މޯލްޑިވްސް ޕޮލިސް ސާވިސް

ހަނގުރާމައަށް ދިޔަ އަންހެނަކާއި ދަރިން ރާއްޖެ ގެންނަނީ

ހަނގުރާމައަށް ދިޔަ އަންހެނަކާއި އޭނާގެ ހަތަރު ދަރިން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ހަނގުރާމާގައި ބައިވެރިވުމަށް ދިޔަ ދިވެހި އަންހެނަކު އޭނާގެ ދަރިންނާއެކު ސީރިއާއިން ތުރުކީއަށް އެތެރެވެ ގަވާއިދާ ހިލާފަށް އުޅެމުން ދަނިކޮށް ތުރުކީގެ ފުލުހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އެ މީހުންގެ މައުލޫމާތު ތުރުކީގެ ކަމާބެހޭ އިދާރާތަކުން ރާއްޖެއާ ހިއްސާކޮށްފައިވާ ކަމަަށާ އެ މައްސަލަ ތަހުގީގުކޮށް އެ ކުދިންގެ ރަށްވެހި ކަމާއި ދަތުރުކުރުމުގެ ބޭނުންވާ ލިޔެކިޔުންތަކާއި އެ މީހުން ރާއްޖެ ގެނައުމަށް ކުރަންޖެހޭ އިދާރީ މަސައްކަތް ކުރަމުން އަންނަ ކަމަަށެވެ.

އެ މަސައްކަތަށް ފުލުހުންގެ ޓީމެއް ތުރުކީގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގުން ފާހަގަކުރެވުނު ގޮތުގައި އެ އަންހެން މީހާއަކީ ސީރިއާ އާއި އަފްގާނިސްތާނުގައި ހަނގުރާމަގައި އުޅުނު ދިވެހި ދެ ފިރިހެނަކަށް ކުދިން ހޯދާފައިވާ މީހެއް ކަމަަށެވެ. އަދި އެންމެ ހަގު ދެ ކުދިން އުފަންވީ އެ ދެ ގައުމުގައި ކަމަށް އެ އަންހެން މީހާ ބުނާ އެއީ އޭނާގެ ކުދިންކަން ކަަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.