ހޮޅުއަށީގައި ދެބައެއްއޮޑުވިޔަސް ނުވަތަ ޒުވާބެއްކޮށް ހެއްދެވި ނެހެއްދެވި އަށް ގޮވައި ގަޔަށް އަތްލިޔަސް ދިވެހިންގެ އެންމެ ތޫނު ހަތިޔާރަކަށް ރައިވަރު ހެދި ޒަމާންގަނޑެއް ދިޔަ އެވެ. ދެ މީހަކު ހިތާވެ އެކަކު އަނެކެއްގެ އުނގަށް ޖަޒުބާތުތައް ބަންޑުންކުރުމަށް ވެސް ރައިވަރު ކިޔައި މާ ފޮޅުވި ޒަމާނެއްދިޔަ އެވެ.
އަދި ދިވެހި ބައެއް މިއުޒީޝަނުން ނުވަތަ ލަވަކިޔުންތެރިން ރައިވަރަށް ލަވަ ވެސް ހަމަކޮށްފައި އެބަހުއްޓެވެ.
އެކަމަކު ދުވަހަކު ވެސް "މެޓަލް ރައިވަރެއް" ގެ އަޑު އެހިންތޯ އެވެ؟ ނާހާނެ އެވެ.
ސަބަބަކީ އިއްޔެއާ ހަމަ އަށް "ރައިވަރު މެޓަލް" އޭ ކިޔުނު މިއުޒިކްގެ ވައްތަރެއް ދިވެހިންގެ މިއުޒިކްގެ ދުނިޔެ އަށް ތައާރަފްވެފައި ނެތީމަ އެވެ. އެހެންވީމަ "ރައިވަރު މެޓަލް" ދިވެހިންގެ މިއުޒިކް ދުނިޔެ އަށް ތައާރަފްވުން މިއީ ޔަގީނަށް ވެސް ތާރީޚުގެ ތެރެއިން ޖާގަ ލިބެން ޖެހޭ ވަރުގެ ކަމެކެވެ.
ސަބަބަކީ ވަރަށް އޮރިޖިނަލް އުފެއްދުމަކަށް މިކަމެއް ވީމަ އެވެ. ގަބޫލުނުކުރެވޭ ނަމަ ތިރީގައި މި އޮތީ އެ ލަވަ އެވެ. ނުވަތަ ބުނަންވީ ދިވެހިންގެ ފުރަތަމަ "ރައިވަރު މެޓަލް" ލަވައޭ ހެއްޔެވެ؟
ރައިވަރަކީ ދިވެހިންގެ ޅެންބަހުރުވައިގެ އެންމެ މުއްސަނދި އަދި ދިވެހިންގެ ހިތުގެ އެންމެ ފުނަށް ފީނައިގެން ގޮސްފައިވާ ޅެމުގެ ވައްތަރެވެ. މެޓަލް މިއުޒިކަކީ މިއުޒިކްގެ ތަފާތު އެކި ވައްތަރުތަކަށް ބަލާއިރު އެންމެ މުއްސަނދި އެއް ޖޯންރާ އެވެ.
އެހެންވީމަ ދިވެހި ރައިވަރުގެ ބާރާއި މެޓަލްގެ ބާރު އައި ޖެހި އަރައިގެންދާ ލޮޅުމެއްގައި ހުންނާނެ ބާރު މިއުޒިކްގެ ފޭނުން އަމިއްލަ އަށް އިހްސާސްކޮށްލައްވާށެވެ. ތަޖުރިބާކާރު މިއުޒީޝަން އަދި މަޝްހޫރު ގިޓަރިސްޓް އަހުމަދު ޝަހީދު ނުވަތަ ޝަހީދު ލެގަސީ އާއި ޒުވާން އަދި މާ ގިނަ ބަޔަކަށް ނޭނގޭ ލަވަކިޔުންތެރިޔާ މުހައްމަދު މުއައްޒިން (މޮޑޭ) ގެ "ގަނޑުވަރު ދޮންކަމަނާ" އަކީ ޔަގީނަށް ވެސް މި ދެންނެވި، ގައިން ހީބިހި ނަގައިގެންދާ ވަރުގެ ބާރެއް އެ ލަވައެއްގައި ހިމެނޭ ލަވަ އެކެވެ.
މިސާލަކަށް، މިއީ މުޅި ހަފުތާގައި ވެސް އަޑުއަހާލަން ލިބޭނެ އެންމެ އާދަޔާހިލާފު ދިވެހި ލަވައޭ އަޅުގަނޑު ބުނެފި ނަމަ އެކަމަށް އެއްބަސްވާނީ ކިތައް މީހުން ހެއްޔެވެ؟
ލަވައިގެ ލިރިކްސް
ހަނދުވަރުން އެރޭ، އަލިކަން ފުޅުން ދަންބެރު އިވޯ
ހަޅަޔަށް ވިރޭ މަރިޔާދުގެ މިތުރާ ހުވަފެނޭ، ކިޔަވެލިބޭ ކޯވަރެއް
ހާރިހިން ރަންކިޔާ އަސުރަށް ފޮޅޭ މާބިން އެރޭ
ހާރަނުން ޒީނަތްވެފައި އެ އިނީ ރަނި ކަނބުލޭގެ، ނަލަ ނަވާ ފަރި މާމެލާ
ގަނޑުވަރުގޭ ދޮންކަމަނާ
ވާތެރޭ ތުނި ވާރެއާ އިވުނޯ އަޑު ރާގު ނަލަ ތެދޭ
ދުންތަރިން އަލިވެފައި ދުންފިނި ތެރޭން ބޯވަޅު އެޅި ރަތް ލިބާސް
ރަންކޮޅާ ނަލަ ކޮއިފުޅާ އެދުނީ ތި ޝަރާބުން ވިހަ ކޯވަރެއް
މެރި ދެލޯ ކަނު ބާޅި ވީމެ ހުރެ، ފާށަނާ ރަންލޯފުޅާ
ގަނޑުވަރުގެ ދޮން ކަމަނާ
ހަންޑި ގަނޑުވަރު ދޮންކަމަނާ ދިން ހިތްވަރު!
މި ލަވަ ލިޔުނު އަދި ކިޔާފައިވާ ގަދަފަދަ އަޑުގެ ވެރިޔާ މޮޑޭ ބުނީ އޭނާގެ މި ލަވަ އަކީ ދިވެހި ފުލޯކު ވާހަކައެއް ކަމުގައިވާ "ހަންޑި ގަނޑުވަރު ދޮންކަމަނަ" އިން އިންސްޕަޔާވެގެން އައިސްފައިވާ މަސައްކަތެއް ކަމަށެެވެ. އެހެން ނަމަވެސް އޭނާ ބުނާ ގޮތުން މި ލަވައެއް އޭނާގެ ބޮލު ތެރޭގައި އުފަންވުމުގެ އަސްލަކީ ދިވެހި ލެޖެންޑަރީ ބޭންޑް "ޒީރޯ ޑިގްރީ އެޓޯލް" އެވެ.
"އެ މީހުންގެ ލަވަ، ވިގަނި، ގެ ނިމޭ ތަންކޮޅުގައި ބޭނުންކޮށްފައި ހުންނާނެ ރައިވަރެއްގެ ޒާތަށް ބޭނުންކޮށްފައިވާ އައުޓްރޯއެއް. އެ ބައި އަޑު އަހާފައި ހިތަށް އެރީ މެޓަލް ލަވައަކަށް އެގޮތަށް ދިވެހި ރައިވަރުގެ ރާގު ވެއްދީމަ ވަރަށް ސަޅިވާނެއޭ،" ލަވައިގެ ހިޔާލު އުފެދިގެން އައި ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކަމުން މޮޑޭ ބުންޏެވެ.
އޭނާ މެޓަލްގެ ތެރެއަށް ރައިވަރު އިތުރުކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ދިވެހި ވަންތަކަމެއް އެއަށް ދިނުން ކަމަށެވެ.
"އާންމުކޮށް މީހުން ބުނަނީ ދިވެހި މިއުޒިކަކީ ހަމައެކަނި ޒީރޯ ޑިގްރީއޭ ނުވަތަ ބޮޑުބެރޭ. އެހެންވީމަ މި ލަވައިގެ އެންމެ ބޮޑު ބޭނުމަކީ މެޓަލްގެ ތެރެއަށް ދިވެހިވަންތަކަމެއް ވައްދައިގެން މި ޖޮންރާ ވެސް ދިވެހިންގެ ތެރޭގައި ދިރުވައި ދިވެހިވަންތަކުރުން."
މޮޑޭއާ އެކު ލަވައިގެ މިއުޒިކް އުފެއްދި ޝަހީދު ބުނީ މެޓަލް ލަވަތަކަށް ރާއްޖޭގައި ނެތް މަގްބޫލުކަން ހޯދުމަކީ ވެސް މި ލަވަ ނުވަތަ "ރައިވަރު މެޓަލް" ތައާރަފްކުރުމުގެ ބޭނުމެއް ކަމަށެވެ.
"އާންމުކޮށް ދިވެހިންނަކަށް ކަމަކުނުދާނެ ޕަވާ ކޯޑް އަޅައިގެން ހަދާފައި ހުންނަ މިކަހަލަ އާންމު ލަވަ. އެހެންވީމަ ބުނެވޭނީ މީގެ ތެރެއަށް ރައިވަރު ވެއްދީ އެކްސްޕެރިމެންޓެއްގެ ގޮތުންނޭ،" ސެކްރެޑް ލެގަސީ އަދި ސޯލޯ އާޓިސްޓެއްގެ ގޮތުގައި ވެސް މަސައްކަތްކުރަމުން އަންނަ މިއުޒީޝަން ޝަހީދު ބުންޏެވެ.
"މިއީ ޑޫމް މެޓަލް ސްޓައިލަށް ފައްތާފައި އޮތް ލަވައެއް. ފޯލްކް މެޓަލްގެ އެލެމެންޓްތައް ވެސް މި ލަވައިގައި ހިމެނޭ."
ޑޫމް މެޓަލް އަކީ ކޯއްޗެއްކަން އެނގޭ ނަމަ ޔަގީނަށް ވެސް އޭގެ ފޭނުންނަށް މި ލަވައިން އޭގެ އަސަރު ނިކަން ބޮޑަށް ފާހަގަކުރެވޭނެ އެވެ. ސްލޯ ޓެމްޕޯ އާއި ލޯ-ޓިއުންޑް ގިޓާގެ އަޑުތަކާ އެކު ލަވައިގެ ތެރެއަށް ވެރިކޮށްފައި ވަނީ ނާމާން އަނދިރިކަމެކެވެ.
"މި އަށް ލިބޭ ތަރުހީބު ބޮޑުވީމަ މި ވައްތަރުގެ ފަސް ލަވައިގެ އީޕީއެއް ނެރެން މި ވިސްނަނީ މިހާރު،" ޝަހީދު ބުންޏެވެ.