ގުޅިފަޅު

ކުރީގެ ވާހަކަތައް ދެެއްކުމުގެ ބޭނުމެއް ނެތް، ގުޅިފަޅުން ގޯތިދީ: މުއިއްޒު

މާލެ ކައިރީގައި އޮންނަ ގުޅިފަޅުގައި މީހުން އާބާދުކުރުމަށް ކުރީ ސަރުކާރުން ގެންގުޅުނު ސިޔާސަތާ ގުޅުވައިގެން ވާހަކަތައް ދެއްކުމުގެ ބޭނުމެއް މިހާރު ނެތް ކަމަށާއި އަދި އެތަނުން އަވަހަށް ގޯތި ދެވޭނެ ގޮތްތައް ހައްދަވައި ދެއްވުމަށް މާލޭގެ އިންތިހާބީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވަވައިފި އެވެ.

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރެވޭނީ ގުޅިފަޅަކީ މީހުން ދިރިއުޅެން ހާއްސަ ރަށެއްގެ ގޮތުގައި ހަމަޖައްސައިގެން ކަމަށް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ވިދާޅުވަމުންނެވެ. ނަމަވެސް އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ކުރީ ސަރުކާރުން ކުރިހާވެސް ކަމަކީ ގުޅިފަޅުން މީހުން ގަދަކަމުން ބޭލުން ކަމަށާއި އަދި ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއެއް ގުޅިފަޅުގައި ހިންގުމުގެ ވިސްނުމެއް ނުގެންގުޅުނު ކަމަށެވެ.

ރޭ ސަންގު ޓީވީގައި ވާހަކަދައްކަވަމުން މުއިއްޒު ވަނީ ރައީސް ސޯލިހްއަށް ރައްދު ދެއްވައި ކުރީގެ ސަރުކާރުން
ގުޅިފަޅާ ގުޅޭގޮތުން ފުރަތަމަ ގެންގުޅުނު ސިޔާސަތުތަކާއި އަދި އެ ސިޔާސަތުތަަކަށް ބަދަލު ގެންނަން ޖެހުނު ސަބަބުތައް ހިއްސާކުރައްވައިފަ އެވެ. އަދި މާކުރިން ގެންގުޅުނު ސިޔާސަތަކާ ހެދި ގުޅިފަޅު ގެދޮރުވެރި މަންޒަލަކަށް ހެދުމަށް ބަހަނާއަކަށް ނަހަދައި ގުޅިފަޅަކީ މީހުން ދިރިއުޅޭ ރަށަކަށް ހާއްސަކުރުމަށް މުއިއްޒު ގޮވާލެއްވި އެވެ.

މިސަރުކާރުން ނިންމާފައިވަނީ ގުޅިފަޅުގައި ބައިނަލްއަގްވާމީ ފެންވަރުގެ ވިޔަފާރި ބަނދަރެއް ތަރައްގީކޮށް އެތަނުން ކޮންމެވެސް ވަރަކަށް ގޯތި ދޫކުރުމަށެވެ.

މުއިއްޒު ވިދާޅުވީ ގުޅިފަޅަކީ މީހުން ދިރިއުޅޭ ރަށަކަށް ހަދަން ކުރިން ނުނިންމީ ތިލަފުށިން އަރާ ދުމާހެދި ގުޅިފަޅަކީ ދިރިއުޅެން އެކަށީގެންވާ ތަނަކަށް ނުވާތީ ކަމަށެވެ.

"އެކަން ކުރަން ފަހުން ނިންމީ ތިލަފުށީގައި ދުން އަރާގޮތަށް އެންދުން ހުއްޓުވޭނެ ގޮތް އޭރު އޮތީ ހަމަ ޖެހިފަ. އޭޑީބީގެ ގްރާންޓް އެއިޑެއް މިނިސްޓްރީއަށް އޮތީ ހަމަޖެހިފަ. އެ ގްރާންޓްގެ ދަށުން ކުނި ނާންދާ ކުނި ނައްތާލެވޭނެގޮތް އޮތީ ހަދަން މަގުފަހިކުރެވެފަ. ދެން އެހެންވީމާ ޖެހިގެން މިއޮތް ގުޅިފަޅުގައި ގެދޮރުގެ މައްސަލަ ހައްލުކުރުމަށް އެތަން ހިއްކާފަ ގެދޮރި ހެދުމުގެ ފުރުސަތު ނުދޭންވީ ސަބަބެއް ނެތް. ކުރިން އޮތީ މިދެންނެވި މައްސަލަ. ދެން ކަމަށް ހައްލެއް ލިބޭގޮތް ވީމަ ގުޅިފަޅު ހިއްކަން ނޫންތޯ ޖެހޭނީ. އެއީ ނޫންތޯ ރަނގަޅުގޮތަކީ. ދެން އެހެންވީމާ ކުރީގެ ވާހަަކަތައް ނެތުމުގެ ބޭނުމެއް ނެތެއްނޫންތޯ." މުއިއްޒު ވިދާޅުވި އެވެ.

ގުޅިފަޅު ހިއްކަން އެކަށީގެންވާ ވަރަށް ވުރެ ބޮޑު ހަރަދެއް ކުރާަކަމަށް ތުހުމަތު ކުރައްވައި އެކަމަށްވެސް މުއިއްޒު ފާޑުވިދާޅުވި އެވެ. އަދި ގުޅި ފަޅު އެއްކޮށް ހިއްކައި އެތަން ގެދޮރުވެރިކަމުގެ މަންޒިލަކަށް ހަދަން އޭނާ ގޮވާލެއްވި އެވެ.