ރީކޯ މޫސާ މަނިކު

ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ނުގެވޭނެ: ރީކޯ މޫސަ

ވެރިކަން ހިންގުމުގެ ނިޒާމު ބަދަލުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށާ ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ނުވެސް ގެނެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

މޫސަ މިހެން ވިދާޅުވީ ސަންގު ޓީވީން ރޭ ގެނެސްދިން ޕްރަގްރާމެއްގައި ވާހަކަދައްކަވަމުންނެވެ.

ރުކާރު އުވާލާ ރާއްޖޭގެ ހިންގުން ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަން ބޭނުންފުޅުވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް މެސެޖަކުން ވަނީ އަންގަވާފައެވެ.

ރައީސް ނަޝީދު، ރައީސް ސޯލިހަށް ފޮނުއްވެވި މެސެޖުގައި އެމަނިކުފާނު ވަނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ޖެހޭ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފަ އެވެ. އަދި އެ މަޝްވަރާތައް ކުރިއަށް ގެންދަވަން ބޭނުންފުޅުވާ ކަމަށްވެސް ވިދާޅުވި އެވެ. ނަޝީދުގެ މެސެޖުގައި އެދިވަޑައިގެންފައިވަނީ ސަރުކާރު އުވާލައްވާ، 2023 ގައި ރިޔާސީ އިންތިހާބު ނުބޭއްވުމަށެވެ. އަދި ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމަށެވެ. އަދި ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ޝައުގުވެރިކަން ވަނީ ފާޅުކުރައްވާފަ އެވެ.

ރައީސް ނަޝީދުގެ މެސެޖުގައި އެމަނިކުފާނު ވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރެއްވުމަށް ފެނިވަޑައިގަންނަވަނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި އޭގެ ފަހުން 2024 ވަނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ހަމައަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާނެ ބޭފުޅަކު އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅުއްވުމަށެވެ.

އެކަމަށް އިޝާރާތް ކުރައްވާ މޫސާމަނިކު ވިދާޅުވީ ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި ކައިރި މުސްތަގުބަލެއްގައި ނިޒާމު ބަދަލު ނުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ. 2007 ވަނަ އަހަރު ނެގި ނިޒާމީ ވޯޓްގައި ބަރުލަމާނީއަކަށް ތާއީދު ކުރެއްވި ނަމަވެސް މިހާރު އެ ނިޒާމު ގެނައުމާއި މުޅީން ދެކޮޅު ކަމަށްވެސް މޫސަ ވިދާޅުވިއެވެ.

"މިރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެންނާކަށް ނުވޭ. ނުވެސް ގެނެވޭނެ އަދި ކައިރި މުސްތަގުބަލެއްގައި. އަދި އެ ނިޒާމު ގެންނަން އަޅުގަނޑު ތާއީދެއްވެސް ނުކުރާނަން. އަޅުގަނޑު އެކަމާ ދެކޮޅު. މިއީ ނިޒާމާ މެދު އުޅެން ޖެހޭ ވަގުތެއް ނޫން،" މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ ރައީސް ނަޝީދު ހީފުޅުކުރައްވާހާ ފަސޭހައިން ނިޒާމު ބަދަލު ނުކުރެއްވޭނެ ކަމަށެވެ. އަދި ބޮޑުވަޒީރުކަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ ރައީސް ސޯލިހަށް މެސެޖަކުން އެކަން ދެންނެވުމަކީ ވަރަށް ބޮޑު ޖޯކެއް ކަމަށާ އެކަމަށް އާންމުން ޖޯކުވެސް ޖަހާނެ ކަމަށެވެ. މޫސަ ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ހިތަކަށް ލިބިފައި އޮތަސް ނިޒާމު ބަދަލު ނުކުރެވޭނެ ކަމަށާ ރައްޔިތުން އެމްޑީޕީއަށް މެޖޯރިޓީ ދިނީ ރިޔާސީ ނިޒާމު ހިންގަން ކަމަށެވެ. ބާރު ދީފައި އޮތީ މުޅި ސިސްޓަމް އޯވާހޯލްކޮށް ނިޒާމު ބަދަލުކޮށް ވަކި ބޭފުޅަކަށް ބޮޑުވަޒީރުކަން ހޯދާ ދިނުމަށް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑު މާދަމާ ރައީސް ސޯލިހަށް ސިޓީއެއް ލިޔަންވީ އަޅުގަނޑަށް ފެންނަނީ އަޅުގަނޑަށް ބޮޑުވަޒީރުކަން ދޭށޭ. އެއީޔަކީއެއް އަދި ބަރުލަމާނީ ސިފަ ގެންނަން ޖެހޭ ސަބަބެއް ނޫން ދެއްތޯ. މިއީ ހުރިހާ ޕާޓީތަކެއް ގުޅިގެން މަޝްވަރާކޮށްގެން ހުޅުވާލައިގެން ރައްޔިތުން ބޭނުންވާތޯ ބަލާފައި އަލުން އިންތިހާބެއް ބާއްވާފައި ބޮޑުވަޒީރަކަށް މީހަކު ގެންނަންޏާ ގެންނަންވީ. އެކަމަކު މިއީ އަދި އެހެން ވައްތަރެއްގެ ބަރުލަމާނީއެއް. މިއީ ބަރުލަމާނީގެ އަމިއްލަ އެދުންވައްތަރު،" ނަޝީދަށް ފާޑުވިދާޅުވެ މޫސަ ވިދާޅުވިއެވެ.

އެމްޑީޕީއަށް ޝައުގުވެރިކަން ފާޅު ކުރައްވައިގެން ހުންނެވި މޫސާ މަނިކު ވިދާޅުވީ އެމްޑީޕީގެ އިސްވެރިން ކުރައްވަންވީ ކަމަކީ އެތެރޭގެ ބައިބައިވުން ދޫކޮށްލުމަށެވެ. އަދި ލިބުނު ނިއުމަތަށް ޝުކުވެރިވާން ދަސްކުރަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

މިހާރު އަމަލު ކުރަމުންދާ ވެރިކަމުގެ ނިޒާމަކީ ރައްޔިތުންގެ ސީދާ ވޯޓަކުން ކަނޑައަޅާފައިވާ ނިޒާމަކަށްވާތީ ވެރިކަމުގެ ނިޒާމަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.