ރިޕޯޓް

ފިނިފެންމާ ގޮވުން: އެއް ބަޔަކަށް އައި ސިޔާސީ އީދެއް!

މިއީ ޓްވިޓާ ނުވަތަ ދިވެހިން އާންމުކޮށް އަނގަތަޅައި ދެބައޮޑުވައި އުޅޭ ސޯޝަލް މީޑިއާތަކަށް މި ދުވަސްކޮޅު ވަދެ ބޯކޮށްޕާލައިފި ނަމަ ކިޔާލަން ލިބިދާނެ ކަހަލަ ޖޯކެކެވެ. ސަބަބަކީ ރިއާސީ ލޯންޗު "ފިނިފެންމާ" ގައި ދިން ބޮމުގެ ހަމަލާ އަށް ފަހު އާދަޔާހިލާފު ސިޔާސީ ވިލާގަނޑެއްގެ ތެރެއަށް ރާއްޖެ ދަމައިގެން ގޮސް ބައެއްގެ ލޮލުން އޮހުނު ކަރުނަ، އެއް ބަޔަކަށް ބަރަކާތުގެ ވާރޭކަމަށް ގޮސްފައިވީމަ އެވެ.

ކޮންމެ ދުވަހެއް އީދަކަށް ހައްދަވައިގެން ރާއްޖޭގައި ހަވާ އަރުވައި ޒުވާން ނައިބު ރައީސަކު ޖެއްސެވި ސަކަރާތެއް އުފާވެރި ކަމަކަށް ނުވިޔަސް އެ ބޭފުޅާގެ ސިޔާސީ ހަޔާތްޕުޅު "ސްޓިކް ޑައިނަމައިޓެއް" ހެން ގޮވައި އަޅިއަށްވެގެން ދިއުމަށް މެދުވެރި "ފިނިފެންމާ ކްރައިސިސް" އާއެކު ރާއްޖޭގެ ބައެއް މީހުންނަށް އީދަކަށްވެފަ އެވެ.

އެކަމަކު މިއީ ސަމާސާއެއް ނޫނެވެ. އުފާކުރަންވީ ވަގުތެއް ވެސް ނޫނެވެ. އެހެން ނަމަވެސް މިއީ އެންމެ އާދައިގެ މީހާ އިން ފެށިގެން ގޮސް މުއްސަނދި މީހާއަށް އިބްރަތްތެރި ފިލާވަޅުތަކެއް ނަގައިދޭ ބޮޑު ހާދިސާއެކެވެ. އެކަމަކު ގައުމު މިއަދު ވެއްޓިގެންގޮސްފައި މިވާ ނާޒުކު ހާލަތާ މެދު ފިކުރުކޮށް އެ ހާލަތުން މިންޖުވާނެ ގޮތަކާ މެދު ވިސްނައި މަޝްވަރާކުރުމުގެ ބަދަލުގައި ގިނަ މީހުންނަށް މުހިންމުވެފައި ވަނީ ދެބައޮޑުވައި ފިތުނަ އުދެވޭ ގޮތަށް އަމަލުތައް ބެހެއްޓުމެވެ. ނުވަތަ ގައުމެއްގެ ވަލިއްޔުލް އަމްރު އަވަހާރަކޮށްލުމަށް ބަޔަކު މީހުން ހަމަލާ ދީ އިންސާނީ ބޮޑު ޖަރީމާއަކަށް ތައްޔާރުވެ ގައުމު ހަލަބޮލިކަމެއްގެ ތެރެއަށް ވައްޓާލިއިރު ވެސް އެއް ބަޔަކަށް މުހިންމުވީ "ސ" ސުކުން އޮންނަން ޖެހޭ ތަނެއްގައި "އ" ސުކުން އޮވެގެންނެވެ.

މި ގައުމުގައި ވިސްނާ ފިކުރުކުރަން އެ އަށް ވުރެ ސީރިއަސް މައްސަލަތަކެއް ނެތީ ހެއްޔެވެ؟

ވެރިންނާއި މުއައްސަސާތަކަށް އޮތް އިތުބާރު ނެތިގެން ދިއުން!

ދިވެހިން ދިވެހީންގެ ގޮތުގައި މިނިވަންކަންމަތީ އަބަދަށޭ ކިޔާފައި ގައުމުގެ މިނިވަންކަމަށް 50 އަހަރު ފުރުން، މިއިން ޒަމާނެއްގައި ނުދައްކާވަރުގެ ކުލަ ކުޅިވަރާ އެކު ފާހަގަކުރީ އިހަކަށް ދުވަހު އެވެ. ސަލްޓަން ޕާކުގައި ދިއްލި ބޮކިތައް އަދިވެސް ނުނިވެ އެވެ.

އެކަމަކު މިނިވަންކަމުގެ އެ ދަންމަރު ބައި ގަރުނު ދުވަހަށް މިގޮތުގައި ދެމިގެން ހިނގައިދާނެ ކަމުގެ އިތުބާރު މިއަދު އެއްވެސް ދިވެއްސަކަށް އެބައޮތް ހެއްޔެވެ؟

ހަގީގަތަކީ އެއްވެސް ކަމެއްގައި އެއްވެސް މީހަކަށް، ވެރިޔަކަށް، މުއައްސަސާއަކަށް އިތުބާރުކުރުމުގެ ހިތްވަރެއް ގައުމުގެ އެއްވެސް ދިމާލެއްގައި ނެތް ކަމެވެ. އިތުބާރާއި އިހްތިރާމްގެ ކަންފުޅެއް މިއަދަކު މި ގައުމަކު ނެތެވެ. ގައުމެއް ނުވަތަ އިދާރާއެއް ނުވަތަ އެއީ ލޯބިން ގުޅިގެން އުޅޭ ދެ ހިތެއް ކަމުގައިވިޔަސް، އެ ބައެއް ނުވަތަ އެ ގުޅުމެއްގެ ދިރުމަށް އެންމެ މުހިންމުކަން ބޮޑު ދެ ސިފައަކީ އިތުބާރާއި އިހްތިރާމެވެ. މިއީ އިންސާނީ ދަރިފަސްކޮޅު އެނބުރެމުން ދައްކަމުން ގެންދާ މިސާލެވެ.

ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އެންމެން ކަންބޮޑުވެ ގައުމު ކޮނޑަށްލައިގެން ދުއްވައިގަންނަންވީ ވަގުތު ވެސް ދިވެހިން ސަމާސާ އާއި މަލާމާތުގެ ތެރެއަށް ގަންބާލީ އިތުބާރާއި އިހްތިރާމް ކޮރަޕްޓްވެގެން ގޮސްފައި އޮތުމުން ކަމެވެ. އަނެއް ހިތި ހަގީގަތަކީ، އިތުބާރު ގެއްލުމަށް ފަހު އެއެއް އިއާދަކުރުމަކީ ވަރަށް އުނދަގޫކަމެއް ކަމެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވެގެން ދިޔަ ގޮތާއެކު އޭރުގެ ސިޔާސީ ވާދަވެރިންނާއި ސަލާމަތީ ބާރުތަކަށް ކުރެވުނު ބޮޑެތި ތުހުމަތުތަކަކީ ދިވެހިންގެ ހިތްތައް ޒާތީ ހަސަދައިން އަނދައި އަޅިއަށްވެ އިތުބާރު ނެތިގެން ދިޔަ މައިގަނޑު ސަބަބެވެ. ހަގީގަތަކީ އެއަށް ފަހު އެންމެ ކައިރީގައި ހުންނަ މީހާ އަށް އެއްވެސް މީހަކަށް އިތުބާރު ނުކުރެވޭ ކަމެވެ.

ބޮމެއް ވެސް ނުގޮވާ!

ރާއްޖޭގެ ސިޔާސީ ޖައްވުގައި އަނދަމުންދާ ސިޔާސީ ހަސަދައިގެ ނަތީޖާ މި ދުވަސްކޮޅު ނުކުންނަ ގޮތަކީ މިއީ އެވެ. ބައެއް މީހުން ސަމާސާއަކަށް ހަދައިގެން ބުނަނީ، "ތިޔައީ މެޓުން ދިވެހި ރާއްޖޭގެ މޫސުމް ވެސް ލަފާކުރާ ގޮތް" ކަމަށެވެ.

ކޮންމެއަކަސް ގައުމު މި އޮތީ ވަރަށް ވެސް އަނދިރި ދުވަސްތަކެއްގެ ތެރެއަށް ވަދެ ގެއްލިދާފަދަ ހާލަތެއްގަ އެވެ.

ރައީސްގެ ދެކަނބަލުން ދަތުރުކުރެއްވި ލޯންޗުކޮޅުގައި ބޮން ހަރުކޮށް ގޮއްވައި، ފަސްޓް ލޭޑީ އަށް އެ ވަނީ އަނިޔާވެފަ އެވެ. ރައީސް އަވަހާރަކޮށްލުމަށް ރާވައިގެން މާލޭގައި ޕްލާންޓްކޮށްފައި ހުރި ބޮމެއް ވެސް ހޯދައި އެ ވަނީ ނައްތާލައިފަ އެވެ. މިއިން ޒަމާނަކު ވެސް އަތުލައިގެންފައި ނުވާ ވަރުގެ ނުރައްކާތެރި ހަތިޔާރުތަކެއް އެ ވަނީ އާންމުންގެ ބައެއްގެ އަތުން އަތުލައިގަނެފަ އެވެ. މާލޭގެ ގެތަކުން އެ ގެންދަނީ ބޮން ހަދާނެ ތަކެއްޗާއި ފިސްތޯލަ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަމުންނެވެ. ބުނެވޭ ގޮތުގައި ބިދޭސީ ބޮޑު ހަނގުރާމަވެރިޔަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

އެކަމަކު މިއިން އެއްވެސް ވާހަކައެއް ގަބޫލުކުރަނީ ކާކު ހެއްޔެވެ؟ މި ހާލަތުގެ ނުރައްކާތެރިކަމާއި ބިރުވެރިކަން ވަދެފައި ވަނީ ކޮން ދިވެއްސެއްގެ ހިތަށް ހެއްޔެވެ؟

އެންމެފަހުން މި ނުރައްކާތެރި ހާލަތަކުން އަރައިގަތުމަށް ކުއްލި ހާލަތު އިއުލާނުކުރުމުން އެކަން ވެސް އެއް ބަޔަކު ހެދީ ސިޔާސީ ވާދަވެރިކަމަކަށެވެ. މުޅި "ފިނިފެންމާ ކްރައިސިސް" ހަދާލާފައި މި އޮތީ ގަރުނުގެ ބޮޑު ޖޯކަށެވެ. މިއީ ސިޔާސީ ގޮތުން ވަކި ފިކުރުތަކަކަށް ތަބާވާ ބައެއްގެ ނުފޫޒުން ގައުމަށް ކޮށްފައިވާ ނޭދެވޭ އަސަރެކެވެ. އެންމެން އެއްބައިވާންވީ ވަގުތު ބަޔަކު މީހުން ފަތުރައިގެން އުޅޭ ނުބައި ފިތުނަވެރިކަމެކެވެ.

އަބަދުވެސް ހޭއަރަނީ ސަމާސާވިހަވެގެން!

މިއީ ގައުމަށް މިއަދު ކުރިމަތިވެފައިވާ މި ނުރައްކާތެރި ހާލަތު އެއް ބަޔަކު ތަރުޖަމާކުރާ ގޮތެވެ. ނުވަތަ އަނބުރާފައި އޮތް ގޭސްގަނޑަކީ މިއީ އެވެ.

ރައީސް އަބްދުﷲ ޔާމީން ދަތުރުކުރެއްވި ލޯންޗުކޮޅަށް ހަމަލާ ދިނުމުގެ ތުހުމަތުގެ އިނގިލި ސަރުކާރުން ދިއްކޮށްފައިވާ ފަރާތަކީ ނައިބު ރައީސްކަމުން އިއްޔެ ވަކިކުރި އަހުމަދު އަދީބެވެ. ބޮން ގޮވި ކަމަށް ބަޔަކު މީހުން ގަބޫލުނުކުރާއިރު އެ ބޮމެއް ގޮއްވުމުގެ ރޭވުމުގައި ކުރީގެ ނައިބު ރައީސް އަދީބު ބައިވެރިވެ ވަޑައިނުގަންނަވާ ކަމަށް ބުނާ މީހުން ވެސް ގިނަ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު ވެސް ފޭކު!

އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓުންނާއި އެ ޕާޓީ އަށް ނިސްބަތްވާ މަޖިލިސް މެމްބަރުން އަދި ބައެއް އޮފިޝަލުން ވެސް ގަބޫލުކުރައްވާ ގޮތުގައި ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި މި ވަނީ ސީދާ އެމްޑީޕީ އަށް އަމާޒުކޮށްގެންނެވެ. އެއީ މިއަދު އެ ޕާޓީ އިން ބޭއްވުމަށް ރާވައި އިއުލާނުކުރި މުޒާހަރާ އަށް ފުރުސަތު ނުދިނުމަށެވެ.

މިތަނުގައި ފާހަގަކޮށްލަން ޖެހެނީ ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ މައިގަނޑު އަމާޒާއި އެމީހުންގެ ފިކުރު ހުންނަ ގޮތާއި އެމީހުންގެ ނަޒަރުގައި އެމީހުން ޒިންމާދާރުވާން ޖެހޭ ގޮތެވެ. ރާއްޖޭގެ ސިޔާސީ ޕާޓީތަކަށް ވިސްނިފައި އޮންނަ ގޮތަކީ އެމީހުންގެ މުޅި މަގުސަދަކީ ވެރިކަމުގައި އޮންނަ ޕާޓީގެ ސަރުކާރު ވައްޓާލުން ކަމަށެވެ.

މިއީ ހަގީގަތުގައި ޒިންމާދާރުކަން ކުޑަ އަދި އަމިއްލަ އެދުން ބޮޑު ވިސްނުމެކެވެ. ސިޔާސީ ޕާޓީއެއް، އެއީ އެމްޑީޕީ އަދި ޕީޕީއެމް ކަމުގައިވިޔަސް އެ ބަޔަކު މިއަށް ވުރެ ހަރުދަނާ ނުވަތަ ޒިންމާދާރު ގައުމީ ރޫހެއް ހުރި ބަޔަކަށް ވާން ޖެހޭނެ އެވެ. އަދި ވަކިން ހާއްސަކޮށް ގައުމަށް މިފަދަ ނުރައްކަލެއް ކުރިމަތިވެފައިވާ ހާލަތެއްގައި ފުރާފުރިހަމަވާން ޖެހޭނެ ނޫން ހެއްޔެވެ؟

ނަމަވެސް އެމްޑީޕީ މި ފެންނަނީ ޕީޕީއެމްގެ ސަރުކާރު ތަޖުރިބާކުރަން ޖެހިފައިވާ ބަދުނަސީބު ދުވަސްތަކުގެ ފައިދާ ނަގައި ވެރިކަން ވައްޓާލަން ހިފާލާފައިވާތަނެވެ.

ސުނާމީއެއް ރާއްޖެ އަރައިގެން އުޅުނު ދުވަސްވަރު ރާއްޖޭގެ އެއްބައިވަންތަކަން އޮތް ގޮތާއި އޮތް ދަރަޖަ މަތިން ހަނދާންކޮށްލުމަކީ ރާއްޖެ ކައްސާލާފައި އޮތް ދަރަޖަ ވަޒަންކުރަން ފަސޭހަވެދާނެ ކަމެކެވެ.

ސުނާމީ އަރައިގެން އުޅުނު ދިވެހިން ދެއްކި އެއްބައިވަންތަކަމުގެ ވާހަކަ އަކީ މިހާރު ވެސް ފަހުރުވެރިކަމާ އެކު ބައެއް މީހުން ދައްކައި އުޅޭ ވާހަކަ އެކެވެ. އެކަމަކު އެނގޭ ހެއްޔެވެ؟ އޭރަކު ދިވެހިންގެ މެދުގައި މި ސިޔާސީ ވާދަވެރިކަމަކާއި ހަތުރުވެރިކަމެއް އަދި ނުރައްކަލެއް ވެސް ނެތެވެ.

ސުނާމީއެއް އަރައިގެން ދިވެހިން އެކަތިގަނޑަށް ހަދާލީ ސިޔާސީ ފިކުރު އައިސް މިވެރިން ބައިބައިކުރުމުގެ އަހަރެއްވަރު ކުރިންނެވެ. އެއަށް ފަހު ދިވެހިން އަލުން އެއްބައިވަންތަކޮށްލާވަރުގެ ކާރިސާއެއް ތަޖުރިބާކޮށްފައެއް ނުވެ އެވެ. އެންމެ ހަލަބޮލިވި ދުވަހަކަށް ވެސް ދިޔައީ "ހަތެއް ފެބްރުއަރީ" އެވެ.

އެ ދުވަހު ދިވެހިން އިތުރަށް ބައިބައިކޮށްލީ އެވެ. އެއަށް ފަހު ރައީސް ޔާމީން އަވަހާރަކޮށްލުމަށް ބޮން ގޮއްވައި ރޭވި ރޭވުންތަކާ އެކު ވެސް ދިވެހިން އިތުރަށް ބައިބައިވެގެން ދިޔައީ އެވެ.

ހަގީގަތަކީ ދިވެހިންނަށް ކޮންމެ ކަމެއްގައިވެސް ބޮޑު މަންޒަރު ފެނި ގައިން ހީބިހި ނަގައިގެން ދަނީ އޭރެއްގައި އޮންނަ ސަމާސާއެއް ނުވަތަ މައްސަލަ ވިހަވެގެންދާ ހިސާބުންނެވެ. މިސާލަކަށް ބުލީކުރި މައްސަލައެއްގައި ދަރިވަރަކު އަމިއްލަ އަށް މަރުވުމުގެ ކުރިން ބުލީ ކުރުމަކީ މިތަނުގައި އެއްވެސް ބަޔަކު މާ ބޮޑު ސަމާލުކަމެއް ދިން މައްސަލައެއް ނޫނެވެ.

މައިންބަފައިން އެމީހުންގެ ދަރިންނަށް ކުރާ އަނިޔާ އަށް ވެސް ދިވެހިން އިހަކަށް ދުވަހު ހޭލި އެވެ. އެއީ "އިބްތިހާލް" އޭ ކިޔުނު ކުޑަކުއްޖަކަށް އެ ކުއްޖާގެ މަންމަ އަނިޔާކޮށް މަރާލި ޚަބަރެއް ގައުމަށް ފެތުރިގެންނެވެ. އެ ވެސް ފަހުން "އެކޮއި" އަކަށް ބަދަލުވެ "އެ ޖޯކަކަށް" ވެ ނިމިގެން ދިޔައީ އެވެ.

މިފަހަރު ވެސް ވެގެން މި އުޅެނީ ހަމަ މިކަހަލަ ގޮތެކެވެ. ބޮމެއް ގޮވައި އަނެއް ބޮމެއް ހޯދައި ޑިފިއުސްކުރީމަ އެކަންވީ އާންމުންނަށް ޖޯކަކަށެވެ. އެ ހިސާބުން ބަޔަކު މީހުން "ފޭކް ބޮމާއި" "ފޭކް އެލާޓް" ވެސް ސަމާސާ ވެސް ޖައްސަން ފެށީ އެވެ.