަތަމަ ފަހަރަށް ބަލިވެފަ އެވެ. އޭނާއަކީ މިދިޔަ ތިން ދައުރުގައި ވެސް އައްޑޫގެ މޭޔަރެވެ.

ސޯބެ ވިދާޅުވީ ނިމިގެން ދިޔަ ސިޓީ ކައުންސިލްގައި އެ ކައުންސިލްގެ މެމްބަރުން މަސައްކަތް ކުރެއްވި ގޮތާ ދޭތެރޭ ހިތްހަމަ ޖެހިވަޑައިގަންނަވާ ކަމަށެވެ. މިފަހަރު އައްޑޫ ސިޓީގެ މޭޔަރު ކަަމަށް އިންތިހާބުވެވަޑައިގެންނެވީ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރެވެ.