އެޗްޑީސީ

އަހަރު މެދަށް ހުޅުމާލެ އެއްކޮށް އަލި ކުރެވޭނެ: އެޗްޑީސީ

ރޭގަނޑުގެ ވަގުތުތަކުގައި ހުޅުމާލެ އިތުރަށް އަލި ކުރަން ފަށަފައިވާ މަގުމަތި ބައްތި ޖަހައި ދިއްލުމުގެ މަސައްކަތް މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ނިންމާނެ ކަމަށް އެޗްޑީސީން ބުނެފި އެވެ.

ހުޅުމާލޭގައި މީހުން އާބާދު ވާން ފެށި ހިސާބުން ފެށިގެން ރޭގަނޑު އެރަށުގެ ބޮޑު ސަރަހައްދެއް އޮންނަނީ ވަރަށް އަނދިރި ކޮށެވެ. ހުޅުމާލެ އަލި ކުރަން އެޗްޑީސީން ވަނީ މިދިޔަ އަހަރުގެ އޯގަސްޓު މަހު ޗައިނާގެ ގުއަންގެޒޯ ޔުއަން މެކޭނިކަލް އެންޑް އެލެކްޓްރިކް ކޯ ލިމިޓެޑާ ޕްރޮޖެކްޓެއް ހަވާލު ކޮށްފަަ އެވެ. އޭރު އެ މަސައްކަތް ދިނީ މި ރޯދައިގެ ކުރިން ނިންމާށެވެ. ނަމަވެސް ދައްޗާއި ސަބަބުތައް ދިމާ ވެގެން މަސައްކަތް ލަސްވީ އެވެ.

އެޗްޑީސީގެ ޕްރޮޖެކްޓް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓުގެ ޑިރެކްޓަރު އަހްމަދު ރަޝީދު ވިދާޅުވި ގޮތުގައި ނުނިމި ހުރި މަސައްކަތްތައް މި އަހަރުގެ ޖޫން 30 ގެ ނިޔަލަށް ނިންމާނެ އެވެ. އަދި ޕްރޮޖެކްޓްގައި ފާހަގަ ކޮށްފައިވާ 14 ޒޯނެއްހައި 1,330 ލައިޓް ހަރުކުރާނެ އެވެ.

އޭނާ އަދި ވިދާޅުވީ މާލޭ ސިޓީގެ އެ އަވަށް އަލިކުރުމުގެ މަޝްރޫއުގެ ދަށުން 10 ޒޯނެއްގެ މަސައްކަތް މިހާރު ވެސް ނިމިފައިވާ ކަމަށާއި 10 ޒޯނުގެ ކަނެކްޝަން މަސައްކަތް އެއްކޮށް ނިމުމުން 10 ދުވަހުގެ ތެރޭގައި ހިދުމަތް ދޭނެ ކަމަށެވެ. އަދި ބާކީ، ހަތަރު ޒޯނުގެ މަސައްކަތުން ބޮޑު ބައެއް ނިމިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށް ނުގެންދެވުނީ މި މަސައްކަތަށް ބޭނުންވާ ސާމާނު މާލޭ ބާޒާރުން ނުލިބުމުން. މިހާރު އެ މައްސަލައަށް ހައްލު ހޯދައި ބޭނުންވާ ސާމާނު ރާއްޖެއިން ބޭރުން ގެނެސްފި" އޭނާ ވިދާޅުވި އެވެ.

ރޭގަނޑު ވަގުތު ހުޅުމާލެ އިތުރަށް އަލި ކުރުމުގެ މަސައްކަތް ކުރާއިރު އެރަށުގައި ފުލުހުންގެ ސެކިއުރިޓީ ކެމެރާތައް ވެސް މަދެވެ.