އިސްލާމިކް މިނިސްޓްރީ

ދެ މިނިސްޓްރީގެ ހިޔާލު ތަފާތުވެ ވަގުތީ މިސްކިތް ހުއްޓިފައި

ރޯދަ މަސް ފެށުމުގެ ކުރީން މާލޭގެ މަޖީދީ މަގުގައި ޒިކުރާ މިސްކިތް ކުރިން ހުރި ބިމުގައި ވަގުތީ މިސްކިތެއް އެޅުމުގެ މަސައްކަތް ކުރަން ކުރި މަަސައްކަތް ނުނިމި ދިގު ލައިފި އެވެ.

ވަގުތީ މިސްކިތް ހަދަން ޒިކުރާ މިސްކިތް ހުރި ސަރަހައްދު ކޮންނަމުން ދަނިކޮށް ބައެއް ތަކެތި ވަނީ ފެނިފަ އެވެ. އޭގެ ތެރޭގައި މައްޗަންގޮޅި ބާމިސްކިތުގެ ތަރަހަ -- ބިންގާ -- ކަމަށް ބެލެވޭ ހިރިގަލު ބިނާއަކާއިހިރިގަލު އަށް ކަން ވަޅަކާއި ދިވެހި އަދި އަރަބި ލިޔުމާއި ކުރެހުން ކަނޑާ ނަގާފައިވާ މަހާނަގަލެެއް ފެނިފައިވާ ކަަމަށް ހެރިޖޭޓް މިނިސްޓްރީން ބުނެފައި ވެއެވެ. އަދި އޭގެ އިތުރުން މިނިކަށިތަކެއް ވެސް ފެނިފައި ވެއެވެ.

އެތަކެތި ފެނުމާއި ގުޅިގެން ހެރިޖޭޓް މިނިސްޓްރީން ވަނީ އެ ތަކެތި ދެނެގަތުމުގެ މަަސައްކަތް ފަށާފަ އެވެ. ޒިކުރާގެ ބިމުން ގިނަ އަދަދެއްގެ ހިރިގާ ފެނިފައިވާއިރު މިނިސްޓްރީން މިހާތަނަށް ވެސް އެ ތަކެތި ނަގާފައި ނުވާތީ ވަގުތީ މިސްކިތުގެ މަަސައްކަތް ވަނީ ކުރިއަށް ނުގެންދެވިފަ އެވެ.

އަވަސްއާ ވާހަކަދައްކަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ ޒިކުރާގެ ބިމުން މިނިކަށިތަކެއް ފެނުމާއި ގުޅިގެން އެ ތަނުގައި ގަބުރު ނެތްކަން ޔަގީން ކުރުމަށް ފަހު ނޫނީ މިސްކިތެއް އިމާރާތް ނުކުރާނެ ކަމަށެވެ -- ގަބުރު މަތީ ނަމާދު ކުރުން ހުއްދަ ނޫނެވެ.

އެކަން ޔަގީން ކުރަން އިތުރަށް ބަލަން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް އެ މަސައްކަތް ވެސް ކުރެވޭނީ މިހާރު އެ ސަރަހައްދުން ފެނިފައިވާ ކަމަށް ހެރިޓޭޖުން ދެކޭ ތާރީހީ ތަކެތި އެ ތަނުން ނަގައިގެނެވެ.

"މިހާރު މަސައްކަތް ހުއްޓިފައިވާތާ ދެ ދުވަސް މިވަނީ. އަޅުގަނޑު މިހާރު މިނިސްޓަރު [ޔުމްނާ] އަށް ވެސް ގުޅައިފިން މިކަމުގައި އިތުރަށް މަޝްވަރާ ކުރަން. އެ ބިމުގައި ހުރި ތަކެތި ނެގުމުން ނޫނީ ވަގުތީ މިސްކިތުގެ މަސައްކަތް ކުރިއަށް ނުގެން ދެވޭނެ. އަދި އެ މަސައްކަތް ކުރިއަށް ގެންދާއިރު އެތަނުގައި އިތުރު ގަބުރެއް ނެތް ކަން ޔަގީން ކުރަން ވެސް ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ޒިކުރާ ބިމުގައި ވަގުތީ މިސްކިތެއް ހަދަން ހަވާލުކޮށްފައި ވަނީ ސިވެކް ކުންފުންޏާ އެވެ. މިނިސްޓަރު ވިދާޅުވީ ރޭވި ގޮތަށް މަސައްކަތް ކުރިޔަށް ދިޔަ ނަމަ މިއަދުގެ ކުރިން ވަގުތީ އެ މިސްކިތުގެ މަސައްކަތް ނިންމާލެވުނީސް ކަމަށެވެ. ނަމަވެސް މިހާރު ދިމާވެފައިވާ ކަންކަން ހައްލު ކުރުމަށް ފަހު ވަގުތީ މިސްކިތް ހުޅުވާނެ ތާރީހެއް ބުނަން ނޭނގޭ ކަމަށެވެ.

ހެރިޖޭޓް މިނިސްޓްރީން ބުނީ އެ ބިމުން ސަގާފީ ތަރިކަ ފެނުމާއި ގުޅިގެން އެ މިނިސްޓްރީން އަމަލު ކޮށްފައިވަނީ ގާނޫނުގައިވާ ގޮތުގެ މަތިން ކަމަށެވެ. އަދި ޒިކުރާ ބިމުން ފެނުނު ތަކެތީގެ ތެރެއިން އުފުލޭ ތަރިކަ އެތަނުން ގެންގޮސްފައިވާ ކަމަށާ މިހާރު ހުންނާނީ ނުއުފުލޭ ސަގާފީ ތަރިކަ ކަމަށެވެ. އެއީ ހިރިގަލު ބިނާގެ ފަންއުންޑޭޝަނެެވެ.

މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ވަގުތީ މިސްކިތުގެ މަސައްކަތަށް އަވަހަށް ފެށުމަށް ކޮށްދޭން ޖެހޭ ހުރިހާ މަސައްކަތެއް ކޮށްދީފައި ވާނެ ކަމަށާ ފައުންޑޭޝަންގެ މައްޗަށް ވެލި އެޅުމަށްފަހު ވަގުތީ މިސްކިތުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި މައްސަލައެއް ނެތް ކަމަށް މިދިޔަ އާދިއްތަ ދުވަހު އަންގާފައިވާނެ ކަމަށެވެ.

"މިނިސްޓްރީން ދޭންޖެހޭ ފުރިހަަމަ އެއްބާރުލުން ދޭނެ ގާނޫނީ އިމުގެ ތެރެއިން،" އޮފިޝަލް ވިދާޅުވި އެވެ.

ޒިކުރާ ބިމުން ފެނުނު ތަކެއްޗާއި ގުޅޭގޮތުން ބަލަންޖެހޭ ހުރިހާ ބެލުންތަކެއް ބަލާ އިއްޔެ ނިމިފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.