މޯލްޑިވސް ބްރޯޑްކާސްޓިން ކޮމިޝަން

ޝިފްލާއަށް މަޖިލީހުން ރުހުން ދީފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު ކަަމަށް ޕްރެޒެންޓަރު ޝިފްލާ އިބްރާހީމް އައްޔަނުކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

މީގެ ކުރިން ދެ ފަހަރެއްގެ މަތިން އެ މަގާމަށް އައްޔަނުކުރަން ޝިފްލާގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޖިލީހަށް ހުށަހެޅުއްވި އެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ޝިފްލާގެ ނަން ފެއިލް ކޮށްލަނީ އެވެ. ބްރޯޑްކޮމްގެ މެމްބަރުކަމަށް ޝިފްލާ އައްޔަނުކުރުމަށް މަޖިލީހުގެ ތަޅުމުގައި މިއަދު ނެގި ވޯޓުގައި ފެންނަ ކަމަށް 71 މެމްބަރަކު ވޯޓު ދެއްވި އެވެ.

ޝިފްލާ އައްޔަނުކުރަން މަޖިލީހުން ރުހުން ދިން ނަމަވެސް ރައީސް ސޯލިހް މިފަހަރު މަޖިލީހަށް ފޮނުއްވި ލިސްޓުގެ ކުރީގައި އޮތީ މ. ވެންކޫވާ، ފާތުމަތު ސައުޝަން އެވެ. ޝިފްލާގެ ނަން އޮތީ ދެވަނައިގަ އެވެ. މަޖިލީހަށް ނަންތައް ފޮނުވުމުން މަޖިލީހުން ރުހުންދޭ އިރު ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ލިސްޓު ތަރުތީބުން ރުހުން ދިނުމަށް ވަރަށް ގިނަ ފަހަރު އިސްކަންދީފައިވެ އެވެ. ނަަމަވެސް ޝިފްލާ ފިޔަވައި އެހެން އެެއްވެސް ބޭފުޅެއްގެ ނަން ކޮމެޓީން ފާހެއް ނުވި އެވެ. އެހެންވެ މަޖިލީހުގެ ތަޅުމަށް ފޮނުވީ ޝިފްލާގެ ނަން އެކަންޏެވެ.

ޝިފްލާ ވަނީ ޖާނަލިޒަމްގެ ދާއިރާއާއި ޑިގްރީއާއި މާސްޓާސް ވެސް ހާސިލްކުރައްވާފަ އެވެ. އޭނާ މިހާރު ވެސް ގެންދަވަނީ ޕާޓްޓައިމްކޮށް ސަންގު ޓީވީގައި ނިއުސް އޭންކަރެެއްގެ ވަޒީފާ އަދާކުރައްވަމުންނެވެ.

ބްރޯޑްކޮމްގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލީ އެ ކޮމިޝަންގެ މެމްބަރު އައިމިނަތު ސަހާރަތު އިއްޒަތުގެ ދައުރު ހަމަވުމުންނެވެ.

ބްރޯޑްކޮމް އެކުލެވެނީ ހަތް މެމްބަރުންގެ މައްޗަށެވެ. މިވަގުތު އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވީ މަރިޔަމް ވަހީދާ އެވެ. އަދި ކޮމިޝަންގެ ނައިބް ރައީސަކީ އަހުމަދު ގައިސް އެވެ. ބްރޯޑްކޮމްގެ މެމްބަރުންގެ ދައުރަކީ ފަސް އަހަރެވެ.