ރޯދަ މަސް

ދަރީން ތަރުބިއްޔަތު ކުރުމުގެ މައްސަރެއް

ދަރީންނަކީ މާއިންބަފައިގެން ލޮލުގެ ފިނިކަމެވެ. މިދުނިޔެ މަތީގައި ދެމަފިރިޔަކަށް ލިބޭނޭ އެންމެ ބޮޑު ނިޢުމަތަކީ ޞާލިޙު ދަރީންތަކެއް ދެއްވުމެވެ. ދަރިންނަކީ ހެޔޮލަފާ ކުދިންނަށް ހެދުމަށްޓަކައި، މައިންބަފައިން އެކުދިންނަށްދޭ ތަރުބިއްޔަތުގެ ދައުރު ވަރަށް މުހިންމެވެ. ކޮންމެ ކުއްޖަކުވެސް އުފަންވަނީ ފިތުރަތުގެ ޠާހިރުކަންމަތީގައި ކަމަށާއި، އެކުއްޖާ މަޖޫސީއަކަށް އަދި ނަޞާރާއަކަށް ނުވަތަ ޔަހޫދީއަކަށް ހަދަނީ އެކުއްޖާގެ މައިންބަފައިން ކަމުގައި ޙަދީޘެއްގައި ވެއެވެ. ވީމާ، ދަރީން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރުމަކީ މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތެކެވެ.

މާތް ﷲ ރުހިވޮޑިގެންވާ ގޮތުގައި ދަރީން ތަރުބިއްޔަތު ކުރުމަށް ރަމަޟާންމަހަކީ ފަހި ފުރުސަތެކެވެ. އަހަރުގެ އެނޫން މަސްތަކުގައި ދީނީ ކަންކަމަށް ހޭލުތެރިކުރުވުމަށް ނުލިބޭ އެތައް ފުރުސަތެއް އެކުދިންނަށް ރަމަޟާންމަހު ލިބއެވެ. ރަމަޟާންމަހު ޝައިޠާނުން ކަސްތޮޅު އެޅުވެއެވެ. ވީމާ، އެމައްސަރުގައި ޝައިޠާނާގެ ހެއްލުންތެރިކަމުން ރައްކާތެރިކަން ލިބެއެވެ.

ރޯދައިގެ ވަރުބަލިކަމާއި ކަރުއްހިކުމުގެ ސަބަބުން ނަފްސު ވަނީ ބަލިކަށިވެފައެވެ. ވީމާ، ހަވާނަފްސުގެ ހެއްލުންތެރިމުންވެސް ރައްކާތެރިކަން ލިބެއެވެ. މުޖުތަމަޢުގެ އެންމެން އެކުގައި ރޯދަހިފައި، ނަމާދުތަކަށް ރައްކާތެރިވެ، ކީރިތި ޤުރްއާން ކިޔަވައި، ރޭއަޅުކަންކޮށް އުޅުމުގެ ސަބަބުން މުޅި މުޖްތަމަޢުގައި އަޅުކަމުގެ ރޫޙުވަނީ ފެތުރިފައެވެ. އެނގޮތުންވެސް މުޖްތަމަޢުތެރޭގައި އޮންނަ ފިތުނަ ފަސާދަވެސް އެހެން މައްސަރުތަކާ އަޅާ ބަލާއިރު ރަމަޟާންމަހު، މާ ބޮޑަށްވެސް މަދުވެގެން ދެއެވެ. އަދި މުޖްތަމަޢުގެ އަފުރާދުންގެ މެދުގައި އޮންނަ ދީނީ ރޫޙު އެތައް ގުނައެއް އިތުރުވެއެވެ.
މި މައްސަރުގައި ދީނީ ކަންކަމަށް ދަރީން ތަރުބިއްޔާތު ކުރުމަށް ކުރެވިދާނެ އެތައް ކަމެއް އެބަހުއްޓެވެ.

ނަމާދާއި ރޯދައިގެ އަޅުކަމަށް ފަރިތަކޮށްދިނުން

އަޅުކަން ވާޖިބުވަނީ ބާލިޣުވެ ބުއްދި ސަލާމަތުންހުރި މުކައްލިފެއްގެ މައްޗަށެވެ. ނަމަވެސް އެ ޢުމުރަށް ނުދާ ކުޑަކުދިންވެސް އަޅުކަމަށް ފަރިތަކޮށްދީ، އާދަކޮށްދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. ރޯދައިގެ އަޅުކަމަށް އެކުދިން ހޭލުންތެރިކުރުވައި، ރޯދަހިފުމަކީ ކޮބައިކަން ޢަމަލީ ގޮތުން ބުނެދިނުމަށްޓަކައި، ހާރުކެމުގައި ބައިވެރިކުރުމާއި، ރޯދައަށް ބެހެއްޓުމާއި، އިރުއޮއްސޭ ވަގުތު އާއިލާގެ ހުރިހާ މެންބަރުން އެކުގައި އެއް ސުފުރާމަތީން ރޯދަވީއްލުމާ، މިހުރިހާ ކަމަކުން އެތައް ފިޅާވަޅުތަކެއް ލިބެއެވެ. މިކަންކަމުން ރަމަޟާންމަހުގެ މާތްކައިމާއި މަތިވެރިކަން އެކުދިންގެ ހިތަށް ވައްދައިދެއެވެ.
އަޞްޙާބު ބޭކަލުން، އެބޭކަލުންގެ ތުއްތު ކުދީން ރޯދައިގެ އަޅުކަމަށް ފަރިތަކުރުމުގެ ގޮތުން ރޯދައަށް ބެހެއްޓާކަމުގައި ރިވާވެފައިވެއެވެ. އެގޮގުތުން، އެކުދިންގެ ހައިހޫނުކަން ބޮޑުވުމުން، އުއިން ހަދ ކުޅޭ އެއްޗެއް ހަދައިދީގެން އެކުދިންގެ ސަމާލުކަން ހޯއްދެވުމަށް މަސައްކަތް ކުރައްވާކަމުގައިވެސް ވެއެވެ.

ޅަފަތުގެ ޢުމުރުންފެށިގެން ރޯދައިގެ އަޅުކަން ތަޢާރަފުކޮށްދީ، ރޯދައަށް ބޭތިއްބުމަކީ މި އަޅުކަމުގެ ރޫޙު ކުދިންގެ ކިބައިގައި އަށަގަނެ، އެކުދިންގެ މައްޗަށް އަޅުކަން ވާޖިބުވުމުގެ ވަގުތު ޖެހެންވާއިރަށް، ތައްޔާރުކޮށްދޭ ކަމެކެވެ.
އިސްލާމް ދީނުގައި އިރުޝާދު ދެއްވާފައިވަނީ، ކުއްޖާ ބާލިޣުވެ، އަޅުކަން ވާޖިބުވާ ޢުމުރަށް ދިޔުމުގެ ކުރިން އެކުދިން އަޅުކަމަށް ލޯބި ޖައްސަވައި، އަޅުކަން އަދާކުރާނޭ ގޮތް އުނގަންނައިދުނުމަށެވެ. އެގޮތުން ނަމާދުގެ އަޅުކަމާ ބެހޭގޮތުން ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. "ތިޔަބައިމީހުންގެ ދަރީންނަށް ހަތް އަހަރުވުމުން ނަމާދުކުރުމަށް އަމުރު ކުރާށެވެ. އަދި ދިހައަހަރު ވުމުން އަދަބު ދީގެން ނަމަވެސް އެކުދިންލައްވައި ނަމާދު ކުރުވާށެވެ." (ރިވާކުރެއްވީ އަލްއިމާމު އަބޫ ދާވޫދު)

ކީރިތި ޤުރްއާނަށް ލޯބި ޖެއްސުން

ކީރިތި ޤުރްއާން ތަޖުވީދުގެ މަގުން ކިޔެވުމާއި، ހިތުދަސްކުރުމަށް ބާރުއަޅަންވީ ކުދިންގެ ޅަފަތުގައެވެ. ޅަފަތުގެ ދުވަސްވަރަކީ ކަންކަން ނުހަނު ފަސޭހައިން ދަސްކޮށްލާ ދުވަސްވަރެއް ކަމުގައިވާތީ، އެދުވަސްވުރެގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމަށްޓަކައި ކުދިންނަށް ކީރިތި ޤުރްއާނުން މިންވަރެއް ހިތުދަސްކޮށްދިނުން މުހިންމެވެ.

ރަމަޟާންމަހަކީ ކީރިތި ޤުރްއާން ކިޔެވުމުގެ މައްސަރެވެ. މީސްތަކުން ޤުރްއާން ކިޔެވުމުގައި ވަގުތު ހޭދަކުރާތަން ފެނުމަކީ ކުދިން ޤުރްއާން ކިޔެވުމަށް ލޯބިޖެހޭ ކަމެކެވެ. ވީމާ، ކުއްޖާގެ އުމުރާ ގުޅޭގޮތުން، ކޮންމެ ދުވަހަކުވެސް ޤުރްއާނުން މިންވަރެއް ކިޔެވުމަށް ތާވަލުކޮށް އެކުދީންވެސް ޤުރްއާން ކިޔެވުމުގައި ބައިތިއްބާށެވެ.

މީހުންނަށް ހެޔޮ ފޯރުކޮށްދިނުން

ހެޔޮ ގޮތުގައި ދަރީން ތަރުބިއްޔަތު ކުރުމުގެ ތެރެއިން ހިމެނޭ އަނެއްކަމަކީ، މީސްތަކުންނަށް ހެޔޮކޮށް ހިތައި، އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުދިންނަށް ދަސްކޮށްދިނުމެވެ.

ރަމަޟާންމަހަކީ މިކަން ކުރުމުގެ ފުރުސަތު ތަނަވަސްވެފައިވާ މަހެކެވެ. ރޯދަވެރީންނަށް ރޯދަ ވީއްލާނޭ އެއްޗެއް ދިނުމަކީ ސަވާބު މަތިވެރިންވެގެންވާ ހެޔޮ ޢަމަލެކެވެ. ވީމާ، މިސްކިތުގެ ސުފުރާއަށް ކާބޯތަކެތި ގެންގޮސްދީ ހެދުމަގައި އެކުދިން ބައިވެރި ކުރުމާއި، ރޯދަވެރީންނަށް ރޯދަވީއްލަން ދިނުމުގައި އެކުދިންގެ އެހީތެރިކަން ހޯދުމަކީ ކުރެވިދާނޭ ކަމެކެވެ. ހަމައެފަދައިން، ކާބޯތަކެތީން ފިޠުރު ޒަކާތް ދޭނަމަ، ފިޠުރު ޒަކާތް ނެރުމުގައިވެސް އެކުދިން ބައިވެރިކުރުމަކީ ހެޔޮވެގެންވާ ކަމެކެވެ.

މީގެ އިތުރުވެސް ކުދިންނަށް ހެޔޮކަންކަން އުނގަނައިން ދިނުމުގެ ގޮތުން، އާއިލާ މީހުންނަށް ޒިޔާރަތްކުރުމާއި، ހާލުބަލާ އުޅުމުގައި އެކުދިންނާއެކުގައި ގޭގެއަށް ޒިޔާރަތްކުރުން ނުވަތަ ފޯނުން ގުޅައި ހާލުބަލާ ހެދުމުގައިވެސް އެކުދިން ބައިވެރިކުރުން މުހިންމެވެ. ދަރީންނަކީ އަމާނާތެއް އަދި މައިންބަފައިންގެ ބޮލުގައި އެޅިފައިވާ މަސްއޫލިއްޔަތެކެވެ. ވީމާ، ދަރީންނަށް ހެޔޮ ތަރުބިއްޔަތެއް ދިނުމަކީ މައިންބަފައިންގެ ޒިންމާއެކެވެ.