ވޯލްޑް ބޭންކް

އުފެއްދުންތެރި އާ ހިޔާލަކުން، ވިޔަފާރިއެއް ފަށަން ހިލޭ އެހީ

Apr 27, 2021

ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދީ، ބާރުވެރިކޮށް، ކާމިޔާބު ބަޔަކަށް ހެދުމަކީ ގައުމުގެ މުސްތަގުބަލަށްޓަކައި ކުރަންޖެހޭ އެންމެބޮޑު އިންވެސްޓުމަންޓެވެ. އެ މަގުސަދުގައި ރާއްޖެ އަށް އެންމެ ބޮޑަށް އެހީދޭ އެއް މާލީ އިދާރާކަމަށްވާ "ވޯލްޑް ބޭންކް" ގެ އެހީތެރިކަމާއެކު ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން މިވަނީ މީރީ ގެ ނަމުގައި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދީ، ބާރުވެރިކޮށް، ކާމިޔާބު ބަޔަކަށް ވުމަށް އެހީތެރިވުމުގެގޮތުން ދިގުމުއްދަތުގެ ޕްރޮޖެކްޓެއް ފަށާފަ އެވެ.

މި ޕްރޮޖެކްޓުގެ ދަށުން ޒުވާނުންގެ ތާޒާ އަދި އުފެއްދުންތެރި ވިޔަފާރީގެ ހިޔާލު ހުށަހަޅައި، އެ ހިޔާލަށް ދިރުން ގެނެސްދީ ކާމިޔާބު ވިޔާފާރި އަކަށް ހެދުމަށްޓަކައި "ޕިޗް-އަޕް ޔޫތު އެންޓްރިޕްރިނާޝިޕް ޗެލެންޖް" ގެ ނަމުގައި މިވަނީ މުބާރާތެއް ފަށާފަ އެވެ. މި މުބާރާތުގައި ހިޔާލު ހުށަހަޅަން ޖެހެނީ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާ އާއި ޓޫރިޒަމް އަދި ޓޫރިޒަމާ ގުޅުންހުރި އުމްރާނީ މަސައްކަތުގެ އިތުރުން ދަނޑުވެރިކަމުގެ ދާއިރާ އިންނެވެ.

ޕިޗް އަޕް" އަކީ ވިޔަފާރިއެއް ތަރައްގީކުރާނެ ގޮތުގެ ހިޔާލެއް ހުށަހަޅައިގެން، ކާމިޔާބުކުރާ ފަރާތްތަކަށް ފައިސާގެ އެހީއާ، ތަމްރީނު އަދި ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ އެހެނިހެން އެހީތެރިކަން ލިބޭނޭ ގޮތަށް ފަރުމާ ކޮށްފައިވާ މުބާރާތެކެވެ. ހުށަހެޅޭ ހިޔާލުތަކުގެ ފެންވަރަށް ބެލުމަށްފަހު، ގާތްގަނޑަކަށް 10 އާ 15 އާ ދެމެދުގެ އަދަދެއްގެ ޒުވާނުންނަށް ހިލޭ އެހީގެ ގޮތުގައި ފައިސާ ލިބުމުގެ ފުރުސަތު އެބައޮތެވެ.

މުބާރާތުގެ މުުހިންމު މައުލޫމާތު

  • މުޅި މުބާރާތުގެ ހުރިހާ މަރުހަލާއެއް ކުރިއަށް ގެންދާނީ އޮންލައިންކޮށް މުޅި ރާއްޖެ އަށް ހުޅުވާލައިގެން
  • މި މުބާރާތުގައި ބައިވެރިވެވޭނީ މުބާރާތް ހުޅުވާލި ތާރީހަށް (5 އޭޕްރިލް 2021) 18 އަހަރު ފުރި، 36 އަހަރު ނުފުރޭ ދިވެހި ޒުވާނުންނަށް
  • މޮޅުވާ ފަރާތްތަކުގެ ހުށަހެޅުންތަކަށް ބެލުމަށްފަހު، 150,000ރ އާއި 600,000ރ އާ ދެމެދުގެ ހިލޭ އެހީ ލިބޭނެ. މި ފައިސާ ލިބޭނީ މަރުހަލާތަކަކަށް ބަހާލައިގެން
  • ވަކި ފަރުދެއްގެގޮތުގައި ނުވަތަ ގިނަވެގެން ތިން މީހުންގެ ޓީމެއްގެ ގޮތުގައި ބައިވެރިވޭނެ
  • ހުށަހަޅާ ހިޔާލަކީ އީޖާދީ އުފެއްދުންތެރި އަދި އާ ވިޔަފާރީގެ ހިޔާލަކަށް ވާންވާނެ
  • ހިޔާލު ހުށަހެޅޭނީ ހަތަރު ދާއިރާ އަކުން. އެއީ ފަތުރުވެރިކަން، ފަތުރުވެރިކަމާ ގުޅުންހުރި އުމްރާނީ މަސައްކަތް، އައިސީޓީ ނުވަތަ ދަނޑުވެރިކަމުގެ މަސައްކަތް
  • މުބާރާތަށް އިންސާފުކުރަނީ ވޯލްޑް ބެންކުން ގަބޫލުކުރާ މިންގަނޑުތަކާ އެއްގޮތަށް، އެފަރާތުގެ ލަފައާއެކު އެކުލަވާލާ ދިވެހި އަދި ބޭރުގެ ފަންނީ ތަޖުރިބާކާރުންގެ ޓީމަކުން

މި މުބާރާތް ބަހާލެވިފައިވަނީ ތިން މަރުހަލާއަކަށެވެ. މި ޕްރޮޖެކްޓަށް ވިޔަފާރީގެ ހިޔާލު ހުށަހަޅަން ޖެހޭނީ ވެބްސައިޓުގައި މުބާރާތަށް ހާއްސަކުރެވިފައިވާ ޕޯޓަލް މެދުވެރިކޮށެވެ. މި މަރުހަލާއިން ހޮވާލެވޭފަރާތްތަކަށް ހާއްސަކޮށްގެން ކުރު އޮންލައިން ތަމްރީނު ޕްރޮގްރާމެއް ހިންގޭނެ އެވެ. މި ތަމްރީނުގައި ވިޔަފާރިއެއް ފެށުމާ، ހިންގުމާގުޅޭ އިރުޝާދުތަކާއި ތަފްސީލީ "ބިޒްނަސް ޕްރޮޕޯސަލެއް" ހުށަހަޅާނޭ ގޮތުގެ ތަމްރީނު ވެސް ދޭނެ އެވެ.

ތަމްރީނު ނިންމާ ފަރާތްތަކުން ތަފްސީލީ ޕްރޮޕޯސަލް ތައްޔާރުކުރުމަށްފަހު ހުށަހެޅުމަށްފަހު އެންމެ ރަނގަޅު ޕްރޮޕޯސަލްތައް ހުށަހެޅި ބައިވެރިން، އޮންލައިންކޮށް ބައިނަލް އަގްވާމީ އަދި ދިވެހިން ހިމެނޭ ޖަޖުންގެ ޕެނަލަކަށް ޕްރޮޕޯސަލްތައް ހުށަހެޅޭނެ އެވެ. މުބާރާތް ކާމިޔާބުކުރާ ފަރާތްތައް ކަނޑައެޅިގެންދަނީ މި މަރުހަލާގަ އެވެ.

މުބާރާތް ކާމިޔާބު ކުރާ ފަރާތްތަކަށް ލިބޭ ފައިސާގެ އެހީގެއިތުރުން، އެ ފަރާތްތަކުން ވިޔަފާރި ފެށުމަށް ބޭނުންވާ އިރުޝާދު ދިނުމާ ވިޔަފާރި ފެށުމަށްފަހު މޮނިޓަރިން ޕްރޮގްރާމެއްގެ ދަށުން ފަންނީ އެހީތެރިކަން ލިބޭނޭ ގޮތް ހަމަޖައްސައިދޭނެ އެވެ. މި މުބާރާތުގެ ސުންގަޑިއަކީ އަންނަ މަހުގެ ފަސް ވަނަ ދުވަހެވެ. އިތުރު މައުލޫމާތު އޮޅުން ފިލުއްވުމަށް މުބާރާތުގެ ވެބްސައިޓް އަށް ޒިޔާރަތްކޮށްލެއްވުމުން ނުވަތަ ހޮޓްލައިން 9139292 އަށް ގުޅުއްވުމުން ލިބޭނެ އެވެ.