ދުނިޔެ

"ފިލިޕީންސް ކަނޑު ތެލަށް ތޮރުފަން ޗައިނާއަށް ހުއްދައެއް ނެތް"

ޗައިނާއިން ފިލިޕީންސްގެ އިމަށް ވަދެ ހުޅަނގު ފިލިޕީންސް ކަނޑުން ތެޔޮ ހޯދަން ތޮރުފަން ފަށައިފި ނަމަ ކަނޑުގެ ސިފައިންގެ ބޯޓުތައް އެ ސަރަހައްދަށް ފޮނުއްވާނެ ކަމަށް ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ ވިދާޅުވެއްޖެ އެވެ. ރައީސް ވިދާޅުވީ މިލްކު ވެރިކަން ހިއްސާކުރާ ކަނޑުގެ ސަރަހައްދުން ތެލާއި މައުދަން ހޯދަން ހަމައެކަނި ޗައިނާއަށް ހުއްދަ ނުދެއްވާނެ ކަމަށެވެ.

"ތެލާއި ނިކެލް އަދި ޖަވާހިރު ފަދަ ތަކެތި ނަގަން ފަށައިފި ނަމަ، އަޅުގަނޑުގެ އަޅިކުލައިގެ ބޯޓުތައް އެތަނަށް ފޮނުވާނަން" ޑުޓާޓޭ ވިދާޅުވި އެވެ. ޑުޓާޓޭ ވިދާޅުވީ މުދަލުގެ ވެރިކަން ހިއްސާ ކުރާ ކަނޑުގެ ސަރަހައްދުން ޗައިނާއިން ފައިދާ ހޯދަން ފަށައިފި ނަމަ ޖަވާބު ދެއްވަން ވަގުތު ކުޑަތަންވީ ކަމަށެވެ.

ޑުޓާޓޭ ވިދާޅުވީ ތެޔޮ ހޯދަން ޗައިނާއިން ކަނޑު ތޮރުފަން ފަށައިފި ނަމަ، ފިލިޕީންސް ވެސް ތޮރުފާނެ ކަމަށެވެ. ދެ ގައުމުގެ ދެމެދުގައި ވެވިފައި އޮތް އެއްބަސްވުމާ ޚިލާފަށް އެންމެ ފިޔަވަޅެއް އެޅި ނަމަވެސް އެޅި ފިޔަވަޅަކަށް ފިޔަވަޅެއް އަޅުވާނެ ކަމަށެވެ.

"ތެލުގެ ހައްގުވެރިންނަކީ ތިޔަ ބޭފުޅުން ނަމަ، އަޅުގަނޑުމެންނަކީ ވެސް ހައްގުވެރިން" ޑުޓާޓޭ ވިދާޅުވި އެވެ.

ޑުޓާޓޭ ރާގު ބަދަލު ކުރައްވައި ވިދާޅުވީ ޒުވާބު ކުރުމަށް ވުރެ އެކުވެރިންގެ ގޮތުގައި ތިބުން މާރަނގަޅު ވާނެ ކަމަށެވެ. އަދި ވިދާޅުވީ ކަނޑުގައި އުޅޭ މަހަކީ ވަކި ބައެއްގެ މަހެއް ނޫން ކަމަށާއި ބާނާ މަހާ މެދު ޒުވާބު ކުރާނެ ކަމެއް ނެތް ކަމަށެވެ. އެކަމަކު ބާނާނެ މަހެއް ކަނޑުގައި މިހާރު އަމުދުން ނުވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ހުޅަނގު ފިލިޕީންސް ކަނޑުގެ ވެރިންނަކީ ޗައިނާއިން ބުނާ ގޮތުން އެމީހުންނެވެ. ފިލިޕީންސް ދެކޭ ގޮތުން ވެރިންނަނީ އެމީހުންނެވެ. ޗައިނާއިން އެސަރަހައްދަށް ކަނޑުގެ ސިފައިން ފޮނުވާ ކަމަށް ފިލިޕީންސްއިން ޝަކުވާކުރުމުން ޗައިނާއިން ބުނީ މަސްވެރިން އުޅެނީ މަސްމޫސުން ލައިގަނެގެން ކަމަށާއި ފިލިޕީންސްއަށް މަސްއޮޑިފަހަރު ވެސް ވަކިކުރަން ނޭނގޭ ކަމަށެވެ.