ފިނޭންސް މިނިސްޓްރީ

ދަރިވަރުންގެ ފޮތްތައް ޗާޕްކުރާނެ ބަޔަކު ހޯދަނީ

މި އަހަރުގެ އޯގަސްޓު މަހު ދިރާސީ އާ އަހަރު ފަށާއިރު ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ޗާޕް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނެއް ކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އެ އިއުލާނުގައި ބުނެފައި ވަނީ އެ މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތެއް ކަނޑައަޅާނީ ނޭޝަނަލް ކޮމްޕެޓެެޓިވް ބިޑިން އުސޫލުން ކަމަށެވެ.

ބީލަމުގައި ބައިވެރިވާން ނޮން ރިފަންޑެބްލް ރަޖިސްޓްރޭޝަން ފީ އެއްގެ ގޮތު 500ރ. ދައްކަން ޖެހެ އެވެ. ރަޖިސްޓްރީ ފީއަށް ދައްކާ ފައިސާ ބަލައި ގަންނަނީ ފިނޭންސް މިނިސްޓްރީގެ ބަނޑޭރި ޕޭ މެދުވެރިކޮށް އަންނަ މޭ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ބީލަމުގައި ބިޑް ސެކިއުރިޓީއަށް 60،000ރ. ދައްކަން ޖެހެ އެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ. ބީލަންތައް ހުޅުވާނީ މެއި މަހުގެ ހަވަނަ ދުވަހުގެ ހެނދުނު 11:00 ގައެވެ.

ދިރާސީ އާ އަހަރުގެ ކަލަންޑަރަށް ބޮޑެތި ބަދަލުތަކެއް ގެނެސް މިއަހަރުގެ ދިރާސީ އާ އަހަރު ފަށާނީ އޮގަސްޓް 10 ވަނަ ދުވަހު އެވެ.

އެޑިޔުކޭޝަނުން މިހާރު އާންމު ކޮށްފައިވާ ދިރާސީ އާ އަހަރުގެ ކަލަންޑަރުގައިވާ ގޮތުން ފުރަތަމަ ޓާމުގެ މެދުން މިޑްޓާމް ބްރޭކް ލިބޭނީ އޮކްޓޫބަރު 17 ވަނަ ދުވަހުން ފެށިގެން ހަފުތާ އަކަށެވެ. ޑިސެމްބަރު 23 ވަނަ ދުވަހު ފުރަތަމަ ޓާމް ނިމޭއިރު ދެވަނަ ޓާމުގެ ކިޔެވުން ފަށަން ހަމަޖައްސާފައި ވަނީ ޖެނުއަރީ 16، 2022 ގައެވެ.

ދެވަނަ ޓާމުގެ މެދުން މިޑްޓާމް ބްރޭކް ދޭނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ ތިންވަނަ ދުވަހުން ފެށިގެން ހަފުތާ އަކަށެވެ. ބޮޑު ޗުއްޓީ ފަށާނީ އަންނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު އެވެ. އެއް މަސް ދުވަހުގެ ބޮޑު ޗުއްޓީއަކަށް ފަހު 2022 ވަނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ އޯގަސްޓް ހަތްވަނަ ދުވަހު އެވެ.

މި ބަދަލާ އެކީ އޯ ލެވެލް އާއި އޭ ލެވެލް އިމްތިހާނު ބާއްވަން ހަމަޖައްސާފައި ވަނީ މެއި / ޖޫންގަ އެވެ. ކުރިން އޮކްޓޫބަރު / ނޮވެމްބަރުގައި އޯލެވެލް އިމްތިހާނު ބާއްވާތީ އޭލެވެލްއަށް ކިޔަވާ ދަރިވަރުންނަށް އެ ދެމެދުގައި ގާތްގަނޑަކަށް ހައެއްކަ މަސް ހޭދަ ކުރަން ޖެހެ އެވެ.