އާރްޑީސީ

އާރްޑީސީގެ އޮފީސް ފަޅާލި މައްސަލާގައި ތިން މީހުން ހައްޔަރުކޮށްފި

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ އޮފީސް ހަފުތާއެއްގެ ތެރޭގައި ދެ ފަހަރަށް ފަޅާލައި ފައިސާތަކެއް ވަގަށް ނެގި މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެ މައްސަލައިގެ ތުހުމަތުގައި މިދިޔަ ހޮނިހިރު ދުވަހު ހައްޔަރުކުރީ އުމުރުން 25 އަހަރާއި 31 އަހަރާއި އަދި 33 އަހަރުގެ މީހެއް ކަމަށެވެ.

އެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 10 ދުވަސް ޖަހައިދީފަ އެވެ.

މާލޭގެ އޯކިޑް މަގުގައި ހުންނަ އާރްޑީސީގެ ހެޑް އޮފީސް ފަޅާލީ މި މަހުގެ 17 ވަނަ ދުވަހާއި 23 ވަނަ ދުވަހު އެވެ.

މި މައްސަލައާއި ގުޅިގެން އަވަސް އިން ސުވާލު ކުރުމުން އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު މީގެ ކުރިން ވިދާޅުވީ އެ އޮފީސް ދެ ފަހަރަށް ފަޅާލައި ފައިސާ ތަކެއް ވަގަށް ނެގުމުން އޭނާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އެކަމަކު އެ މައްސަލާގައި އާރްޑީސީގެ އެއްވެސް މުވައްޒަފެއްގެ ބައިވެރިވުމެއް ނެތް ކަން ޔަގީންކޮށްދެއްވި އެވެ.

މޫސަ ވިދާޅުވި ގޮތުގައި އާރްޑީސީގެ އޮފީސް ހިންގަނީ ވަރަށް ބޮޑަށް ބާވެ ހަލާކުވެފައި ހުރި އިމާރާތެއްގަ އެވެ. އެތަނުގެ ފާރުތަކާއި ދޮރުތައް ހުރީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. އެހެންވެ އެ އޮފީސް ފަޅާލީ ފަސޭހައިން ހަލާކު ކޮށްލައިގެން ވަދެ އެވެ.

"މިއޮފީހުގެ ފުރަގަހަށް އޮންނަ ގޯޅިގަނޑުގައި ބަޔަކު ކުރާނެހާ ކަމެއް ކުރެވޭ ގޮތަށް މި އޮންނަނީ. އެ ދިމާލުން ވަދެ އޮފީސް ފަޅާލާފައި މި ހުންނަނީ،" މޫސަ ވިދާޅުވި އެވެ.

އާރްޑީސީ ފަޅާލި މީހުންގެ ވީޑިއޯތައް ސީސީޓީވީ ކެމަރާއަށް ރެކޯޑް ކުރެވިފައި ވާތީ އެ ކުންފުނިން ވަނީ ފްޓޭޖުތައް ފުލުހުންނާ ހަވާލުކޮށްފަ އެވެ.

އާރްޑީސީގެ ފައިނޭންސް ޑިޕާޓްމަންޓުން ވަނީ ވަގަށް ނެގި ފައިސާއާއި ގުޅޭ ހާއްސަ ރިޕޯޓެއް އެކުލަވާލައި މެނޭޖިން ޑިރެކްޓަރާ ހިއްސާ ކޮށްފަ އެވެ. އެކަމަކު ގެއްލުނު ފައިސާގެ އަދަދާ ގުޅޭ ގޮތުން ސުވާލު ކުރުމުން މޫސަ ވަނީ އެއީ ތަހުގީގު ހިނގަމުންދާ މައްސަލަ އަކަށްވާތީ އެ މައުލޫމާތު ހިއްސާކުރެއްވުމަށް އުޒުރުވެރިވެ ވަޑައިގެންފަ އެވެ.

"އަޅުގަނޑުމެންގެ މި އޮފީހަކީ ވަރަށް ގިނަ ޕްރޮޖެކްޓް ކުރިއަށް ގެންދާ ތަނަކަށް ވާތީ މިތަނުގައި ޕްރޮޖެކްޓްތަކަށް ބޭނުންވާ މިންވަރަށް ޕެޓީ ކޭޝްގެ ގޮތުގައި ބޭނުން ކުރުމަށް އަބަދުވެސް ފައިސާ ހުރޭ. އެ ނޫން ފައިސާއެއް އަޅުގަނޑުމެން އޮފީހުގައި ނުގެންގުޅެން،" އާރްޑީސީގައި ބޮޑެތި އަދަދުތަކުން ފައިސާ ނުހުންނާނެ ކަން ޔަގީން ކޮށްދެއްވަމުން ވިދާޅުވި އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި އާރްޑީސީ ދެ ފަހަރަށް ފަޅާލައި ވަގަށް ގެންދިޔަ ފައިސާގެ އަދަދު 103،000ރ. އަށް ވުރެ އިތުރެވެ.