އިސްލާމިކް މިނިސްޓްރީ

"ދަރުސް ހުއްދަ ނުފޮނުވި އޮތީ އިދާރީ އޮޅުމަކުން"

Apr 14, 2021
6

ކޮންމެ ރޯދަ މަހަކު ޖަމިއްޔަތުއް ސަލަފުން ބާއްވާ ދަރުސް ސިލްސިލާ މި އަހަރު ބާއްވަން ނިންމައި އިސްލާމިކް މިނިސްޓްރީގެ ހުއްދައަށް އެދުމުން އެ ހުއްދައިގެ ލިޔުން ނުފޮނުވި އޮތީ އިދާރީ އޮޅުމަކުން ކަމަށް މިނިސްޓްރީން ބުނެފި އެވެ.

ސަލަފުން އިއްޔެ ބުނީ ރޯދަ މަހު ފުރުގާން މިސިްކިތުގައި ކުރިއަށް ގެންދާ ދަރުސް ސިލްސިލާ މިއަހަރު ވެސް ކުރިއަށް ގެންދަން ނިންމާ ހުއްދައަށް އިސްލާމިކް މިނިސްޓްރީގައި އެދިފައިވާ ކަމަށެވެ. ނަމަވެސް އިއްޔެގެ ނިޔަލަށް ވެސް އިސްލާމިކް މިނިސްޓްރީން އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ.

އެކަމާއި ގުޅިގެން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރާއި މިނިސްޓްރީއަށް އަމާޒުވެފައި ވަނިކޮށް މިނިސްޓްރީން ބުނީ ސަލަފުން އެދުނު ހުއްދަ ދޭން ނިންމާ އެކަމުގެ ލިޔުން ތައްޔާރު ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ލިޔުން އެ ޖަމިއްޔާއަށް ނުފޮނުވި އޮތީ އިދާރީ އޮޅަކުން ކަމަށެވެ. އިއްޔެ އެކަން ފާހަގަވުމުން ސަލަފުގެ އިސް ވެރިޔަކަށް ފޯނުން ގުޅާ ދަރުސް ސިލްސިލާއަށް ހުއްދަ ދީފައިވާކަން އަންގާފައިވާ ކަމަށެވެ.

އަހަރުތަކެއް ކުރިން ފެށިގެން ކޮންމެ ރޯދަ މަހަކު ސަލަފުން ފުރުގާން މިސްކިތުގައި ސިލްސިލާ ދަރުސްތަކެއް ކުރިއަށް ގެންދެއެވެ. އާންމުންގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލުވި މި ސިލްސިލާތައް ކޮންމެ އަހަރަކު ކުރިއަށް ގެންދަނީ ވަކި މައުލޫއަކަށެވެ. އަސުރު ނަމާދަށް ފަހު ކުރިއަށް ގެންދާ މި ދަރުސް ސިލްސިލާގައި އެ ޖަމިއްޔާއަށް ނިސްބަތްވާ އިލްމުވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.