ރައްޔިތުންގެ މަޖިލިސް

މީހަކަށް އަނިޔާކުރި މައްސަލަ ރިވިއުކުރަން ޕީޖީ އަށް އަންގަން ފާސްކޮށްފި

ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރި މީހަކަށް ފުލުހުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންތަކެއް އަނިޔާކުރި ކަމަށް ބުނާ މައްސަލާގައި ދައުވާ ކުރެވެން ނެތް ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް ނިންމެވި ނިންމެވުން ރިވިއުކުރަން އަންގަން މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފި އެވެ.

އެކަމާ ގުޅޭ ގޮތުން މަޖިލީހުގެ ތަޅުމުގައި މިއަދު ނެގި ވޯޓުގައި ރިވިއުކުރަން އަންގަން ފެންނަކަމަަށް 47 މެމްބަރަކު ވޯޓު ދެއްވި އެވެ.

ދެހާސް ސަތާރަ ވަނަ އަހަރު ހ. ކުއްޅަވައްމާގޭ، އަޒްހަރު އިބްރާހިމް ހައްޔަރު ކުރުމުގެ ތެރޭގައި ކ. މާފުށީ ޕޮލިސް ސްޓޭޝަންގެ ފުލުހުންނާއި ކަރެކްޝަންސް އޮފިސަރުން ބޮޑެތި އަނިޔާތަކެއް ދިން ކަަމަށް ބުނާ މައްސަލަ ތަހުގީގުކޮށް ޕީޖީ އަށް ހުށަހެޅި އެވެ. ނަމަވެސް މައްސަލަ ސާބިތުވާ ވަރަށް ހެކި ނެތް ކަމަށް ބުނެ ފުލުހާއި ކަރެކްޝަންސްގެ އޮފިސަރުންގެ މައްޗަށް ދައުވާ ނުކުރަން ޕީޖީން ކުރިން އޮތީ ނިންމާފަ އެވެ.

މިމައްސަލާގައި ހިއުމަން ރައިޓްސް ކޮމިޝަނުން 2019 ވަނަ އަހަރު ނިންމި ނިންމުމުގައި ވެސް ވަނީ އަޒްހަރަށް ފުލުހުންނާއި ކަރެކްޝަންސްގެ އޮފިސަރުން ގަސްދުގައި އަނިޔާ ކުރިކަން އެނގެން ނެތް ކަަމަށެވެ. ނަމަވެސް އަލަށް އެކުލަވައިލި ހިއުމަން ރައިޓްސް ކޮމިޝަނުން ފަހުން އެ މައްސަލަ ބަލައި އޭނާއަށް ލާއިންސާނީ އަނިޔާ ދީފައިވާ ކަމަށް ނިންމާފައިވެ އެވެ. އެހެންކަމުން އަޒްހަރަށް އަނިޔާކުރި ފުލުހުންނާއި ކަރެކްޝަންސްގެ އޮފިސަރުންނަށް ދައުވާ ކޮށްދިނުމަށް އެ ކޮމިޝަނުން ވެސް ވަނީ ޕީޖީގައި އެދިފަ އެވެ.

އަޒްހަރަށް ލިބުނު އަނިޔާތަކާ ގުޅޭގޮތުން ފުލުހުން ކުރިން ބުނެފައިވަނީ އެ އަނިޔާތައް ލިބުނީ އޭނާ ހައްޔަރުކުރުމުގެ ތެރޭގައި ގާތަަކެއްގެ މައްޗަށް ވެއްޓިގެން ކަމަށެވެ. އެކަމަކު މެޑިކަލް އެކްސްޕާޓުންގެ ވާހަކަތަކާއި އަޒްހަރަަށް އަނިޔާ ކުރި މަންޒަރު ފެނުނު ކަމަށް ބުނާ މީހުންގެ ވާހަކަތަކުން އެކަން ހިނގީ އެގޮތަށް ނޫން ކަމަށް މަޖިލީހުގައި މައްސަލަ ދިރާސާކުރި ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީގެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

އަޒްހަރަށް އަނިޔާކުރި މީހުންގެ މައްސަލަ އަލުން ބަލައި އޭނާއަށް މަދަނީ ގޮތުން ނަގައިދޭން ޖެހޭ ބަދަލު ނަގައިދިނުމަށް އެޗްއާރްސީއެމް އިސްވެ އޮވެ މަސައްކަތް ކުރަން އެ ކޮމިޝަނަށް އެންގުމަށްވެސް މަޖިލީހުގެ ތަޅުމުން ފާސްކޮށްފައިވެ އެވެ.