ރައްޔިތުންގެ މަޖިލިސް

އަށް ބިލެއް ފާސްކޮށް މަޖިލިސް ޗުއްޓީއަށް

އަށް ބިލެއް ފާސްކޮށް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ފުރަތަމަ ދައުރު މިއަދު ނިންމާލައިފި އެވެ.

ނިމިގެން މިދިޔަ ދައުރުގެ މަސައްކަތްތަކާ ގުޅޭ ގޮތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ ނިމިގެން ދިޔަ ދައުރުގައި ހުށަހެޅި 24 ބިލާއެކު އަދި މި ދައުރު މަޖިލީހަށް ހުށަހެޅި 11 ބިލާއެކު ޖުމްލަ 35 ބިލެއްގެ މަސައްކަތް މި ދައުރުގައި ކުރިއަށް ގެންދެވުނު ކަމަށެވެ. އޭގެ ތެރެއިން އަށް ބިލެއް މި ދައުރުގައި ވަނީ ފާސްކޮށްފަ އެވެ.

މި ދައުރު ފާސް ކުރި މުހިންމު ބިލްތަކުގެ ތެރޭގައި ސިފައިންގެ ގާނޫނަށް ގެނައި އިސްލާހުގެ ބިލާއި، ގައުމީ ޕޭމަންޓް ސިސްޓަމްގެ ބިލާއި، މަތީ ތައުލީމްގެ ބިލްގެ އިތުރުން މީހުން ޓްރެފިކް ކުރުމުގެ ގާނޫނަށް ގެނައި އިސްލާހުގެ ބިލު ހިމެނެ އެވެ.

ނިމިގެން ދިޔަ ދައުރުގައި ހުށަހެޅި 10 ގަރާރާއި މި ދައުރު ހުށަހެޅި ހަތަރު ގަރާރުގެ މަސައްކަތްތައް ކުރިއަށް ގެންދިޔައިރު ފަސް ގަރާރެއްގެ މަސައްކަތް ނިންމި އެވެ.

އޭގެ އިތުރުން 324 ކޮމެޓީއަކާއެކު 37 ޖަލްސާ ބާއްވައި ރިޔާސަތަށް ލިބުނު 347 ސިޓީގެ ތެރެއިން 263 ސިޓީ ކަމާ ގުޅޭ ކޮމެޓީތަކަށް ފޮނުވާފައި ވެއެވެ.

މި ދައުރުގައި ހުށަހެޅި 10 ކުއްލި މައްސަލައެއްވެސް ވަނީ ނިންމައިފަ އެވެ.

ފުރަތަމަ ދައުރު ނިންމައި މަޖިލިސް ޗުއްޓީއަށް ދިޔައިރު މަޖިލިސްގެ ދެވަނަ ދައުރު ފެށޭ ތާރީހަށްވެސް ވަނީ ބަދަލު ގެނެސްފަ އެވެ.

މީގެ ކުރީގެ އަަހަރުތަކުގައި މުޅި މޭ މަސް ޗުއްޓީގެ ގޮތުގައި މަޖިލިސް މެމްބަރުންނަށް ލިބިވަޑައިގަންނަވަ އެވެ. ނަަމަވެސް ދެން މަޖިލިސްގެ ދެވަނަ ދައުރު ފެށޭނީ އަންނަ މަހު 16 ވަނަ ދުވަހު އެވެ.

އެއީ ރާއްޖޭގެ ދިރާސީ އަހަރުގެ ޗުއްޓީއާއި މަޖިލީހުގެ ޗުއްޓީ ދުވަސްވަރު އެއް ގޮތް ކުރުމަށް މިއަދު މަޖިލީހުން ފާސް ކުރުމާ ގުޅިގެން ނެވެ. ރާއްޖޭގެ ދިރާސީ އާ ކަލަންޑަރުގައި ވާގޮތުން ދަރިވަރުންނަށް ޗުއްޓީ ލިބެނީ އޮގަސްޓު މަހު އެވެ. ނަމަވެސް އެ ދުވަސްތައް ދިމާވަނީ މަޖިލީހުގެ ދެވަނަ ދައުރުގެ މެދުތެރެއަށް ވާތީ މަޖިލީހުގެ ދެވަނަ ދައުރު އަވަހަށް ފަށަން ފާސްކުރީ އެވެ. އެ އިސްލާހުގެ ސަބަބުން މަޖިލީހުގެ ދެވަނަ ދައުރު މަސައްކަތް ކުރާ ދުވަސްތައް މަދުވާނެ އެވެ. ނަމަވެސް އޭގެ ބަދަލުގައި ތިން ވަނަ ދައުރުގައި މަސައްކަތް ކުރާ ދުވަސްތައް އިތުުރުވާނެ އެވެ. އަދި ޖުމްލަކޮށް މަޖިލީހުގެ މަސައްކަތްތައް ކުރާ ދުވަސްތަކުގެ އަދަދަށް ބަދަލެއް ނާންނާނެ އެވެ.