އަބްދުﷲ ޝާހިދު

ކުވެއިތުގެ އަމީރަށް ރައީސްގެ ސިޓީފުޅެއް އަރުވައިފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ކުވައިތުގެ ބޮޑުވަޒީރު ޝައިހް ސަބާހް ހާލިދު އަލް ހަމަދު އަލް ސަބާހްގެ އަރިހަށް މިއަދު ޒިޔާރަތްކުރައްވައިފި އެވެ.

މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް، ކުވައިތުގެ އަމީރު ޝައިހް ނަވާފް އަލް އަހްމަދު އަލް ޖާބިރް އަލް ސަބާހްއަށް ފޮނުއްވި ސިޓީފުޅެއް، މިނިސްޓަރު ޝާހިދު ވަނީ ބޮޑުވަޒީރަށް އަރުވާފައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވަނީ ދެ ގައުމުގެ މެދުގައި އޮންނަ އަހުވަންތަ ގުޅުމަކީ އެއް ގައުމުން އަނެއް ގައުމަށް ކުރާ އިތުބާރާއި ގަދަރުގެ މައްޗަށް ބިނާވެގެންވާ، ދީނީ އަދި ސަގާފީ ގުޅުމެއް ކަމަށް ވިދާޅުވެފައެވެ. އަދި ދިވެހިރާއްޖޭގެ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީއަށް ކުވައިތު ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް އާއި ކުވައިތުގެ ސަރުކާރުން އަބަދުވެސް ފޯރުކޮށްދެއްވަމުންދާ އެހީތެރިކަމަށްޓަކައި މިނިސްޓަރު ޝާހިދު ޝުކުރު އަދާކުރެއްވިއެވެ.

ކުވައިތުގެ ބޮޑުވަޒީރުގެ ވާހަކަފުޅުގައި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ކުރިއެރުމަށް ކުވައިތު ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައި ކުރިއަށް އޮތްތަނުގައިވެސް ކުވައިތު ފަންޑުގެ އެހީތެރިކަން ލިބޭނެ ކަމަށް ވިދާޅުވިއެވެ. އަދި ދެ ގައުމުގެ ގުޅުން ބަދަހިކޮށް، ބައިނަލްއަގްވާމީ މަސްރަހުގައި އެކުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.