ރޯދަ މަސް

މި ރޯދަމަހު އަގުތައް ވަނީ ކޮންޓްރޯލް ކުރެވިފައި

މި ރޯދަމަހު މުދަލުގެ އަގުތައް ހުރީ ރަނގަޅު މިންވަރެއްގައި ކޮންޓްރޯލް ކުރެވިފައި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި މަބްރޫކް ރޭ ވިދާޅުވީ ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން، ރޯދައިގެ ކުރިން ސަރުކާރުން ހޯލްސޭލްލަރުންނާއި، ރާއްޖޭގައި ތިބި ދަނޑުވެރިންނާއި އަދި ސަޕްލަޔަރުންނާއި ބައްދަލުކޮށް މަޝްވަރާތަކެއް ކޮށްފައިވާނެ ކަމަށެވެ.

އެގޮތުން މާލެ އާއި ރާއްޖޭގެ އެހެން ރަށްރަށަށް ތަކެތި ލިބުމުގައި ތާށިކަމެއް ނާންނާނެ ކަން ކަށަވަރުކޮށް، އަގުތަކާއި ގުޅޭ މަޝްވަރާތައް ދުރާލާ ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ތަކެތި އެހެން ރަށްރަށަށް ފޮނުވުމުގައި ސަޕްލަޔަރުންނަށް ދިމާވާ ދަތިތައް ދެނެގަނެ އެފަރާތްތަކަށް ދެވެން ހުރި އެހީތެރިކަން ފޯރުކޮށްދީފައި ވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އުފަލާއެކު ފާހަގަކުރަން އިރާދަކުރެއްވިއްޔާ ގިނަ ތަކެތީގެ އަގު ރަނގަޅު ހިސާބެއްގައި މިވަނީ ކޮންޓްރޯލްކުރެވިފަ. އާންމު ގޮތެއްގައި ރޯދަމަހާ ދިމާކޮށް އިންތިހާއަށް އަގުތައް އުފުލިގެންދޭ،" މަބްރޫކް ވިދާޅުވި އެވެ.

ކުރީ އަހަރުތަކުގެ ތަޖުރިބާ އަށް ބެލުމަށްފަހު އަގުތައް އުފުލިގެން ދިޔަ ނުދީ ހިފެހެއްޓުމަށްޓަކައި މަސައްކަތް ކުރީ ކަމާ ގުޅޭ ފަރާތްތަކާ ގުޅިގެން ކަމަށްވެސް މަންބރޫކް ވަނީ ވިދާޅުވެފަ އެވެ.

މީގެކުރީގެ ރޯދަ މަހު މާރުކޭޓްގައި އާންމުކޮށް އަގު އުފުލިގެންދާ މިރުހާއި ކަރާ ފަދަ ބާވަތްތަކުގެ އަގުތައް މިއަހަރު އެހާ މައްޗަށް ނުދާ ކަން ފާހަގަކުރެވެ އެވެ.