ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކިއުގައި ނުޖެހި ވެކްސިން ޖެހޭނެ ގޮތް ހަދައިފި

Apr 19, 2021
2

ކޮވިޑް 19 އިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށް އެތައް ބަޔަކު ވެކްސިން ސެންޓަރުތައް ދޮށުގައި ގިނަ އިރު ކިއު ހަދައިގެން ތިބެންޖެހޭތީ އޮންލައިންކޮށް ޓޯކަން ނަންބަރުގެ ތަރުތީބު ބެލޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

އެޗްޕީއޭ އިން ބުނީ އޮންލައިންކޮށް ޓޯކަން ނަންބަރަށް ހިދުމަތްދޭ ތަރުތީބު ބެލޭނެ އިންތިޒާމު މާލެ ސަރަހައްދުގެ ތިން ވެކްސިން ސެންޓަރެއްގައި ހަމަޖައްސާފައިވާ ކަމަށެވެ. އެއީ ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރާއި، މާލޭގެ ސޯޝަލް ސެންޓަރާއި، ނެޝަނަލް އާޓް ގެލަރީ އެވެ.

ވެކްސިން ސެންޓަރުތަކުން ހިދުމަތް ހޯދުމަށްޓަކައި ޓޯކަން ނަންބަރެއް ނެގުމަށްފަހު ކިއޫގައި މަޑުނުކޮށް ޓޯކަން ނަންބަރުގައިވާ ކިއުއާރު ކޯޑް ސްކޭންކޮށްލައިގެން ހިދުމަތްދޭ ނަންބަރު ބެލޭނެ ކަމުގައިވެސް އެޗްޕީއޭ އިން މައުލޫމާތު ދީފައިވެ އެވެ.

އޮންލައިންކޮށް ޓޯކަން ނަންބަރުގެ ތަރުތީބު ބެލޭނެ ގޮތް ހަމަޖައްސާފައި މިވަނީ ވެކްސިން ކިއުތައް ދިގުވެ ގިނައިރު ކިއުގައި ޖެހިގެން ތިބެން ޖެހުމުން އާންމުންގެ ޝަކުވާތައް ގިނަވުމުންނެވެ.

ވެކްސިން ޖެހުމަށް ބޭނުންވާ މީހުންނަށް މާލޭގައި މިހާރު ވެކްސިން ޖަހައިދެނީ ރޭގަނޑު 9:00 އިން 11:45 އަށެވެ.

ކޮވިޑް 19 އިން ރައްކާތެރިވުމަށް ވެކްސިން ޕްރޮގްރާމު ފެށުމާ އެކު މިހާތަނަށް 279،302 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފަ އެވެ. އަދި 40،230 މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފަ އެވެ.