ހަބަރު

ޖީސީއެފް އިން ރާއްޖެއަށް 23.6 މިލިޔަން ޑޮލަރު ދެނީ

ކޮންމެ އަހަރެއްގެ އިރުވައި މޫސުމު ރާއްޖޭގެ ބައެއް ރަށްރަށަށް ދިމާވާ ބޯފެނުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން ހިނގާ މަޝްރޫއަށް ގްރީން ކްލައިމެޓް ފންޑު (ޖީސީއެފް) އިން 23.6 މިލިއަން ޑޮލަރު ދޭން ނިންމައިފި އެވެ.

އެންވަޔަރަންމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ މިއީ އިރުވައި މޫސުމުގައި ފެނަށް ޖެހޭ ރަށްރަށަށް ދިމާވާ މައްސަލަ ހައްލުކޮށްދޭން ސަރުކާރުގެ މެނިފެސްޓޯގައި ހިމަނާފައިވާ ވައުދު ފުރިހަމަ ކުރުމަށް ލިބުނު ވަރަށް ބޮޑު އެހީއެއް ކަމަށާއި މިމަޝްރޫއު ދަށުން ވާރޭފެން ރައްކާކުރެވޭ ނިޒާމްތައް ހަރުދަނާކޮށް އިތުރު ކުރުމާއި، ލޮނު ފެންމީރު ފެނަށް ހަދާ ނިޒާމް ބެހެއްޓުން ހިމެނޭ ކަމަށެވެ.

"އިރުވައި މޫސުމުގައި ބޯފެނަށް ޖެހުމުގެ މަސްއަލަ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ކުރިމަތިވަމުންދާތީ، އެކަމަށް ދާއިމީ ޙައްލެއް ހޯދުމަށްޓަކައި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ވެސް ވަރަށް ގިނަ ރަށްރަށުގައި ވާރޭފެން ނަގައި ރައްކާކުރުމުގެ ނިޒާމު ދަނީ ޤާއިމު ކުރަމުން. މިނިސްޓަރު ވިދާޅުވި އެވެ.

ޖީސީއެފް އަކީ މޫސުމަށް އަންނަ ބަދަލުތަކުން ދިމާވާ ގެއްލުންތައް ކުޑަކުރުމުގެ އިތުރަށް، މިދެންނެވި ބަދަލުތަކަށް ހޭނުމަށް ބޭނުންވާ ފައިސާގެ އެހީ ދޭ ފަންޑެކެވެ. އެ ފަންޑުން އެހީ ހޯދުމަށް 37 ގައުމަކުން ޕްރޮޕޯޒަލް ހުށަހެޅި އެވެ. އެހީ ދިނުމަށް ބޯޑަށް ހުށަހެޅުނީ އަށް އުމެއްގެ މަޝްރޫއުތަކަށެވެ. މީގެ ތެރެއިން ރާއްޖެ ހިމެނެނީ އެންމެ ފުރަތަމަ ލިބުނު ގައުމުތަކުގެ ތެރޭގަ އެވެ.

އިރުވައި މޫސުމުގައި ރާއްޖޭގެ ބައެއް ރަށްރަށަށް ދިމާވާ ބޯފެނުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް ޖީއެފްސީގެ އެހީގައި ސަރުކާރުން ހިންގާ މަޝްރޫޢުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.