ރޭޕް

ރޭޕްގެ ތުހުމަތުވާ ދެ މީހުންގެ ބަންދު އިތުރުކޮށްފި

މާލޭގައި އަންހެނަކު ރޭޕް ކުރި -- އިއްފަތް ފޭރުނު -- ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު 10 ދުވަސް ޖަހައިދީފި އެވެ.

ހުކުރު ދުވަހުގެ ރޭ ފުލުހަށް ރިޕޯޓް ކުރި އެ މައްސަލަ ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. އެ މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ 23 އަހަރުގެ ފިރިހެނަކާއި 18 އަހަރުގެ ފިރިހެނެކެވެ. އެއީ އުތުރުގެ ހދ އަތޮޅަށް ނިސްބަތްވާ ދެ މީހެކެވެ.

މި ދެ މީހުންގެ މައްޗަށް އަންހެނަކު ރޭޕް ކުރަން އުޅުމުގެ ތުހުމަތާއި ވަގަށް ނެގުމާއި ބިރު ދެއްކުމުގެ ތުހުމަތު ކުރެވިފައިވާއިރު ފުރަތަމަ ދިނީ ފަސް ދުވަހުގެ ބަންދެކެވެ. އެ މުއްދަތު ހަމަވާތީ އިތުރު 10 ދުވަހު ފުލުހުންގެ ބަންދުގައި ބެއިތިއްބުމަށް ކޯޓުން ވަނީ މުއްދަތު ދީފައެވެ.

ދެ މީހުންނަކީ ވެސް ކުށުގެ ރިކޯޑް އޮންނަ ދެ މީހުން ކަމަށް ފުލުހުން ބުންޏެވެ. އެ ދެ މީހުން އަންހެން ކުއްޖާ ރޭޕްކުރަން ގޯޅިއެއްގެ ތެރެއަށް ވައްދާ މަންޒަރު ފެންނަ ސީސީފްޓޭޖެއް ވަނީ އާންމުވެފައެވެ. އެ ދެ މީހުން އަންހެން ކުއްޖާ ހިފަހައްޓާ ގޯޅިއެއްގެ ތެރެއަށް ވައްދަން މަސައްކަތް ކުރިއިރު އެތައް ބަޔަކު އެ ސަރަހައްދުގައި ތިބޭ މަންޒަރު ފެނެއެވެ.