ދީން

ނަފްސު ހިސާބު ކުރުން

ނަފްސު ހިސާބު ކުރުމަކީ، ކުރެވޭ ޢަމަލުތަކާމެދު ފާރަވެރިކުރުވާ، ހެޔޮ ޢަމަލު ކުރުން އިތުރުކުރުމަށް ނަފްސުގެ މައްޗަށް ބާރުއަޅައިދޭ ކަމެކެވެ. އަދި ތިމާގެ ފުށުން ވެވިފައިވާ ކުށްފާފަތަކަށް ހިތާމަކޮށް މާތް ﷲގެ މަގަށް ރުޖޫޢަކޮށްދޭ ކަމެކެވެ. މަޝްހޫރު ތާބިޢީ އަޙްނަފް ބުނު ޤައިސް رحمه الله ގެ ފުޅި ބައްތީގެ ކައިރިޔަށް ގޮސް އޭގެ ހޫނުކަމުގެ ތެރެއަށް އެކަލޭގެފާނުގެ އިނގިލި ލައްވައެވެ. އަދި އަމިއްލަ ނަފްސަށް ހަނދާންކޮށްދެމުން އެކަލޭގެފާނުގެ ނަފްސާ މުޚާޠަބުކުރައްވައި ވިދާޅުވެއެވެ. "އޭ ޙަނީފް އެވެ. އެވެނި މިވެނި ކަމެއް ކުރީ ކީއްވެގެން ހެއްޔެވެ؟ އެވެނި މިވެނި ކަމެއް ކުރީ ކީއްވެގެން ހެއްޔެވެ؟"

ނަފްސު ހިސާބުކުރުމަކީ އާޚިރަތް ބާޖަވެރިކޮށްދޭ ކަމެކެވެ. އެއްދުވަހަކު، އަލްފުޟައިލު ބުނު ޢިޔާޟު رحمه الله، އުމުރު ދުވަސްވީ މީހަކާ ބައްދަލުވެވަޑައިގަތުމުން އޭނާގެ އުމުރަކީ ކޮބައިތޯ ސުވާލު ކުރެއްވިއެވެ. އެމީހާ ބުންޏެވެ. "ފަސްދޮޅަސް އަހަރެވެ." އަލްފުޟައިލް ވިދާޅުވިއެވެ. "ތިބާ، މާތް ﷲ ގެ ޙަޟުރަތަށް ދިޔުމުގެ ވަގުތު ގާތްވެއްޖެތާއެވެ!" އޭނާ ކިޔެވެ. "إنا لله وإنا إليه راجعون" (ހަމަކަށަވަރުން ތިމަންމެންނީ، ﷲ އަށް މިލްކުވެވޮޑިގެންވާ ބަޔެކީމުއެވެ. އަދި ހަމަކަށަވަރުން ތިމަންމެންނީ، އެކަލާނގެ ޙަޟުރަތަށް އެނބުރިދާނޭ ބަޔެކީމުއެވެ.)

އެހެނދު އަލްފުޟައިލު، އެމީހާގާތު އެއްސެވިއެވެ. "ތިޔަ ކިޔޭ އެއްޗެގެ މާނަ އެނގޭހެއްޔެވެ؟" އޭނާ ބުންޏެވެ. "އާނއެކެވެ! އަހަރުންގެ މިލްކުވެރިކަންވަނީ ﷲ އަށް ކަން އަހުރެންނަށް އެނގެއެވެ. އަދި އެނބުރި ދާންޖެހޭނީވެސް އެއިލާހުގެ ޙަޟުރަތަށެވެ."
އޭނާގެ ޖަވާބު އިވުމުން އަލްފުޟައިލް ވިދާޅުވިއެވެ. "ތިބާއަކީ މާތް ﷲ ގެ އަޅެއްކަން ތިބާއަށް އެނގޭނަމަ، އަދި ތިބާ އެނބުރި ދިޔުންވަނީ އެއިލާހުގެ ޙަޟުރަތަކަށް އެނގޭނަމަ، ތިބާއަކީ ސުވާލު ކުރެވޭނޭ މީހެއްކަން ދަންނާށެވެ. އަދި ތިބާއަކީ ސުވާލު ކުރެވޭނެ މީހެއްކަން އެނގޭނަމަ އެ ސުވާލުތަކުގެ ޖަވާބު ތައްޔާރުކުރާށެވެ."

އެހިނދު އޭނާ ދެންނެވިއެވެ. "އެ ސުވާލުތަކަށް ޖަވާބު ދިނުމުގައި ހެދޭނެ ހީލަތަކީ (އެބަހީ: ފަސޭހަ ގޮތަކީ) ކޮބައިތޯއެވެ؟" އެހިނދު އަލްފުޟައިލް ވިދާޅުވިއެވެ. "ތިބާގެ އުމުރުން ބާކީ އޮތްތާނގައި މާތް ﷲ އަށް ތަޤުވާވެރިވާށެވެ. އޭރުން އިސްވެދިޔަ ތާނގައި ކުރެވުނު ކަންކަމަށް ޢަފޫކުރައްވާނެތެވެ."

ކޮންމެ މީހަކީވެސް މާތް ﷲ ގެ ޙަޟުރަތަށް އެނބުރިދާންޖެހޭނެ މީހެކެވެ. ވީމާ، އެއިލާހުގެ ޙަޟުރަތުގައި ހުއްޓި ހުންނަޖެހޭނޭކަން ހަނދާންކޮށް، އެދެވަހަށްޓަކައި ތައްޔާރުވާންޖެހޭނެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿ يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَلْتَنظُرْ نَفْسٌ مَّا قَدَّمَتْ لِغَدٍ وَاتَّقُوا اللَّهَ إِنَّ اللَّهَ خَبِيرٌ بِمَا تَعْمَلُونَ ﴾ (الحشر 18) މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! އަދި ކޮންމެ ނަފްސެއްމެ، މާދަމައަށްޓަކައި އިސްކޮށްފައިވާ ޢަމަލެއް ބަލައިފާހުށިކަމެވެ! އަދި ތިޔަބައިމީހުން اللَّهއަށް ތަޤުވާވެރިވާށެވެ! ހަމަކަށަވަރުން، اللَّهއީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."

މިއާޔަތުގެ ތަފްސީރުގައި އިބްނު ކަޘީރު رحمه الله ވިދާޅުވެފައިވެއެވެ. "މިއާޔަތުގެ މުރާދަކީ ތިޔަބައިމީހުންގެ ނަފްސުތަކުގެ ހިސާބު ބެއްލެވުމުގެ ކުރިން އަމިއްލައަށް ކުރެވިފައިވާ ޢަމަލުތަކަކީ ކޮބައިތޯ ބަލާށެވެ. އަދި ހެޔޮ ޢަމަލުތަކުގެ ތެރެއިން އާޚިރަތުގައި، ތިޔަބައިމީހުންނަށް މަންފާކުރަނިވި ކަންތައްތަކަކީ ކޮބައިތޯ ބަލާށެވެ. އަދި ދަންނާށެވެ. މާތް ﷲ އީ ތިޔަބައިމީހުން ކުރާ ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ. އެއިލާހަށް އެއްވެސް ކަމެއް ވަންހަނާވެގެން ނުވެއެވެ."

މައިމޫނު ބިން މަހްރާން رحمه الله ވިދާޅުވެފައިވެއެވެ. "އެކުގައި ވިޔަފާރިކުރާ ދެބައިވެރިން، އެކަކު އަނަކެއްގެ މައްސަކަތަށް ފާރަވެވާ ވަރަށްވުރެން ބޮޑަށް، އަޅާ، އޭނާގެ ނަފްސު ހިސާބު ނުކުރާހާހިނދަކު އޭނާއަކީ ތަޤުވާވެރިއެއްކަމުގައި ނުވާނެއެވެ." އެބަހީ: ވިޔަފާރީގައި ގެއްލުން ވެދާނެތީ، ނުވަތަ މަކަރު ހަދައިފާނެތީ މުދާތައް ހިސާބުކޮށް ވިކުރާ ބަލައްހަޓާ ފަދައިން، ނުވަތަ އެއަށްވުރެ ބޮޑަށް ކުރެވޭ ހެޔޮ ޢަމަލުތަކާއި ނުބައި ޢަމަލުތަކުގެ މައްޗަށް ފާރަވެރިވާން ޖެހޭނެއެވެ. ނޫންނަމަ އާޚިރަތުގައި މާތް ﷲ ގެ ނުރުއްސެވުމާ ކުރިމަތިލާން ޖެހިދާނެއެވެ."

ނަފްސު ހިސާބު ކުރުމުގެ ފައިދާތައް ނުހަނު ގިނަގުނައެވެ. އޭގެ ތެރޭގައި؛ އަމިއްލަ ނަފްސުގެ ޢައިބުތައް ފެނުން ހިމެނެއެވެ. އަމިއްލަ ނަފްސުގެ ޢައިބުތައް ނުފެންނަނަމަ ތިމާގެ ނަފްސުގެ އުނިކަން ރަނގަޅު ކުރެވޭނޭ ގޮތެއް ނުވެއެވެ. ނަފްސު ހިސާބު ކުރުމަކީ، ކުރެވިފައިވާ ފާފަތަކާމެދު ހިތާމަކޮށް ތެދުވެރި ތައުބާ އަކުން ތައުބާވެވުމަށް އެހީތެރިވެދޭ ކަމެކެވެ. ހަމައެފަދައިން، ނަމާދާއި، އެނޫން އަޅުކަމުގައިވެސް ތިމާގެ ނިކަމެތިކަން ހަންދާކޮށްދީ، ކުރެވިފައިވާ ފާފަތަކަށް ބިރެވިތިވެ، މާތް ﷲގެ ކުރިފުޅުމަތީގައި ޚުޝޫޢަތްތެރިކަމާއި މަޑުމޮޅިކޮށްދޭ ކަމެކެވެ.
ވީމާ، އެދުވަހަކުން މާތް ﷲ ގެ ކުރިފުޅުމަތީގައި ހުއްޓިހުރެ ޖަވާބު ދާރީވާންޖެހޭ ދުވަހަށްޓަކައި ތައްޔާރުވާށެވެ. އަދި ތިމާގެ އަމަލުތަކުގެ މައްޗަށް ތާއަބަދު ފާރަވެރިވާށެވެ. ކުރެވޭ ނުރަނގަޅު ކަންކަމުން އެކިބާވެ، ހެޔޮ ޢަމަލުކުރުން ގިނަކުރާށެވެ!