އިސްލާމިކް މިނިސްޓްރީ

ފަގީރުންގެ ދަފްތަރާ ގުޅޭ ޝަކުވާއަށް ހުޅުވާލައިފި

ފަގީރުންނާ މިސްކީނުންގެ ދަފުތަރު އެކުލަވައިލުމުގެ މަސައްކަތް ކުރަމުން ދާތީ ޝަކުވާ ހުށަހަޅަން ބޭނުންވާ މީހުންނަށް އިސްލާމިކް މިނިސްޓްރީ އިން އެ ފުރުސަތު ހުޅުވާލައިފި އެވެ.

މި އަހަރު ފަގީރުންގެ ދަފުތަރު އަލުން އެކުލަވައިލުމުގެ ގޮތުން އެ ދަފުތަރުގައި ރަޖިސްޓަރީ ވާން ބޭނުންވާ މީހުނަށް ފުރުސަތު ހުޅުވައިލީ މިދިޔަ ފެބްރުއަރީ 21 ވަނަ ދުވަހުން ފެށިގެން މަސް ދުވަހަށެވެ. އެ މުއްދަތު ހަމަވިއިރު ރަޖިސްޓްރީ ވާން ހުށަހެޅި މީހުންގެ ތެރެއިން ދަފުތަރުގައި ހިމެނުނު މީހުނަށާއި ނުހިމެނޭ މީހުންނަށް އެކަން އަންގައި މިނިސްޓްރީން ވަނީ މެސެޖެއް ފޮނުވާފަ އެވެ.

މިނިސްޓްރީން ބުނީ އެކަމާ ގުޅިގެން މާލެ ސަރަހައްދުގައި ދިރުއުޅޭ ފަރާތްތަކުން ޝަކުވާ ހުށަހަޅަން ބޭނުންވާ ނަމަ މާދަމާ 2:00 ގެ ކުރިން މެއިލަކުން ޝަކުވާ ހުށަހެޅޭނެ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން މިދިޔަ އަހަރު ފަގީރުންގެ ދަފްތަރުގައި ރަޖިސްޓަރީވާން ހުޅުވާލައިފައެއް ނުވެއެވެ. ނަމަވެސް 2019 ވަނަ އަހަރު ފަގީރުންގެ ގޮތުގައި 8764 މީހަކު ވަނީ ރަޖިސްޓަރީވެފަ އެވެ. އޭގެތެރެއިން 1717 މީހުންނަކީ މާލެއިން ރަޖިސްޓަރީވި މީހުންނެވެ.