ފްލެޓް މައްސަލަ

ފްލެޓް ދިނުމަށް މާލޭގައި 14 ބުރީގެ ދެ އިމާރާތް އަޅަނީ

Apr 23, 2021
2

ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި މާލޭގެ ދެ ސަރަހައްދެއްގައި 14 ބްރީގެ ދެ އިމާރާތް އެޅުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދަން ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިއުލާންކޮށްފި އެވެ.

ފުރަތަމަ އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ 231،073.78 އަކަފޫޓުގެ ބިމެއްގައި މާލޭގެ ބްލޮކް ނަމްބަރު 307 ގައެވެ. ދެވަނަ އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ 173،229.56 އަކަފޫޓުގެ ބިމެއްގައި މާލޭގެ ބްލޮކް ނަމްބަރު 319 ގައެވެ.

މި ދެ އިމާރާތް އެޅުމަށް ޝައުގުވެރިވާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް ވެސް ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.

ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 29 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން ރަޖިސްޓްރީ ވާން ޖެހެ އެވެ. ޕްރޮޕޯސަލް ހުށަހަޅަން ފުރުސަތު ދީފައިވަނީ މިއަހަރުގެ ޖޫން މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނީ މި މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން ދެ އިމާރާތަށް ވަކި ވަކިން ޕްރޮޕޯސަލް ހުށަހަޅާނަމަ އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މި ދެ މަޝްރޫއުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި ދިވެހި ކުންފުނިތަކުން 500،000 ރުފިޔާ އަދި ބޭރުގެ ކުންފުނިތަކުން 100،000 ޑޮލަރު ދައްކަން ޖެހެ އެވެ.

އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި މާލޭގައި އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއެއް ކުރިއަށް ގެންދިޔަ ފަހުން މާލޭގައި އެފަދަ މަޝްރޫއެއް ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވަނީ ހުޅުމާލޭގައި އިޖުތިމާއީ ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް ކުރިއަށް ގެންގޮސްފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިމަހުގެ 12 ވަނަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ވިދާޅުވެފައިވަނީ މާލޭގެ ލޭބާ ކުއާޓާތަކާއި ހުސް ބިންތަކުގައި ފްލެޓް އެޅުމަށް ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ގުޅިފަޅުން 1200 ގޯތި ދޫކުރާނެ ކަމަށްވެސް ރައީސް ވިދާޅުވެފައިވެ އެވެ.

"ފެނިވަޑައިގަންނަވާނެ މާލޭގެ ސްޓޭޑިއަމްއާ ޖެހިގެން އެއޮށް ބޮޑު ތަނާ އަދި އެހެން ހުރި ބައެއް ކޮށިތަކެއް އެބަހުރި ބޯހިޔާވަހި ކަމަށް ބަދަލު ކުރެވިދާނެ. އޭގެ ޕްލޭނެއް ހަދައި އެތަންތަނަށް އަވަހަށް ފްލެޓްތައް އެޅޭނެ ގޮތަށް ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އެބަގެންދޭ. އިރާދަ ކުރެއްވިއްޔާ އެއަށް ހައްލެއް ހޯދާނަން" ރައީސް ވިދާޅުވި އެވެ.