ރަމަޟާންމަހުގެ އެންމެ ހެޔޮވެގެންވާ ރޭތަކަކީ ފަހުދިހައިގެ ރޭތަކެވެ. އެހެނީ، ﷲ ތަޢާލާ ކީރިތި ޤުރްއާން ބާވައިލެއްވީ ރަމަޟާންމަހުގެ ފަހުދިހައިގެ އޮނަހިރި ރެއެއްގައެވެ. އަދި އެ ޤުރްއާން ބާވައިލެއްވި ރެއަކީ އެއްހާސް މައްސަރަވުރެ ހެޔޮކަން ބޮޑުވެގެންވާ، ބަރަކާތްތެރި ރެއެއްކަމުގައިވަނީ ލައްވާފައެވެ.
އެހެން ދުވަސްތަކުގައި ހެޔޮ ޢަމަލުތަކުގައި ހީވާގިވެލައްވާ ވަރަށްވުރެ ބޮޑަށް ރަމަޟާންމަހުގެ ފަހު ދިހައެއްގައި ކީރިތި ރަސޫލާ صلى الله عليه وسلم އަޅުކަމުގައި ހީވާގިވެލައްވައެވެ. ރަމަޟާންމަހުގެ ފަހުދިހައަކީ އެކަލޭގެފާނުގެ ހަޔާތްޕުޅުގައިވެސް މުޅިން ތަފާތު ދުވަސްތަކެކެވެ.
ފަހު ދިހައެއްގައި ރަސޫލާ صلى الله عليه وسلم ޢަމަލުފުޅުތައް ބަހައްޓަވާ ގޮތަށް ބަލައިލަމާތޯއެވެ.
އިހަށްވުރެ ގަދައަޅައި މަސައްކަތް ކުރުން
ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލު ﷲ صلى الله عليه وسلم އެހެން އެއްވެސް ދުވަސްވަރެއްގައި ނުކުރައްވާވަރަށް، ރަމަޟާންމަހުގެ ފަހު ދިހައެއްގައި އަޅުކަމުގައި ހީވާގިވެލައްވައެވެ.
އަދިވެސް އެކަމަނާ ވިދާޅުވެފައިވެއެވެ. كَانَ رَسُولُ اللَّهِ صلى الله عليه وسلم، إِذَا دَخَلَ الْعَشْرُ أَحْيَا اللَّيْلَ وَأَيْقَظَ أَهْلَهُ وَجَدَّ وَشَدَّ الْمِئْزَرَ. – متفق عليه މާނައީ: ރަސޫލު ﷲ صلى الله عليه وسلم ރަމަޟާންމަހުގެ ފަހުދިހައެއް އައުމުން އެރޭތައް އިޙްޔާކުރައްވައެވެ. އަދި އެކަލޭގެފާނުގެ ގެކޮޅުގެ އަހުލުވެރިން ހޭލައްވައެވެ. އަދި ގަދައަޅުވައި ހެޔޮކަމުގައި މަޝްޣޫލުވެލައްވައެވެ. އަދި ކަމަރު ބަދެލައްވައެވެ.
މިބަސްފުޅުގައިވާ جَدَّ ގެ މާނައަކީ ހެޔޮކަމުގައި ގަދައަޅުވައި މަސައްކަތްޕުޅު ކުރެއްވުމެވެ. އެއީ ކަންނެތްކަމާއި ފޫހިވުން ފިލުވައިލާ ހެޔޮކަމުގައި ތިމާއަށް ކުޅަދާނަވީ މިންވަރަކުން ދެމިހުރުމެވެ.
އަޅުގަނޑުމެން ގަދައަޅައި މަސައްކަތް ކުރަންވީ ކޮންކަމަކު ހެއްޔެވެ؟
الجد في الصلاة - ނަމާދު ކުރުމުގައި ހީވާގިވެ ގަދައަޅައި ދެމިހުރުމަށް މަސައްކަތް ކުރުން،
الجد في القراءة القرآن – ގިނަގިނައިން ޤުރްއާން ކިޔެވުމުގައި ދެމިހުރުމަށް ގަދައަޅައި މަސައްކަތް ކުރުން،
الجد في الذكر - މާތް ﷲ ޒިކުރު ކުރުން މަތީގައި ދެމިހުރުމަށް ގަދައަޅައި މަސައްކަތްކުރުން، އަދި ދުޢާކުރުން ގިނަކުރުން،
الجد في العلم والتعلم - ޢިލްމު އުނގަންނައި ދިނުމުގައާއި އުނގެނި ދަސްކުރުމުގައި ގަދައަޅައި މަސައްކަތް ކުރުން،
އަދި މިނޫންނަސް ހެޔޮކަމުގެ ބާބުގައި ކުރެވެން ހުރި ހުރިހާ ކަމެއްގައި ދެމިހުރުމަށް ގަދައަޅައި މަސައްކަތް ކުރުން.
ފަހުދިހާގެ ރޭތައް އިހުޔާ ކުރުން
އިސްވެ ބަޔާންކުރެވުނު ބަސްފުޅުން ދޭހަވާ ގޮތުގައި ރަސޫލު ﷲ صلى الله عليه وسلم ރަމަޟާންމަހުގެ ފަހުދިހައެއްގެ ރޭތައް އިޙްޔާ ކުރައްވައެވެ. އެ ބަސްފުޅުގައިވަނީ މިފަދައިންނެވެ.
أَحْيَا اللَّيْلَ ރޭ އިޙްޔާ ކުރައްވައެވެ. މިބަސްފުޅުގެ މުރާދުގައި އިބްނު ޙަޖަރު رحمه الله ވިދާޅުވެފައިވެއެވެ. "އެރޭތަކުގައި އަޅުކަން ކުރެއްވުމަށް ހޭލާ ހުންނަވައެވެ." އެ ރޭތަކުގައި ނަމާދު ކުރެއްވުމަށާއި ރޭ އަޅުކަން ކުރެއްވުމުގައިއާއި ކީރިތި ޤުރްއާން ކިޔަވައި ވިދާޅުވުމުގައި މުޅި ރޭގަނޑުގެ ވަގުތައް ހޭދަކުރެއްވުމެވެ.
ލައިލަތުލް ގަދްރި ވިލޭރޭ ހޯދަން މަސައްކަތް
ލައިލަތުލް ޤަދްރި ވިލޭރޭގެ މާތްކަމާއި މަތިވެރިންކަން ބޮޑުވެގެންވެއެވެ. އެ ރެޔަކީ ކޮން ރެއެއްކަން ކީރިތި ރަސޫލާ صلى الله عليه وسلم އަށް މާތް ﷲ ބަޔާންކޮށްދެއްވުމަށްފަހު، އެކަލޭގެފާނު ހަނދުމަނެތިވަޑައިގަތީއެވެ. މިކަމަކީ އުއްމަތަށް ހުރި ރަޙްމަތެއް ކަމުގައި ޢިލްމުވެރިން ދެކެލައްވައެވެ. އެހެނީ ސަލާމާއި ޞަލަވާތް ލެއްވި އިތުރު އެކަލޭގެފާނުގެ ހިދާޔަތަކީ ލައިލަތުލް ޤަދުރި ވިލޭރޭގެ މާތްކަމަށް އެދޭމީހާ ރަމަޟާންމަހުގެ ފަހު ދިހައެއްގެ ހުރިހާ ރޭތަކެއްގައި އަޅުކަން ކުރުމެވެ.
އަހުލުވެރިން އަޅުކަމަށް ނެންގެވުން
ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު ރަމަޟާންމަހުގެ ފަހު ދިހައެއްގައި އެކަލޭގެފާނުގެ ގެކޮޅުގެ އަހުލުވެރިންނަށް ގޮވާލައްވައި ހޭލައްވައެވެ. ނަމާދުކޮށް އަޅުކަން ކުރުމަށް އަހުލުވެރިންނަށް ބާރުއަޅުއްވައެވެ. އެކަލޭގެފާނުގެ ހިދާޔަތުގައި ޘާބިތުވާން އެދޭމީހަކު، އެމީހެއްގެ އަނބިދަރިންނަށް ޚާއްޞަކަމެއް ދީ، އެމީހުންނަށް ނަމާދުކޮށް އަޅުކަން ކުރުމަށް ބާރުއެޅުން މުހިންމެވެ.
އިއުތިކާފު ކުރުން
ޢާއިޝާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يَعْتَكِفُ الْعَشْرَ الْأَوَاخِرَ مِنْ رَمَضَانَ حَتَّى تَوَفَّاهُ اللَّهُ ثُمَّ اعْتَكَفَ أَزْوَاجُهُ مِنْ بَعْدِهِ – رواه البخاري ومسلم މާނައި: ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ދުނިޔެ ދޫކުރެއްވުމަށް ދާންދެން ކޮންމެ ރަމަޟާން މަހުގެ ފަހު ދިހައެއްގައި އިޢްތިކާފަށް އިންނަވައެވެ. އެކަލޭގެފާނަށްފަހުގައި އެކަލޭގެފާނުގެ އަނބިއަނބިކަބަލުން އެއަޅުކަމުގައި ދެމިތިއްބެވިއެވެ.
ހެޔޮކަމުގެ ދޮރުތައް ވަރަށްވެސް ގިނައެވެ. އެންއިން ކޮންމެ މަގެއް ޚިޔާރުކުރިކަމުގައިވީނަމަވެސް މައްސަލައެއްނެތެވެ. މުހިންމުކަންދޭންވީ ފަހު ދިހައެއްގެ ހުރިހާ ވަގުތުތަކެއްގައި އަޅުކަމުގައި ދެމިހުރުމަށެވެ. ގިނަގިނައިން ޒިކުރުކޮށް އިސްތިޣްފާރު ކުރުންމަތީ ހުރުމެވެ. މިފަދަ މަތިވެރި ރޭތަކެއްގެ ދަރުމަޔާއި ސަވާބު އެދިގެން މަސައްކަތް ކުރާހިނދު، އަނބިދަރިންވެސް އަޅުކަމުގައި ބައިވެރިކުރުވުމަކީވެސް އަދާކުރެވޭ ސުންނަތެކެވެ.