ރޯދަ މަސް

ލައިލަތުލް ޤަދްރި ވިލޭރޭގެ ދުޢާ

ލައިލަތުލް ޤަދްރި ވިލޭރޭގެ މާތްކަން ހޯދަންއެދޭ މީހާ ރަމަޟާންމަހުގެ ފަހުދިހައެއްގެ އޮނަހިރި ރޭތަކުގައި، ހެޔޮ ޢަމަލު ކުރުމުގައި ގަދައަޅައި މަސައްކަތް ކުރުމަށް ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ އުއްމަތަށް އިރުޝާދު ދެއްވާފައެވެ. އަދި ލައިލަތުލް ޤަދްރި ވިލޭރޭގައި ކިޔާނޭ ޚާއްޞަ ދުޢާއެއްވެސްވަނީ އުނގަންނަވައި ދެއްވާފައެވެ.

ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. "ތިމަންކަމަނާ ދެންނެވީމެވެ. އޭ ﷲ ގެ ރަސޫލާއެވެ! އަޅުގަނޑަށް ލައިލަތުލް ޤަދްރި ވިލޭރެއަކީ ކޮން ރެއްކަން އެނގިއްޖެނަމަ، އަޅުގަނޑު ކުރަންވީ ކޮން ދުޢާއެއްތޯއެވެ؟" ޙަދީޘް ކުރެއްވިއެވެ. ކަމަނާ މިފަދައިން ވިދާޅުވާށެވެ. « اللَّهُمَّ إنَّكَ عَفُوٌ تُحِبُّ العَفْوَ فَاعْفُ عَنّي» "އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އިބައިލާހުއީ ގިނަގިނައިން ޢަފޫފު ކުރައްވާ އަދި ޢަފޫ ކުރެއްވުމަށް ލޯބިކުރައްވަ އިލާހެވެ. ފަހެ، މިއަޅާއަށް ޢަފޫ ކުރައްވާނދޭވެ!" (ރިވާކުރެއްވީ އަލްއިމާމުއް ތިރްމިޒީއެވެ.)

މިދުޢާގެ ލަފުޒުތަކުގެ ތެރެއިން عَفُوٌ ގެ މާނައަކީ ފުއްސެވުމެވެ. ޢަރަބި ބަހުގައި މި ކަލިމައިގެ އަސުލު ނެގިފައިވަނީ ޖެހެމުންދާ ވައިރޯޅީގެ ސަބަބުން ބިންމަތީގައި ހުންނަ ފިޔަވަޅުތައް ނުވަތަ އަސަރުތައް ފޮހެވިގެންދާ ދިޔުމުންނެވެ. العَفُو އަކީ މާތް ﷲ ގެ ރިވެތިވެގެންވާ އިސްމުފުޅުތަކުގެ ތެރެއިން ހިމެނޭ އިސްމުފުޅެކެވެ. އެއިސްމުފުޅުގެ މާނައަކީ އަޅުތަކުންގެ ފާފަ ފުއްސެވުމުގައި މާތް ﷲ ގެ ދީލަތިވަންތަކަމުގެ ތަނަވަސްކަމެވެ. އެ އަޅުތަކުންގެ ކިބައިން ކިތަންމެ ބޮޑެތި ފާފަތަކެއް ވެވިފައި ވިޔަސް، އެބައިމީހުން ތައުބާވެ އިޞްލާޙުވެއްޖަނަމަ އެއިލާހު އަށް ބޮޑުވެގެންވާ އެއްވެސް ފާފައެއް ނުވެއެވެ. ނުފުއްސަވާނޭ އެއްވެސް ފާފައެއް ނުވާ ކަމެވެ.

ލައިލަތުލް ޤަދްރި ވިލޭރޭ ކުރާނޭ ދުޢާއެއް އުނގަނަންއިދެއްވުމަށް ޢާއިޝާ رضي الله عنها އެދިވަޑައިގަތުމުން، ކުފާފަތައް ފުއްސަވައި، ޢަފޫ ކުރެއްވުމަށް އެދި ދުޢާ ކުރަން އިރުޝާދު ދެއްވެވީ ކީއްވެގެންތޯ އޭ ސުވާލު ކުރެވިއްޖެނަމަ އޭގެ ޖަވާބު ވަރަށް ގިނައެވެ.

ޢަފޫކުރެއްވުމަށް އެދި ދުޢާ ކުރުމަށް އިރުޝާދު ދެއްވީ، ފާފަ ނުފުއްސަވައިފަނަމަ، މާތް ﷲ ގެ ޢަޒާބަށް އެކަކަށްވެސް ކެތް ނުކުރެވޭނެ ކަމަށްޓަކައެވެ. އަނަސް رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "އެއްފަހަރަކު ކީރިތި ރަސޫލާ صلى الله عليه وسلم ، މުސްލިމުންގެ ތެރެއިން ބަލި މީހަކަށް ދުޢާ ކޮށްދެއްވުމަށްޓަކައި، އޭނާއަށް ޒިޔާރަތް ކުރެއްވިއެވެ. އޭރު އޭނާވަނީ، ކުޑަކުޑަ ފިޔޮކެއްފަދައިން ވަރަށް ބޮޑަށް ހިކި އަނަރޫފަވެފައެވެ. ރަސޫލާ صلى الله عليه وسلم އޭނާގެ ގާތުގައި ސުވާލު ކުރެއްވިއެވެ. "ތިބާ ﷲ ގެ ޙަޟުރަތުން އެއްވެސް އެއްޗަކަށް ނުވަތަ ކަމަކަށް އެދި ދުޢާ ދެންނެވީމު އެއްޔެވެ؟" އޭނާ ދެންނެވިއެވެ. "އާއެކެވެ. ތިމަންނާ މިފަދައިން ދުޢާ ކޮށްއުޅެމެވެ. އޭ އަޅުގެވެރިރަސްކަލާކޮ! އިބަރަސްކަލާނގެ އާޚިރަތުގައި މިއަޅާއަށް ޢަޒާބެއް ދެއްވަން އޮތްނަމަ، އެކަމެއް މިދުނިޔެމަތީގައި މިއަޅާއަށް ޖައްސަވާނދޭވެ!"

އެހިނދު ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. " سُبْحَانَ اللَّهِ ތިބާއަށް އެ ޢަޒާބަކަށް ކެތްނުކުރެވޭ ހުއްޓެވެ. މިފަދައިން ކިޔައި ތިބާ ދުޢާ ނުކުރީ ކީއްވެގެން ހެއެޔެވެ؟ اللَّهُمَّ آتِنَا فِي الدُّنْيَا حَسَنَةً وَفِي الآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ" ދެން އޭނާއަށް އިތުރު އެކަލޭގެފާނު ދުޢާ ކޮށްދެއްވުމުން މާތް ﷲ އޭނާއަށް ޝިފާ ދެއްވެވިއެވެ." (ރިވާކުރެއްވީ އަލްއިމާމު މުސްލިމް އެވެ.)
ޢަފޫކުރެއްވުމަށް އެދި ދުޢާ ކުރުމަކީ އެންމެހައި ނަބީ ބޭކަލުންގެ ދުޢާއެވެ. އާދަމްގެފާނާއި ޙައްވާގެފާނަށް ސުވާރުގޭގައި ނަހީ ކުރެއްވުނު ގަހުން ފަރީއްކުޅުއްވުނުހިނދު، އެދެކަނބަލުން މިފަދައިން ދުޢާ ކުރެއްވުމަށް މާތް ﷲ އެންގެވިއެވެ. ﴿ قَالَا رَبَّنَا ظَلَمْنَا أَنْفُسَنَا وَإِنْ لَمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ ﴾ (الأعراف 23) މާނައީ: "އެ ދެކަނބަލުން ދެންނެވިއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަމިއްލަ ނަފްސުތަކަށް އަޅަމެން އަނިޔާވެރި ވެއްޖައީމުއެވެ. އަދި އަޅަމެންނަށް އިބަރަސްކަލާނގެ ފާފަ ނުފުއްސަވައިފިނަމަ، އަދި ރަޙްމަތާ ނުލައްވައިފިނަމަ، އަޅަމެންވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ."

ނޫޙުގެފާނު ކުރެއްވި ދުޢާގައިވަނީ މިފަދައިންނެވެ. ﴿ رَبِّ اغْفِرْ لِي وَلِوَالِدَيَّ وَلِمَن دَخَلَ بَيْتِيَ مُؤْمِناً وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ ﴾ (نوح 28) މާނައީ: "އަޅުގެ ވެރިރަސްކަލާކޮ! މިއަޅާޔާއި، މިއަޅާގެ މައިންބަފައިންނާއި، އީމާންވެގެންހުރެ މިއަޅާގެ ގެޔަށް ވަދެއްޖެ މީހަކާއި، މުއުމިނު ފިރިހެނުންނާއި، މުއުމިނު އަންހެނުންނަށް ފާފަފުއްސަވާނދޭވެ!"

މޫސާގެފާނު ކުރެއްވި ދޫޢާއަކީ މިއީއެވެ. ﴿ قَالَ رَبِّ إِنِّي ظَلَمْتُ نَفْسِي فَاغْفِرْ لِي فَغَفَرَ لَهُ إِنَّهُ هُوَ الْغَفُورُ الرَّحِيمُ ﴾ (القصص 16) މާނައީ: "އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ ނަފްސަށް އަޅު އަނިޔާވެރި ވެއްޖައީމުއެވެ. ފަހެ، މިއަޅާޔަށް އިބަރަސްކަލާނގެ ފާފަފުއްސަވާނދޭވެ! ދެން އެކަލާނގެ، އެކަލޭގެފާނަށް ފާފަފުއްސެވިއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމުވަންތަ ރަސްކަލާނގެއެވެ."

މަލާއިކަތުން، މުއުމިނުތަކުންނަށް ކޮށްދެއްވާ ދުޢާއަކީވެސް މިއީއެވެ. ﴿ الَّذِينَ يَحْمِلُونَ الْعَرْشَ وَمَنْ حَوْلَهُ يُسَبِّحُونَ بِحَمْدِ رَبِّهِمْ وَيُؤْمِنُونَ بِهِ وَيَسْتَغْفِرُونَ لِلَّذِينَ آمَنُوا رَبَّنَا وَسِعْتَ كُلَّ شَيْءٍ رَحْمَةً وَعِلْمًا فَاغْفِرْ لِلَّذِينَ تَابُوا وَاتَّبَعُوا سَبِيلَكَ وَقِهِمْ عَذَابَ الْجَحِيمِ (7) رَبَّنَا وَأَدْخِلْهُمْ جَنَّاتِ عَدْنٍ الَّتِي وَعَدْتَهُمْ وَمَنْ صَلَحَ مِنْ آبَائِهِمْ وَأَزْوَاجِهِمْ وَذُرِّيَّاتِهِمْ إِنَّكَ أَنْتَ الْعَزِيزُ الْحَكِيمُ (8) وَقِهِمُ السَّيِّئَاتِ وَمَنْ تَقِ السَّيِّئَاتِ يَوْمَئِذٍ فَقَدْ رَحِمْتَهُ وَذَلِكَ هُوَ الْفَوْزُ الْعَظِيمُ ﴾ (غافر 7، 9)
މާނައީ: "ޢަރުޝި އުފުއްލަވާ މަލާއިކަތުންނާއި، އޭގެވަށައިގެންވާ މަލާއިކަތުން އެއުރެންގެ ވެރިރަސްކަލާނގެއަށް ޙަމްދާއެކު ތަސްބީޙަދަންނަވަތެވެ. އަދި އެކަލާނގެއަށް އީމާންވެތެވެ. އަދި އީމާންވިމީހުންނަށް ފާފަފުއްސެވުމަށް ދުޢާ ކުރައްވަތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ ރަޙުމތާއި، ދެނެވޮޑިގަތުން ހުރިހާ އެއްޗެއްގެ މައްޗަށް ތަނަވަސްވެގެންވެއެވެ. ފަހެ، ތައުބާވެ، އިބަރަސްކަލާނގެ މަގަށް ތަބާވީ މީހުންނަށް ފާފަފުއްސަވާނދޭވެ! އަދި ނަރަކައިގެ ޢަޒާބުން އެއުރެން މުއްތިކުރައްވާނދޭވެ! * އަޅަމެންގެ ވެރިރަސްކަލާކޮ! އެއުރެންނަށް އިބަރަސްކަލާނގެ ވަޢުދު ކުރައްވާފައިވާ ޢަދުނު އެވެ ކިޔުނު ސުވަރުގެތަކަށް އެއުރެން ވައްދަވާނދޭވެ! އެއުރެންގެ މައިންބަފައިންނާއި، އެއުރެންގެ އަނބީންނާއި، އެއުރެންގެ ދަރިންކުރެ ޞާލިޙުވި މީހުންނާ އެކުގައެވެ. ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ޢަޒީޒުވަންތަ ޙަކީމުވަންތަ ރަސްކަލާނގެއެވެ. * އަދި ނުބައިކަންތަކުން އެއުރެން ސަލާމަތްކުރައްވާނދޭވެ! އަދި އިބަރަސްކަލާނގެ އެދުވަހުން، ނުބައިކަމުން ސަލާމަތްކުރައްވާ މީހަކީ، އިބަރަސްކަލާނގެ ރަޙްމަތްލެއްވި މީހެއްކަން ކަށަވަރެވެ. ބޮޑުވެގެންވާ ނަސީބު ލިބުމަކީ ހަމައެއީއެވެ."

ނަބީބޭކަލުން، އެބޭކަލުންގެ އުއްމަތަށް ކޮށްދެއްވި ދުޢާކީވެސް ފާފަ ފުއްސެވައި ޢަފޫ ކުރެއްވުން އެދި ކުރެއްވި ދުޢާއެވެ. އެގޮތުން އިބްރާހީމްގެފާނުގެ ދުޢާއަކީ މިއީއެވެ. ﴿ رَبَّنَا اغْفِرْ لِي وَلِوَالِدَيَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ﴾ (إبراهيم 41) މާނައީ: "އަޅަމެންގެ ވެރިރަސްކަލާކޮ! ޙިސާބު ޤާއިމުވާ ދުވަހު، އަޅާއަށާއި، އަޅުގެ މައިންބަފައިންނަށާއި، މުއުމިނުތަކުންނަށް ފާފަފުއްސަވާނދޭވެ!"
ކީރިތި ރަސޫލާ صلى الله عليه وسلم އަށް އަމުރުވެވިގެންވަނީވެސް އުއްމަތަށް މި ދުޢާކޮށް ދެއްވުމަށެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿وَاسْتَغْفِرْ لِذَنبِكَ وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ ﴾ (محمد 19) މާނައީ: "އަދި ކަލޭގެފާނުގެ ކުށަށާއި، މުއުމިނު ފިރިހެނުންނަށާއި، މުއުމިނު އަންހެނުންނަށް ކަލޭގެފާނު ފާފަފުއްސެވުމަށް އެދިވަޑައިގަންނަވާށެވެ!"

މާތް ﷲ ގެ ޢަފޫ ކުރެއްވުމާއި މަޣްފިރަތާއި ރަޙްމަތް، މީސްތަކުން އެއްކުރާ ތަކެއްޗަށްވުރެން މާހެޔޮވެގެންވެއެވެ. ﴿ لَمَغْفِرَةٌ مِنَ اللَّهِ وَرَحْمَةٌ خَيْرٌ مِمَّا يَجْمَعُونَ ﴾ (آل عمران 157) މާނައީ: "اللَّه ގެ ޙަޟުރަތުން ފާފަފުއްސެވުމާއި، ރަޙުމަތް ލެއްވުން އެއުރެން އެއްކުރާ ތަކެއްޗަށްވުރެ މާ ހެޔޮކަން ބޮޑެވެ."

އަދިވެސް ވަޙީކުރައްވާފައިވެއެވެ. ﴿ وَرَحْمَتُ رَبِّكَ خَيْرٌ مِمَّا يَجْمَعُونَ ﴾ (الزخرف 32) މާނައީ: "އަދި ކަލޭގެފާނުގެ ވެރިރައްބުގެ ރަޙުމަތް އެއުރެން އެއްކުރާތަކެއްޗަށްވުރެ ހެޔޮކަން ބޮޑެވެ."

މާތް ﷲއީ ފާފަކުރާ އަޅުތަކުންގެ ފާފަތައް ފުއްސަވައިދެއްވާ، ތައުބާ ޤަބޫލު ކުރައްވާ އިލާހެވެ. އެއިލާހުއީ ފާފަ ފުއްސެވުމަށް ލޯބިކުރައްވާ އިލާހެވެ. އަދި އަޅުތަކުންގެ ޢަމަލުތަކުގެ މައްޗަށް މާތް ﷲގެ ރަޙުމަތް އިސްވެގެންވެއެވެ. ވީމާ، ފަހުދިހައިގެ ހުރިހާ ރެއެއްގައި، އަދި ވަކީން ޚާއްޞަކޮށް އޮނަހިރި ރޭތަކުގައި، ގިނަގިނައިން ފާފަ ފުއްސެވުމަށް ދުޢާކުރުމުގައި ވަގުތު ހޭދަކުރައްވާށެވެ.