ރޯދަ މަސް

އީމާންކަމާ ދަރުމައަށް އެދި އަޅުކަން ކުރުން

ރޯދައާ ގުޅުންހުރި ގިނަ ޙަދީޘްތަކުގައި إِيْمَانًا وَاحْتِسَابًا މިފަދައިން ވާރިދުވެފައިވެއެވެ. މާނައަކީ "އީމާންކަމާއެކު ދަރުމަޔާއި ސަވާބަށް އެދިހުރެ" އެވެ.

އެބަހީ ރޯދަވެރިޔާ ރޯދައަށް ހުންނަ ހިނދުގައިވެސް އީމާންކަމާއެކު ދަރުމަޔާއި ސަވާބަށް އެދިހުރެ، ރޯދަ ހިފައިފި މީހާގެ އިސްވެދިޔަހާ ފާފަތަކެއް ފުއްސަވައިދެއްވާނެއެވެ. ހަމައެފަދައިން އީމާންކަމާއެކު ދަރުމަޔާއި ސަވާބަށް އެދިހުރެ ރަމަޟާންމަހުގެ ރޭއަޅުކަންކޮށްފި މީހާގެ އިސްވެދިޔަހާ ފާފަތަކެއް ފުއްސަވައިދެއްވާނޭކަމުގައިވެސް ވަނީ ޙަދީޘްކުރައްވާފައެވެ. ހަމައެފަދައިން އީމާންކަމާއެކު ދަރުމަޔާއި ސަވާބަށް އެދިހުރެ، ލައިލަތުލް ޤަދްރި ވިލާރޭ އަޅުކަންކޮށްފި މީހާގެ އިސްވެދިޔަހައި ފާފަތައްވެސް ފުއްސައިވެދެއްވާނޭކަމުގައި ޙަދީޘްކުރައްވާފައިވެއެވެ.

މި ކަލިމަ احْتِسَاب ގެ މާނައަކީ މާތް ﷲ އަށް އަޅުކަން ޚާލިޞްކޮށް އެކަލާނގެ ޙަޟުރަތުން އެއަޅުކަމުގެ ދަރުމަޔާއި ސަވާބު ދެއްވުން އެދިހުރެ އަޅުކަން ކުރުމެވެ. އަދި އެނިޔަތުގައި ރޯދައިގެ އަޅުކަން ފުރިހަމަކުރުމެވެ. ކޮންމެ ޢަމަލެއްގައިމެ މިފަދައިން ނިޔަތެއް އޮވެއްޖެ މީހާގެ ދަރުމަޔާއި ސަވާބު އިތުރުވެގެން ދާނޭކަމީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫނެވެ.

ރޯދަވެރިޔާގެ ރޯދައިން އެދެންވީ ކޮން ކަމަކަށް؟

* ރޯދަވެރިޔާ އެދެންވީ، ރޯދައިގެ އަޅުކަމުގެ ސަބަބުން އޭނާގެ ކިބައިގައި ތަޤުވާވެރިކަން އިތުރުކޮށްދެއްވުމަށެވެ. އިސްވެދިޔަ އުއްމަތްތަކަށް ފަރުޟު ކުރެއްވުނު ފަދައިން މިއުއްމަތަށްވެސް ރޯދަ ފަރުޟުކުރެއްވުނީ މީސްތަކުން ތަޤުވާވެރިވުމަށްޓަކައެވެ. މާތް ﷲ ގެ ޙަޟުރަތުގައި ތިބާއަކީ ތަޤުވާވެރިގެން ތެރެއިން ހިމެނޭ މީހެއް ކަމުގައި ލިޔުއްވިއްޖެނަމަ އުފާވެރިކަމުގެ ކޮޅެއް ނެތެވެ. އެއިލާހު ވަޙީކުރައްވާފައިވެއެވެ. {وَاللَّهُ وَلِيُّ الْمُتَّقِينَ} [الجاثية: 19] މާނައީ: "ﷲ އީ ތަޤުވާވެރިންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ."

ތަޤުވާވެރިވާ މީހުންނަސް އެމީހުންގެ ކަންތައްތައް ލުއިފަސޭހަ ކޮށްދެއްވާނެކަމުގައާއި ތަޤުވާވެރިވާ މީހުންނަށް އެމީހުން ހީވެސް ނުކުރާފަދަ ގޮތްގޮތުން ތަނަވަސްކަމާއި ރިޒުޤު އިތުރުކޮށްދެއްވާނޭކަމުގައިވެސް މާތް ﷲ ވަނީ ވަޢުދުވެވޮޑިގެންފައެވެ. އަދި ތަޤުވާވެރިންނަކީ ދިންނެވުމާއި ނަޞީބުގެ އަހުލުވެރިންކަމުގައި ކީރިތި ޤުރްއާނުގެ އެތައް ތަނެއްގައި މާތް ﷲ ވަނީ އަންގަވާފައެވެ.

* ރޯދައަށް ހުރުމުގައި އެދެންވީ އަނެއްކަމަކީ ފާފަ ފުއްސަވައިދެއްވުމަށެވެ. އިސްވެދިޔަހާ ފާފައެއް ފުއްސަވައިދެއްވައި އެފާފަތަކުގެ އަސަރު ތިމާގެ ދިރިއުޅުމުން ފިއްލަވައި ދެއްވުމަށެވެ. އެހެނީ ރޯދައިގެ އަޅުކަމާއި ރަމަޟާންމަހުގެ ރޭ އަޅުކަމަކީ އިސްވެދިޔަހައި ފާފަތައް ފުއްސަވައިދެއްވުމުގެ ވަޞީލަތެކެވެ.

* ރޯދަ ވެރީންނަށް މާތް ﷲ ގެ ޙަޟުރަތުގައިވާ މަތިވެރި ދަރަޖަތަކަށް ވާޟިލުވުމުގެ ނިޢްމަތް ދެއްވުން އެދޭށެވެ. އެހެނީ ރޯދައިގެ އަޅުކަމަކީ އެފަދަ ދަރަޖަތަކަށް ވާޞިލުވުމަށް ހުޅުވޭ މަގެކެވެ.

* ފިތުނަތަކުން ރައްކާތެރި ކޮށްދެއްވުމަށް އެދޭށެވެ. މިފަދަ ފިތުނަތަކާއި މުޞީބާތްތައް ގިނަވެފައިވާ ވަޤުތެއްގައި ރޯދައާއި ނަމާދު އެއީ ތިމާގެ ރައްކަލެއްކަމުގައި ހަދާށެވެ. ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ. « فِتْنَةُ الرَّجُلِ فِى أَهْلِهِ وَمَالِهِ وَنَفْسِهِ وَوَلَدِهِ وَجَارِهِ يُكَفِّرُهَا الصِّيَامُ وَالصَّلاَةُ وَالصَّدَقَةُ وَالأَمْرُ بِالْمَعْرُوفِ وَالنَّهْىُ عَنِ الْمُنْكَرِ » متفق عليه މާނައީ: "މީހަކަށް ފިތުނަތައް ކުރިމަތުވުމުގެ މަގުތަކަކީ އޭނާގެ އަނބިދަރީންނާއި އޭނާ ނަފްސާއި މުދަލާއި އަވައްޓެރިޔާގެ ފާރާތުންނެވެ. އެކަންކަމުގެ ކައްފާރާއަކީ ރޯދައާއި ނަމާދާއި ޞަދަޤާތްކޮށް އުޅުމާއި ހެޔޮކަންތަކަށް އަމުރުކޮށް މުންކަރާތްތައް ނަހީކުރުމެވެ."

* ފާފަތަކުގެ ނުބައި މަޅިތަކުން ރައްކާތެރިކޮށްދެއްވުން އެދޭށެވެ. އެހެނީ ރޯދައަކީ އައްޑަނައެއްކަމުގައި ޞައްޙަ ޙަދީޘްތަކުގައި ވާރިދުވެފައިވެއެވެ.

* ނަރަކައިން މުއްތިކުރައްވައި ނަރަކައިގެ ޢަޛާބުން ދުރުކުރެއްވުމަށް އެދޭށެވެ. މާތް ނަބައްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަގެ އަރިހުން ރިވާވެގެންވެއެވެ. "މަތް ﷲ ގެ މަގުގައި އެންމެ ދުވަހަކު ރޯދައަށް ހުރެއްޖެ މީހާގެ މޫނު ނަރަކާއި ހަތްދިހަ އަހަރުގެ ދުރުމިނަށް ދުރުކޮށްދެއްވައެވެ." متفق عليه

* ރޯދައަކީ ސުވަރުގެ ވަނުމުގެ މަގެއްކަމުގައި ވުމާއެކު ސުވަރުގޭ ނިޢުމަތަށް އެދޭށެވެ. ސުވަރުގޭގައި އަށް ދޮރުކޮޅު ހުންނަ ކަމުގައްޔާއި ރޯދަވެރިން ސުވަރުގެ ވަނުމަށް ޚާއްޞަ ދޮރުކޮޅެއް ވާނޭކަމުގައި ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ ޚަބަރު ދެއްވާފައައެވެ.

މިދަންނަވާލީ ރޯދައިގެ އަޅުކަމާއި ރޯދަވަރިޔާއަށް ހުރި ބައެއް ނިޢްމަތްތަކާއި ދަރުމައިގެ ވާހަކަތަކެވެ. ރޯދައަށް ހުންނަ ހިނދުގައި، ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު އެ އަޅުކަން އަދާކުރާ ފަރާތްތަކަށް މާތް ﷲ ވަޢުދުވެވޮޑިގެންފައިވާ ނިޢުމަތްތައް ދެއްވުންއެދި ދުޢާކުރާށެވެ.