ހަސަން އަފީފް

މާލިއްޔަތު ކޮމެޓީއަށް އިތުބާރެއް ނެތް: އަފީފް

ދައުލަތުގެ ހަރަދުތައް ހިނގާ ނުހިނގާ ގޮތް ބެލުމަށް މަޖިލީހުގައި އޮންނަ މާލިއްޔަތު ކޮމެޓީއަށް އިތުބާރު ނެތް ކަމަށް ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށް ޓަކައި މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ނެގި 4.4 ބިލިއަން ރުފިޔާގެ އޯވަޑްރާފްޓު ނުވަަތަ އޯވަޑްރޯ ފެސިލިޓީގެ މުއްދަތު އިތުރު ކޮށްދޭން މަޖިލީހުގައި އެދިފައިވާތީ އެކަމާ ގުޅޭގޮތުން މިއަދު މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސްގެ ތެރެއިން ނެވެ.

އެ ބަހުސްގައި އަފީފް ވަނީ ފިނޭންސް މިނިސްޓްރީން މިފަހުން ހަރަދުތައް ކުރުމުގައި އަމަލުކޮށްފައިވާ ގޮތަށް ފާޑުވިދާޅުވެފަ އެވެ. އަދި މިހާރުވެސް މިނިސްޓްރީން ހަރަދުތައް ކުރަމުންދަނީ އެންމެ ރަނގަޅަށްތޯ ވެސް ސުވާލު އުފެއްދެވި އެވެ.

އެގޮތުން އޭނާ ފާހަގަ ކުރެއްވީ ކޮވިޑާ ގުޅިގެން ދުބާއީ ކުންފުންޏެއް މެދުވެރިކޮށް ވެންޓިލޭޓަރުތައް ގެނައުމުގައި މާލިއްޔަތު ގާނޫނާ ހިލާފަށް އަމަލުކޮށްފައި އޮތް އޮތުމެވެ. ހާއްސަކޮށް ގާނޫނާ ހިލާފަށް އެޑްވާންސްކޮށް އެތައް މިލިއަނުން ފައިސާ ދޫކުރިއިރު އެކަން ފިނޭންސް މިނިސްޓަރު އިބްރާހިމް ރަނގަޅަށް ބެއްލެވިކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވި އެވެ. އަދި މިހާރުވެސް ހަރަދުތައް ކުރަމުން ގެންދަނީ އެންމެ ރަނގަޅަށް ބަލަން ޖެހޭތޯ ވިދާޅުވި އެވެ.

އެހެންކަމުން އޯވަޑްރޯ ފެސިލިޓީގެ މުއްދަތު އިތުރު ކޮށްދިނުމަށް މާލިއްޔަތު ކޮމެޓީން ދިރާސާކުރުމުގެ ބަދަލުގައި އެކަން މަޖިލީހުން ހާއްސަ ކޮމެޓީއެއް އެކުލަވާލައިގެން ކުރިއަށް ގެންދަން އޭނާ ގޮވާލެއްވި އެވެ. އެއީ މިހާރު މާލިއްޔަތު ކޮމެޓީ އޮތް ގޮތުން އެކަން ރަނގަޅަށް ބެލޭނެ ކަމަށް ގަބޫލު ނުކުރައްވާތީ ވެސް ކަމަށް ވިދާޅުވެ އެވެ.

"މި މަޖިލީހުން ހާއްސަ ކޮމެޓީއެއް ނަގައިގެން މި ހަރަދުތައް ކުރެވިފައި ހުރީ ރަނގަޅަށްތޯ ބަލައި ހަރަދުތައް ކުރަންވާ ގޮތާއި ރަނގަޅު އިރުޝާދުތަކާއެކު މި ހަރަދުތައް ކުރުމަށް އަޅުގަނޑަށް ފެންނަނީ އިތުރު މުއްދަތެއް ދިނުމަށް. އަޅުގަނޑު މި ހުށަހަޅަނީ މަޖިލީހުގެ ހާއްސަ ކޮމެޓީއެއް ނަގައިގެން ކޮމެޓީން މި ހުއްދަ ދިނުމަށް." އަފީފް ވިދާޅުވި އެވެ.

އެ މައްސަލައަށް ބަހުސް ކުރެއްވި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވެސް ވަނީ އަފީފްގެ ވާހަކަތަަކަށް ތާއީދު ކުރައްވައިފަ އެވެ. އަދި މިހާރުވެސް ދައުލަތަށް އާމްދަނީ ހޯދުމަށް ރައްޔިތުންގެ އަތުން ޓެކްސްއާއި ވިޔަފާރިން ފައިދާ ނަގައިގެން އޭގެން ލިބޭ ފައިސާ ހަރަދުކުރަނީ އެންމެ ރަނގަޅަށްތޯ އޭނާ ސުވާލު އުފައްދެވި އެވެ. ހާއްސަކޮށް ކޮވިޑާ ގުޅިގެން ބައެއް ކުންފުނިތަކުން ހަރަދުކުރި ގޮތާ ނާޖާއިޒް ގޮތަށް ހަދިޔާގެ ގޮތުގައި ތަކެތި ނަގައިފައިވާ ކަަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން ފިނޭންސް މިނިސްޓްރީއާއި ކުންފުނިތަކުން ހަރަދުކުރަނީ އެންމެ ރަނގަޅަށްތޯ ބަލައި ފިނޭންސް މިނިސްޓަރާއި ކުންފުނިތަކުގެ އިސް ބޭފުޅުން ހާޒިރުކޮށް ހުރިހާ މައޫލާމާތުތައް ސާފުކޮށްފައި ނޫނީ އޯވަޑްރޯ ފެސިލިޓީގެ މުއްދަތު އިތުރު ނުކޮށްދޭން އޭނާ އެދިވަޑައިގެންނެވި އެވެ.