ހަބަރު

ސްކައިޑައިވެއް ރާވައިދޭން އައި މީހާ ފައިސާތަކާއެކު ފިލައިފި

ސްކައިޑައިވް އިވެންޓެއް އިންތިޒާމް ކުރަން ރާއްޖެ އައި ބިދޭސީއަކު އެ އިވެންޓުން ލިބުނު ދެ މިލިއަނަށް ވުރެ ގިނަ ފައިސާއާއެކު ރާއްޖެއިން ފިލައިފި އެވެ.

ފިލީ މިސްރުގެ ރައްޔިތެއް ކަމަށްވާ މުހައްމަދު އަބްދުﷲ އަލް މުރުސީ އެވެ. އޭނާ ރާއްޖެ އައީ ރާއްޖޭގެ ސްކައިޑައިވް ކުންފުންޏެއް ކަމަށްވާ ސްކައިޑައިވް މޯލްޑިވްސް އައިލެންޑް ޕްރައިވެޓް ލިމިޓެޑްއިން އިންތިޒާމް ކުރި އިވެންޓެއް ރާވައި ދޭށެވެ.

މިދިޔަ މަހުގެ ދޭކުން އަށަކަށް ދ. ކުޑަހުވަދޫގައި ކުރިއަށް ގެންދިޔަ ސްކައިޑައިވިން އިވެންޓްގައި 56 ފަރާތަކުން ބައިވެރިވި އެވެ. އިވެންޓްގައި ބައިވެރިވުމަށް ކޮންމެ ފަރާތެއްގެ އަތުން 3500 އާއި 4800 ޑޮލަރުގެ އަދަދެއް ވަނީ ނަގައިފަ އެވެ.

އެސޯސިއޭޝަން އޮފް ސްކައި ސްޕޯޓްސް މޯލްޑިވްސްގެ އިސް ބޭފުޅަކު "އަވަސް" އަށް ވިދާޅުވީ މުރުސީ ފިލީ އިވެންޓުން ލިބުނު 150،000 ޑޮލަރު (ގާތްގަނޑަކަށް 2.3 މިލިއަން ރުފިޔާ) އާއެކުގައި ކަމަށެވެ.

"މުރުސީ ފައިސާ ދޭން އިންކާރުކުރީ އޭނާ ރިސޯޓްގައި ހުރިިއިރު 10،000 އަށްވުރެ ޑޮލަރު ގެއްލުނީ ކަމަށް ބުނެ. ފައިސާ ނުދިނުމުން އެ މައްސަލަ އަޅުގަނޑުމެން ކޯޓަށް ވެސް ހުށަހެޅިން. ނަމަވެސް ކޯޓުން ޕާސްޕޯޓް ދޫކޮށްލުމާއެކު އޭނާ ފުރައިގެން ހިނގައްޖެ." ވިދާޅުވި އެވެ.

އެ މައްސަލަ މިހާރު ވެސް ފުލުހުން ދަނީ ބަލަމުން ނެވެ. ފިލައިގެން ދިޔުމުގެ އިތުރުން ސްކައިޑައިވް މޯލްޑިވްސް ސޯޝަލް މީޑިއާ އެކައުންޓްތަކުގެ ކޮންޓްރޯލްވެސް އޮތީ މުރުސީގެ އަތުގަ އެވެ. އެހެންވެ އެ އެކައުންޓައް ހޯދަން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށް ސްކައިޑައިވް އެސޯސިއޭޝަނުން ބުންޏެވެ.