ދުނިޔެ

ޗާޑުގެ ރައީސް އިދުރީސް އަވަހާރަވެއްޖެ

ޗާޑުގެ ރައީސް އިދުރީސް ދީބީ އަވަހާރަވެއްޖެ އެވެ. ރައީސް އަވަހާރަވެއްޖެކަން ސިފައިން ވަނީ ކަށަވަރުކޮށްދީފަ އެވެ. އަސްކަރިއްޔާއިން ރަސްމީ ޓީވީ މެދުވެރިކޮށް އިއްވި ބަޔާނެއްގައި ބުނީ ރައީސް އަވާހާރަވީ ބާޣީ ހަނގުރާމަވެރިންނާ ދެކޮޅަށް އަމަލީ ގޮތުން ނިކުމެވަޑައިގެން ސިފައިންނާއެކު ހަނގުރާމައިގެ މައިދާނުގައި އުޅުއްވަނިކޮށް ހަތިޔާރުއެޅި ގުރޫޕަކުން ދިން ހަމަލާއެއްގައި ކަމަށެވެ.

އިދުރީސް ދީބީ 68، ޗާޑުގެ ވެރިކަމަށް 1990 ގައި ވަޑައިގަތީ ވެސް ގައުމުގައި ހިންގި ހަތިޔާރުއެޅި ހަމަނުޖެހުމެއްގަ އެވެ. އެފްރިކާ ގައުމެއްގައި އެންމެ ގިނަދުވަހު ވެރިކަންކުރެއްވި ލީޑަރަކީ ވެސް ދީބީ އެވެ. އަނެއްކޮޅުން ދީބީ ވަނީ އެޕްރީލް 11 ގައި އޮތް އިންތިހާބުގައި ހަވަނަ ދައުރަކަށް 80 ޕަސެންޓް ވޯޓުން ހޮވިވަޑައިގެންފަ އެވެ.

ރައީސް އަވަހާރަވުމާ ގުޅިގެން ސަރުކާރާއި ޕާލަމެންޓް ވަނީ އުވާލާފަ އެވެ. އަދި ވަނީ ބޯޑަރު ބަންދުކޮށްފަ އެވެ. ޗާޑުގައި މިހާރު ވަނީ މިލިޓަރީ ކައުންސިލްއެއް އުފައްދައި ކުރިއަށް އޮތް 18 މަސްދުވަހަށް ގައުމު ހިންގުން ހަވާލުކޮށްފަ އެވެ. ވެރިއަކަށް ހުންނަވާނީ އަވަހާރަވި ރައީސް އިދުރީ ދީބީގެ ދަރިކަލުން މުހައްމަދު އިދުރީސް ދީބީ 37، އެވެ. އޭނާ އަކީ ހަތަރު ތަރިއެރި ޖެނެރަލެކެވެ.