އޮމްބަޑްސްޕާސަންގެ އޮފީސް

އިންތިގާލީ އިންސާފުގެ އޮފީހުގައި ބޮޑެތެ މުސާރަތަކާ އެކު ގިނަ ވަޒީފާތަކެއް

Apr 22, 2021

އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އިންތިގާލީ އިންސާފުގެ އޮފީހުގެ 20 ވަޒީފާއަކަށް މީހުން ހޯދަން އިއުލާންކޮށްފި އެވެ.

އަލަށް އުފެއްދި މި އޮފީހުގެ ވަޒީފާ ތަކަށް މީހުން ހޯދަން މިމަހުގެ 18 ވަނަ ދުވަހު ކޮށްފައިވާ އިއުލާންގައި މުވައްޒަފުންނަށް ބޮޑެތި މުސާރަތަކެއް ދޭން ހުށަހަޅާފައިވެ އެވެ.

ހޯދަން އިއުލާން ކޮށްފައިވާ ވަޒީފާ ތަކުގެ ތެރޭގައި ލީގަލް އޮފިސަރުންނާއި ރީސާޗް އޮފިސަރުންނާއި މެނޭޖްމެންޓް އޮފިސަރުންނާއި ވިކްޓިމް ސަޕޯޓް އޮފިސަރުންނާއި އިންވެސްޓިގޭޝަން އޮފިސަރުންނާއި މީޑިއޭޝަން އޮފިސަރުންގެ އިތުރަށް ވެސް ބައެއް ވަޒީފާތައް ހިމެނެ އެވެ. ގިނަ މަގާމުތަކަކަށް އަސާސީ މުސާރައިގެ ގޮތުގައި 15،000ރ. ލިބޭއިރު ސާވިސް އެލެވެންސަށް 5،000ރ. އާއި 6،000ރ. ލިބެ އެވެ.

ބޮޑެތި މުސާރަތަކާއެކު މީހުން ހޯދަން އިއުލާން ކުރި އިރު ޗީފް އޮމްބަޑްސްޕާސަންއަށް މުސާރައާއި އިނާޔަތުގެ ގޮތުގައި ކަނޑައެޅި އަދަދު ކުޑަވެގެން ޗީފް އޮމްބަޑްސްޕާސަންގެ މަގާމަށް އައްޔަނުކުރި އަބްދުއް ސަލާމް އާރިފު ވަނީ ޝަކުވާ ކޮށްފަ އެވެ. އޭނާއަށް މުސާރައާއި އިނާޔަތުގެ ގޮތުގައި 37،500 ރުފިޔާ ދޭނެ އެވެ. އެއީ މުސާރައިގެ ގޮތުގައި މަހަަކު 25،000 ރުފިޔާ އަދި އެލަވަންސްގެ ގޮތުގައި 12،500ރ. އެވެ.

އިންތިގާލީ އިންސާފުގެ އޮފީސް އުފެއްދީ ޑިސެމްބަރު 17، 2020 ގައެވެ. އެ އޮފީހަށް ވެރިން އައްޔަން ކުރީ މިއަހަރުގެ ޖެނުއަރީ 15 ވަނަ ދުވަހު އެވެ. ޗީފް އޮމްބަޑްސްޕާސަން ކަމަށް ސަލާމް އައްޔަރު ކުރި އިރު އޭނާގެ ދަށުން އޮމްބަޑްސްޕާސަންގެ މަގާމަށް ހަމަޖައްސާފައި ވަނީ، ޖިހާދާ އަނީސް އާއި މަރްޔަމް ލައިޒާ އެވެ.

އިންތިގާލީ އިންސާފުގެ އޮފީހުގެ މައިގަނޑު މަސައްކަތަކީ ރައީސް މުހައްމަދު އަމީންގެ ވެރިކަމުން ފެށިގެން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ހަމައަށް ނިޒާމީ ގޮތެއްގައި ރޭވިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ އެތަނުގެ ވެރިޔަކު މީހެއްގެ އިންސާނީ ހައްގަށް އަރައިގެންފައިވާނަމަ، އެ މައްސަލައެއް ބެލުމެވެ.

އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިދީފައިވާ މި އޮފީސް އުފެއްދުމަކީ އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ ކަމެކެވެ. ނަމަވެސް މިފަދަ އޮފީހެއް ހުޅުވުމަކީ "ކަށްވަޅު ކޮޅުން" ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފާޑު ކިޔާފައިވެ އެވެ. އެކި މައްސަލަތަކަށް އިންސާފު ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ތަފާތު ނަން ނަމުގައި އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންތަކުންނާއި އެކިއެކި ކޮމިޓީތަކުން ވެސް އިންސާފު ނުލިބޭތީ ސަރުކާރަށް ބޮޑެތި ފާޑު ކިޔުންތަކެއް ދަނީ އަމާޒުވަމުންނެވެ.