ފައުޒިއްޔާ ހަސަން

އަނިޔާތަކަށް ބަދަލު ބޭނުން، އެކަމަށް ހުރަސްތަކެއް

ދޮގު ތުހުމަތުތަކެއްގައި އިންޑިއާގެ ޖަލެއްގައި ތިން އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ލިބުނު އަނިޔާތަކާއި ގެއްލުމަށް ބަދަލު ބޭނުންވާ ކަމަށާ ނަމަވެސް އެކަމަށް އޮތް ހުރަހަކީ ވަކީލަކު ހޯދަން ފައިސާގެ ދަތިކަން ކަމަށް ފިލްމީ ތަރި ފައުޒިއްޔާ ހަސަން ބުނެފި އެވެ.

އިންޑިއާގެ ޖައްވީ އިދާރާ (އައިއެސްއާރުއޯ) ގެ ބައެއް އިސްވެރިންތަކަކާ ގުޅިގެން ޖާސޫސްކުރި ކަމުގެ ތުހުމަތުގައި ފައުޒިއްޔާއާ އޭނާއާއެކު އޭރު އިންޑިއާގައި އުޅުނު ގދ. ތިނަދޫ މަރިޔަމް ރަޝީދާ ހައްޔަރުކޮށްފައިވަނީ ނޮވެމްބަރު 13، 1994 ގަ އެވެ. އެމީހުން ދޫކޮށްލާފައިވަނީ އޭގެ ތިން އަހަރާއި ތިން މަސް ފަހުންނެވެ. އެމީހުން ބަންދުކޮށްފައި ބެހެއްޓީ ކެރެލާގެ ޖަލެއްގަ އެވެ.

އިންޑިއާގައި މަރުނުވެ ދިރިއޮތް މި މައްސަލާގައި މިދިޔަ ހަފްތާގައި ވަނީ އިތުރު ނިންމުމެއް އައިސްފައެވެ. އިންޑިއާގެ ސުޕްރީމް ކޯޓުގެ އިސްނެގުމަކަށް ހިންގި ހާއްސަ ތަހުގީގަކަށް ފަހު އެ ކޯޓުން ވަނީ މި މައްސަލައިގައި ކެރެލާގެ ފުލުހުންގެ ބައިވެރިވުން އޮތް މިންވަރު ބެލުމަށް ހާއްސަ ތަހުގީގެއް ހިންގަން އަމުރު ކޮށްފައެވެ. އަދި ލިބުނު އަނިޔާތަކަށް ބަދަލު ހޯދުމުގެ ހައްގު ލިބިގެންވާ ކަަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފައެވެ.

ކޯޓްގެ އެ ނިންމުމާއެކު އެ މައްސަލައިގެ އަޑު އަނެއްކާވެސް ވަނީ ގަދަވެފައެވެ. އަދި ދިވެހި ބައެއް މީޑިއާތަކުގައި ވަނީ ފައުޒިއްޔާއަށް ގެއްލުމުގެ ބަދަލު އިންޑިއާއިން ދީފައިވާ ކަމަށް ބުނެ ހަގީތެއް ނެތް ވާހަކަތަކެއް ފަތުރާފައެވެ.

މިވަގުތު ސްރީލަންކާގައި ދިރިއުޅެމުންދާ ފައުޒިއްޔާ ހަސަން "އަވަސް" އަށް ބުނީ ސުޕްރީމް ކޯޓްގެ ނިންމުމާއެކު ހައްގު ހޯދަން މަސައްކަތް ފެށި ކަމަށާ ކޮވިޑްގެ ބަލިމަޑުކަން ކުރިމަތީ ގެއްލުމުގެ ބަދަލު ހޯދަން ސުޕްރީމް ކޯޓަށް ހުށައެޅުމަށް ވަކީލަކު ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.

"ވަކީލަކު ލިބި އޭނާއާ ވާހަކަ ދައްކަމުން ދަނިކޮށް ކޮވިޑް ލައިގަތީ. އެހެންވީމަ އެކަން އެހިސާބުން ހުއްޓިފައި އޮތީ. އަޅުގަނޑަށް އެއްވެސް ކުށެއްނެތި ތިން އަހަރާއި ތިން މަސް ވަންދެން ދިން އަނިޔާއާ ގެއްލުމުގެ ބަދަލު އަޅުގަނޑުވެސް ބޭނުން. ނަމަވެސް އެކަމަށް އޮތް ހުރަހަކީ ފައިނޭންސް،" ފައުޒިއްޔާ ބުންޏެވެ.

ފައުޒިއްޔާ ބުނީ ކޯޓަށް މައްސަލަ ހުށައަޅާއިރު ވަކީލަށް ދޭން ޖެހޭ ފައިސާ ދޭނެ ތަނަވަސްކަން ނެތް ކަމަށެވެ. އެ މައްސަލާގައި ވަކާލާތު ކޮށްދޭނެ ވަކީލަކު ލިބިއްޖެނަމަ މައްސަލަ ނިމި ގެއްލުމުގެ ބަދަލު ލިބިއްޖެ ހާލަތެއްގައި އެ ލިބޭ އެއްޗަކުން އެ ވަކީލަކު އެދޭ މިންވަރަކަށް ދޭން ތައްޔާރަށް ހުރި ކަމަށްވެސް ފައުޒިއްޔާ ވަނީ ބުނެފައެވެ.

"އަހަރެންނަށް ލިބުނު ގެއްލުމުގެ ހުރިހާ ބަދަަލެއް ދޭން ޖެހޭނެ، އިންޑިއާ ޖަލުގައި ލިބުނު ޖިސްމާނީ އަދި ނަފްސާނީ އަނިޔާއާ ގެއްލުތަކަށް، އެއީ އަހަރެންގެ އެއްވެސް ކުށެއްނެތި ލިބުނު އަނިޔާތަކެއް،"

ޖާސޫސްކުރުމުގެ ތުހުމަތުގައި ފައުޒިއްޔާ އާއި މަރިޔަމް ރަޝީދާގެ އިތުރުން ހައްޔަރުކޮށްފައިވަނީ އައިއެސްއާރުއޯގެ އިސް ދެ ސައެންސްވެރިން ކަމަށް ވާ ނަމްބީ ނާރަޔަން އާއި ޑީ ސަސިކުމާރުގެ އިތުރުން ރަޝިއާގެ ޖައްވީ އިދާރާގެ ފަރާތުން އިންޑިއާގައި ހުންނަ މަންދޫބެއް ކަމަށްވާ ޗަންދުރަޝޭކަރެވެ. އެމައްސަލައިގެ ތަހްގީގް ކުރުމުގައި އިންޑިއާގެ އިންޓެލިޖެންސް ބިއުރޯ (އައިބީ) އިން އެކަށީގެންވާ ހެކި ނެތުމާއި އެމައްސަލައަކީ އުފައްދާފައިވާ މައްސަލައެއް ކަމަށް ނިންމައި އިންޑިއާގެ ސްޕްރީމް ކޯޓުން ވަނީ އެ އެންމެން ދޫކޮށްލަން އަމުރުކޮށްފަ އެވެ.

އޭގެ ފަހުން ސައިންސްވެރިޔާ ނަންބީ ވަނީ ގެެއްލުމުގެ ބަދަލު ހޯދަން ދައުވާވެސް ކޮށްފައެވެ. އަދި އެތަށް މަސައްކަތާއި އަޑުއެހުންތަކަށް ފަހު ނަންބީއަށް ވަނީ ބަދަލު ނަގައިވެސް ދީފައެވެ.

ހައްޔަރުކޮށް ބޮޑެތި އަނިޔާތަކެއް

ފައުޒިއްޔާ ވަނީ މީގެ 27 އަހަރު ކުރީގެ ހަނދާންތައް އައުކޮށް އެ ވާހަކަތައް ތަފްސީލު ކޮށްދީފައެވެ.

އައިއެސްއާރު ސިއްރުތަކެއް ޕާކިސްތާނަށް ފޯރުކޮށްދޭން އުޅުނު ކަމަށް ތުހުމަތަށް ހައްޔަރުކުރުމަށް ފަހު ފުލުހުންގެ ތަހުގީގުގައި ވަނީ ބޮޑެތި އަނިޔާތަކެއް ކޮށްފައެވެ. އެ އަނިޔާތައް ހައްދުން ނައްޓާ ކެތް ނުކުރެވޭ ވަރަށް ދިއުމުން ފައުޒިއްޔާ ވަނީ ފުލުހުން ބުނި ކޮންމެ ކަމަށް އެެއްބަސްވެފައެވެ.

"އަނިޔާތަކަށް ކެތްނުކުރެވޭ ވަރު ވީމަ ދެން އެއްބަސްވީ. އެއްބަސްވީ ތަހުގީގު ނިމި ޖަލަށް ބަދަލުވެވޭނެތީ. އެ ލިބެމުންދިޔަ އަނިޔާތައް ހުއްޓޭނެތީ،" ފައުޒިއްޔާ ބުންޏެވެ.

ތަހުގީގުގައި އަދި ޖަލު ބަންދުގައިވެސް ކުރަން ޖެހުނީ ހިތްދަތި ތަޖުރިބާ ތަކެކެވެ. ކުޑަކުޑަ ގޮޅިއެއްގައި އެތައް ދުވަަހަކު އެކަނި ބޭއްވިއެވެ. އަދި މަރިޔަމް ރަޝީދާއާ ދެ މީހުން އެއް ގޮޅިއަށްލާ ތަޅުލާފައި ހަ މަސް ދުވަހު ބެހެއްޓިއެވެ. އޭގެ ފަހުން އެ ދެ މީހުންގެ ކުށެއް ނެތް ކަން ސާބިތުވަމުން ދިޔަ އެވެ. އޭގެ ފަހުން ކުޑަ ގޮޅިން ނެރުނެވެ.

ޖަލުގައި ދެ އަހަރު ހޭދަކުރި ފަހުން މިއީ ކެރަލާ ފުލުހުން އަމިއްލަ އަށް އުފައްދައިގެން އުޅުނު މައްސަލައެއް ކަން އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންގެ ތަހުގީގުން ހާމަވިއެވެ. އެއާއެކު އެ މީހުން މިނިވަން ކޮށް ދޫކޮށްލަން މަޖުބޫރުވިއެވެ. ނަމަވެސް އަނެއްކާވެސް އައު ތުހުމަތެއްގައި ހައްޔަރު ކުރަނީ އެވެ. އެންމެ ފަހުން އަބުރުގެ ދައުވާކޮށް އެ ކަމުގައި އެތައް މަސްތަކެއް ހޭދަ ކުރަން ޖެހުނެވެ.

ތިން އަހަރާއި ތިން މަހަށް ފަހު ޖަލުން މިނިވަންވީ އިންޑިއާގެ ގާނޫނުތަކުގައިވާ ގޮތުގެ މަތިން ދެން ބަންދުގައި އަދި ޖަލުގައިވެސް ބޭތިއްބޭނެ އެއްވެސް ފުރުސަތެއް ނެތުމުން މަޖުބޫރު ވެގެންނެވެ.