ބޭރު ކުޅިވަރު

ލިވަޕޫލް މޮޅުވެ، ޑޯޓްމުންޑް ދެ ވަނަ ބުރަށް

ޔޫރޮޕާ ލީގުގައި ރޭ ލިވަޕޫލް މޮޅުވެ، ބޮރޫޝިޔާ ޑޯޓްމުންޑް ދެ ވަނަ ބުރަށް ދަތުރުކޮށްފި އެވެ.

ލިވަޕޫލް މޮޅުވީ ރުބެން ކަޒާން އަތުން 1-0އިންނެވެ. ލަނޑު ޖެހީ ޖޯޑަން އިބޭ އެވެ. މިއީ 19 އަހަރުގެ ފޯވަޑް ލިވަޕޫލަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.

މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޖާގަން ކްލޮޕް ވަނީ އިބޭ އަށް ވަރަށް ބޮޑަށް ތައުރީފްކޮށްފަ އެވެ.

" ޖޯޑަން އަކީ ވަރަށް ހުނަރުވެރި ކުޅުންތެރިއެއް. ވަރަށް ގިނަ ޓެލެންޓް ހުރި އަވަސް، ވަރުގަދަ އަދި ބޯޅަ ހިފަހައްޓައިގެން ކުޅޭ ކުޅުންތެރިއެއް. އޭނާ އަދި ވަރަށް ގިނަ އެއްޗެހި ދަސްކުރަންޖެހޭ. އެކަމަކު އޭނާ ވަނީ ރަނގަޅު ފައުންޑޭޝަނެއްގައި. މި މެޗުގައި އޭނާގެ މޮޅުކަން އެންމެނަށް ވެސް ފެނިއްޖެ. ހުރިހާ އެންމެން ފަދައިން އޭނާ އަށް ކުރިމަގު އެބައޮތް. އޭނާ އަޑުއަހަން ތައްޔާރުނަމަ އޭނާ ވަރަށް ރަނގަޅު ކުޅުންތެރިއަކަށްވާނެ،" ކޯޗު ބުންޏެވެ.

މި މެޗުން މޮޅުވުމުން ލިވަޕޫލް އޮތީ ގްރޫޕުގެ ދެ ވަނާގަ އެވެ. އެއީ ހަ ޕޮއިންޓާއެކުގަ އެވެ. އެއްވަނާގައިވަނީ އަށް ޕޮއިންޓާއެކު ސިއޮން އެވެ. ތިން ޕޮއިންޓާއެކު ތިން ވަނާގައި އޮތް ބޯޑޯ އާއި ސިއޮން ރޭ ކުޅުނު މެޗު ނިމުނީ 1-1އިން އެއްވަރުވެގެންނެވެ. ރުބެން ކަޒާން އަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ.

ޑޯޓްމުންޑް ދެ ވަނަ ބުރަށް

ލިވަޕޫލްގެ ކޯޗު ޖާގެން ކްލޮޕްގެ ކުރީގެ ޓީމު ޑޯޓްމުންޑް ދެ ވަނަ ބުރުން ޖާގަ ހޯދީ އަޒަރަބައިޖާންގެ ގަބާލާ އަތުން 4-0އިން މޮޅުވެގެންނެވެ.

ލަނޑު ޖެހީ މާކޯ ރޮއިސް އާއި އެމެރިކް އައުމަބަމޭ އާއި ހެންރިކް މިހްތަރްޔާން އެވެ. އަނެއް ގޯލަކީ ބައި ގޯލެކެވެ.

މި މޮޅާއެކު ޑޯޓްމުންޑަށް ވަނީ 10 ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނަ ލިބިފަ އެވެ.