ރައްޔިތުންގެ މަޖިލިސް

ގަރާޖު ސިޓީގެ އިސްލާހު ދިރާސާކުރަން އަލުން ކޮމިޓީއަށް

ގަރާޖެއް ނެތި ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެންނަން ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ނިންމި ނިންމުން މުރާޖާކުރަން އަނެއްކާވެސް ކޮމިޓީއަށް ފޮނުވަން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ކޮމިޓީގެ ނިންމުން މުރާޖާކުރަން ހުށަހެޅިއިރު ގަރާޖުގެ ސިޓީގެ ހުށަހެޅުމަށް އެމްޑީޕީގެ އެންމެ އިސް މަޖިލިސް މެމްބަރުންގެ ނުރުހުމާއި އާންމުންގެ ނުރުހުން ވެސް ވަރަށް ބޮޑަށް އަމާޒުވި އެވެ. އެ މައްސަލަ އަލުން ކޮމިޓީއަށް ފޮނުވަން ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ. އޭނާގެ ހުށަހެޅުއްވުމަށް ތާއިދުކުރެއްވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެވެ.

އީވާގެ ހުށަހެޅުމާ އެއްގޮތަށް އެ މައްސަލަ އަލުން ކޮމިޓީއަށް ފޮނުވަން މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ފެންނަކަމަށް 68 މެމްބަރަކު ވޯޓު ދެއްވި އެވެ. އަދި ނުފެންނަ ކަމަށް އެއް މެމްބަރަކު ވޯޓު ދެއްވި އިރު އެއް މެމްބަރަކު ވޯޓުގައި ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.

ގަރާޖު ސިޓީ އުވާލަން ކޮމިޓީން ނިންމީ އެތައް އަހަރުތަކެއް ވަންދެން އެއް ގަރާޖަކަށް އެތައް ވެހިކަލްތަކެއް ގާނޫނާ ހިލާފަށް ރަޖިސްޓްރީ ކޮށްގެން ކުރަމުންދިޔަ ނާޖާއިޒު ވިޔަފާރިއަށް ނިމުން ގެނައުމުގެ ގޮތުން ކަމަށް ބުނެ އެވެ.

ނަމަވެސް އީވާ ވިދާޅުވީ ޖާއިޒު ގޮތުގައި ކުރާ ކަމެއް ގާނޫނެއްގައި ލިޔެގެން އެއީ ޖާއިޒު ކަމަަކަށް ހަދަން އުޅުނަސް އޭގައިވާ ނާޖާއިޒު ގޮތް ފިލައިގެން ނުދާނެ ކަމަށެވެ.

ގަރާޖު ސިޓީއާ ގުޅޭ ގޮތުން މަޖިލީހުގެ ތަޅުމުގައި އިއްޔެ ކުރި ބަހުސްގައި އެމްޑީޕީގެ ގިނަ މެމްބަރުން ވަނީ ގަރާޖް ސިޓީ އުވާލުމަކީ ކުރެވޭނެ އެންމެ ރަނގަޅު ކަންތައް ކަމަށްވެސް ވިދާޅުވެފަ އެވެ