ފިނިޕޭޖް

އެންމެ ބޮޑު އާމްދަނީއެއް ހޯދި އަންހެން މިއުޒީޝަނަކީ ކޭޓީ ޕެރީ

މިއުޒިކްގެ ދުނިޔޭގައި ރަނިކަންކުރަމުންދާ ޓޭލާ ސްވިފްޓް ފަހަތަށް ޖައްސާލުމަށް ފަހު އެމެރިކާގެ ޕޮޕް ލަވަކިޔުންތެރިޔާ ކޭޓީ ޕެރީ ފޯބްސް މެގަޒިންގެ "އެންމެ ބޮޑު އާމްދަނީއެއް ހޯދި އަންހެން މިއުޒީޝަން" ގެ ޝަރަފް ހޯދައިފި އެވެ.

ކޭޓީ ޕެރީގެ އާމްދަނީ 135 މިލިއަން ޑޮލަރަށް (88 މިލިއަން ޕައުންޑަށް) އެރިއިރު ވާދަވެރި ޓޭލާ ސްވިފްޓް އުޅެނީ ވަރަށް ވެސް ފަހަތުގަ އެވެ. މި ލިސްޓުން އޭނާ އަށް ދެ ވަނަ ލިބުނަސް މިދިޔަ އަހަރުގެ ޖުމްލަ އާމްދަނީ އަކީ 80 މިލިއަން ޑޮލަރެވެ.

ކޭޓީ ޕެރީ އާއި ޓޭލާ ސްވިފްޓަކީ މިފަހުން މިއުޒިކްގެ ދުނިޔޭގައި އެންމެ އަޑުގަދަކޮށްލައިގެން އުޅޭ ދެ ލަވަކިޔުންތެރިންނެވެ. ދެ މީހުންގެ ދެމެދުގައި ކުރިން އޮތް ގާތް އެކުވެރިކަން ނިމުމަކަށް އައިސް ފަޅާފައިވާ ހަސަދައިގެން ހުޅުގަނޑުގެ ހޫނު ވެސް ވަރަށް ގަދަ އެވެ.

މީޑިއާގެ "ޑާލިންއަކަށް" ހަދާފައިވާ ޓޭލާ ސްވިޓްގެ މައްޗަށް 31 އަހަރުގެ ޕެރީ ކުރި ހޯދާފައި ވަނީ އޭނާ 2013 ވަނަ އަހަރު ނެރުނު ކާމިޔާބު އަލްބަމް "ޕްރިސަމް" ގެ ނުފޫޒާ އެކުގަ އެވެ. އެ އަލްބަމްގެ "ރޯރ" އާއި "ޑާކް ހޯސް" އަކީ ވަރަށް ބޮޑެ ދެ ހިޓެވެ.

އެންމެ ބޮޑު އާމްދަނީއެއް މި އަހަރު ނެގި މިއުޒީޝަނުންގެ ލިސްޓްގެ ތިން ވަނަ ލިބުނީ ރޮކްބޭންޑް "ފްލީޓްވުޑް މެކް" އަށެވެ. މެެދުކެނޑުންތަކަށް ފަހު އެނބުރި އައިސް ދިން ޝޯތަކުން ބޭންޑަށް 59.5 މިލިއަން ޑޮލަރު ލިބިފައިވާއިރު ފޯބްސްގެ މި ލިސްޓެއްގެ ގަދަ ތިނެކުން މި ވަނީ މަޝްހޫރު ލަވަކިޔުންތެރިން ކަމުގައިވާ ލޭޑީ ގާގާ އާއި ޖެނިފާ ލޮޕޭޒް އަދި މަރާޔާ ކެރީ ފަދަ ފަންނާނުން ކަޓައިގެން ގޮސްފަ އެވެ.

މީގެ އިތުރުން މިދިޔަ އަހަރު މި ލިސްޓްގެ އެއް ވަނާގައި އޮތް މަޝްހޫރު އާރްއެންބީ ލަވަކިޔުންތެރިޔާ ބިޔޯންސޭ ވެސް މިފަހަރު ވަނީ ފަސް ވަނަ އަށް ސޮއްސާލައިފަ އެވެ. އޭނާ އަށް ލިބުނު އާމްދަނީ 54.5 މިލިއަން ޑޮލަރުގައި އުޅޭއިރު ހަތަރު ވަނާގައި އޮތީ ލޭޑީ ގާގާ އެވެ.

ގަދަ ދިހައެއްގައި ހިމެނުނު އެހެން މަޝްހޫރު ލަވަކިޔުންތެރިންގެ ތެރެއިން ޖެނިފާ ލޮޕޭޒަށް 28.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނުއިރު މަރާޔާ ކެރީގެ އާމްދަނީ އަކީ 27 މިލިއަން ޑޮލަރެވެ. އަދި ރިއާނާގެ އާމްދަނީ އަކީ 26 މިލިއަން ޑޮލަރެވެ.

އާ އަލްބަމެއްގެ މަސައްކަތްކުރަމުން އަންނަ ބްރިޓްނީ ސްޕިއާސް އަށް 31 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނުއިރު މިއީ ލިސްޓްގެ ހަ ވަނަ އެވެ.

ވިޔަފާރި މެގަޒިން ފޯބްސް އިން މި ލިސްޓެއް އެކުލަވާލާފައި ވަނީ މިއުޒިކް އިންޑަސްޓްރީގެ އޭޖެންޓުންނާއި މެނޭޖަރުންނާއި އާޓިސްޓުން ފޯރުކޮށްދީފައިވާ މައުލޫމާތުތަކުންނެވެ. ލިސްޓްގައި ހިމަނާފައި މައުލޫމާތަކީ މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން މި އަހަރުގެ ޖޫން މަހަށް އެއްކޮށްފައިވާ މައުލޫމާތެވެ.