އިންޓަނެޓްގެ ސާވިސް

ފުރަތަމަ ކުއާޓަރުގައި އުރީދޫ އާއި ދިރާގުގެ ސާފު ފައިދާ އިތުރުވެއްޖެ

May 2, 2021
1

ރާއްޖޭގައި ޓެލެކޮމިއުނިކޭޝަން ހިދުމަތް ދޭ، އުރީދޫ އާއި ދިރާގަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު ސާފު ފައިދާ އިތުރު ވެއްޖެ އެވެ.

ރާއްޖޭގެ ހިއްސާގެ ބާޒާރުގައި އިންވެސްޓްކޮށްފައިވާ ދިރާގާއި އުރީދޫގެ އޮޑިޓް ނުކުރާ މާލީ ހިސާބުތައް ދައްކާ ގޮތުން ދެ ކުންފުންޏަށް މި ކުއާޓަރުގައި އާމްދަނީ ލިބެން ހުރި ދާއިރާ ތަކުން އެކަށީގެންވާ އާމްދަނީއެއް ލިބިފައިވެ އެވެ. އަދި ސާފު ފައިދާ ވެސް އިތުރުވެފައިވެ އެވެ.

ދިރާގަށް 219 މިލިއަން ރުފިޔާގެ ފައިދާ

ދިރާގަށް މި ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 660 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެ ކުންފުންޏަށް މޯބައިލްގެ ދާއިރާއިން އާމްދަނީގެ ގޮތުގައި 390 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ފިކްސްޑް ބްރޯޑް ބޭންޑާއި ވިޔަފާރިތަކަށްދޭ އެންޓަޕްރައިސް ވިޔަފާރިއަށް ދިން ހިދުމަތުން 255 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ޓެކްސް އަށް ކެނޑުމުގެ ކުރިން އާމްދަނީގެ ގޮތުގައި 258 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ސާފު ފައިދާގެ ގޮތުގައި 219 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މި ކުއާޓަރުގައި އެ ކުންފުނިން ހިއްސާއަކަށް ޖެހިފައިވަނީ 2.89ރ. އެވެ.

އުރީދޫއަށް 122 މިލިއަން ރުފިޔާގެ ފައިދާ

އުރީދޫ އަށް ޖުމްލަ އާމްދަނީގެ ގޮތުގައި 447 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެ ކުންފުންޏަށް މޯބައިލް އާމްދަނީ އިން 344 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ފިކްސްޑް ބްރޯޑް ބޭންޑުގެ ދާއިރާއިން 96 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ޓެކުހަށް ކެނޑުމުގެ ކުރީގައި 142 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ސާފު ފައިދާގެ ގޮތުގައި 122 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މި ކުއާޓަރުގައި ހިއްސާއަކަށް ޖެހިފައިވަނީ 0.83ރ. އެވެ.