ދަނޑުވެރިކަމުގެ ސާމާނު ގަންނަން އެސްޓީއޯ -- ސަރުކާރު ފިހާރަ -- އިން މާލޭގައި ހެދި "އެގްރިސެންޓަރު" ހުޅުވައި އެތަނަށް ތަކެތި ގަންނަން ފަށައިފި އެވެ.
"އެގްރިސެންޓަރު" ހުޅުވާފައި ވަނީ ހަވީރީ ހިނގުމާއި ފާރުކެނޑި ހިނގުން ގުޅޭ ކަންމަތީގައި ނޯތު ހާބަރު ކުރި މައްޗަށްވާ ގޮތަަށް ކުރިން އެސްޓީއޯގެ ސިމެންތި ފިހާރަ ހިންގި އިމާރާތުގަ އެވެ.
މި ސެންޓަރު ހުޅުއްވައި ދެއްވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ އަލަށް ގެނައި އެ ސެންޓަރުގެ ސަބަބުން ދަނޑުވެރިން ހައްދާ ބާވަތްތަކުން ބާޒާރުގައި އަގު އުފުލިގެން ދިޔަ ނުދީ ހިފެހެއްޓޭނެ ކަމަށެވެ. އެގޮތުން ދަނޑުވެރިކަން ކުރާ ފަރާތްތަކަށް މި ތަކެތިން ލިބެން ޖެހޭ ހަމަ އަގު ހޯދައިދީ ތަކެތި މާކެޓު ކުރަން އެ ކުންފުނިން އެހީތެރި ވެދޭނެ ކަމަށެވެ.

"ތަކެތި ގަންނާނެ އެންމެ ދަށް އަގު އެގްރިސެންޓަރުގެ ވެބްސައިޓުގައި ޝާއިއު ކުރާނެ. އޭރުން ދަނޑުވެރިންނަށް ރަނގަޅު އަގެއް ލިބޭނެ. އަދި ބާޒާރުގައި އަގު ވެސް ހިފެހެއްޓޭނެ،" އަމްރު ވިދާޅުވި އެވެ.
އެސްޓީއޯ އިން ހުޅުވި އެގްރިސެންޓަރަށް ތަކެތި ވިއްކާ ފަރާތްތަކުން ފުރަތަމަ ޖެހެނީ ރަޖިސްޓްރީ ކުރާށެވެ. އޭރުން އެ ފަރާތުން ފޮނުވާނީ ކޮން ބާވަތްތަކެއްކަން މި ރަޖިސްޓްރީއަށް ކުރިން އެނގޭނެ އެވެ. އަދި މިކަމަށް ހާއްސަ ޕޯޓަލް މެދުވެރިކޮށް ގެންނަ ތަކެތީގެ މިންވަރު ދަނޑުވެރިންނަށް އަންގައިދީ އިންޓަނެޓު ބޭންކިން މެދުވެރިކޮށް ވަގުތުން ފައިސާ ދޭނެ އެވެ.
އެސްޓީއޯ އިން އެގްރިސެންޓަރުގެ ނަމުގައި ތަކެތި ގަންނާނެ ތަނެއް ހެދިއިރު، ދަނޑުވެރިކަން ޕްރޮމޯޓް ކޮށް އުފެއްދުންތައް ތައްޔާރު ކުރަން އެގްރޯކޯޕަރޭޝަންގެ ނަމުގައި ސަރުކާރުން ކުންފުންޏެއް ވެސް އުފައްދާފައި އޮވެ އެވެ.