ދުނިޔެ

"އަސަދު ސަރުކާރުން ކެމިކަލް ހަތިޔާރު ބޭނުންކުރި"

އަސަދު ސަރުކާރުން 2018 ގައި ހުޅަނގު އުތުރު ސީރީއާގައި ކެމިކަލް ހަތިޔާރު ބޭނުންކުރި ކަމަށް ބުނުމަކީ ސިހޭ ވަރުގެ ކަމެއް ނޫން ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފި އެވެ.

އޮގަނައިޒޭޝަން ފޮ ދި ޕްރޮހިބިޝަން އޮފް ކެމިކަލް ވެޕަންގެ އިންވެސްޓިގޭޝަން އެންޑް އައިޑެންޓިފިކޭޝަން ޓީމްއިން އެކުލަވާލައި ޝާއިއުކުރި ރިޕޯޓުގައި ބުނެފައިވާ ގޮތުން އާންމުކޮށް މީހުންނަށް އެނގި ފަރިތަ ނޫން ކެމިކަލް ވެސް އާންމުންނާ ދެކޮޅަށް ބޭނުން ކޮށްފައި ހުއްޓެވެ.

ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާން ނެޑް ޕްރައިސް ވިދާޅުވީ ސީރިއާގައި އާންމުންނާ ދެކޮޅަށް ހިންގާފައި ހުރި ޖަރީމާތަކުން ރެކެވޭނެ އުކުޅެއް އަސަދަގެ ކިބައިގައި ނެތް ކަމަށެވެ.

އިދްލީބުގެ ސަރާގިބަށް ކެމިކަލް ހަތިޔާރުން ހަމަލާ ދިނުމުގައި މިލިޓަރީ ހެލިކޮޕްޓަރު ބޭނުންކުރި ކަމަށް ރިޕޯޓްގައި ވެއެވެ. އެއީ މަގެއްގެ މައްޗަށް ކްލޮރީން ސިލިންޑަރެއް ވައްޓާލުމަށެވެ. ރިޕޯޓްގައި ބުނެފައިވާ ގޮތުން ސިލިންޑަރު ވެއްޓުމާއެކު ފަޅައިގެން ގޮސް މުޅި ސަރަހައްދަށް ކްލޮރީން ގޭސް ފެތުރުނެވެ.

ހަނގުރާމައިގައި ކްލޮރީން ބޭނުން ކުރުމަކީ ކުށެކެވެ. ބައިނަލްއަގުވާމީ މުއާހަދާތަކުން ކުށެއް ކަމަށް ކަނޑައަޅާފައި ވާއިރު އެކަންކުރި މީހުންނަކީ ކުށްވެރިންނެވެ. ހެލިކޮޕްޓަރުތަކުގައި ސީރިއަން އަރަބް އެއާ ފޯސްގެ ނަންބޯޑު ޖަހައިގެން ދުއްވަނީ އަސަދު ސަރުކާރުން ނޫން ބައެއް ނޫނެވެ.