ދީން

ﷲ އަށް ވަކީލު ކުރުން

ޢުމަރު رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވި އެވެ. "ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާތީ ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. «لَوْ أَنَّكُمْ كُنْتُمْ تَوَكَّلُونَ عَلَى اللَّهِ حَقَّ تَوَكُّلِهِ لَرُزِقْتُمْ كَمَا يُرْزَقُ الطَّيْرُ تَغْدُو خِمَاصًا وَتَرُوحُ بِطَانًا» (رواه الترمذي) "ތިޔަބައިމީހުން ﷲ އަށް ވަކީލު ކުރުން ޙައްޤު ގޮތުގައި ވަކީލުކުރަނީނަމަ، އެކަލާނގެ ދޫނި ސޫފާސޫތްޕަށް ރިޒުޤު ދެއްވާފަދައިން، ތިޔަބައިމީހުންނަށް ވެސް، ރިޒުޤު ދެއްވީހެވެ. އެސޮރުމެން ހެނދުނު އުދުހިގެންދަނީ، ހައިބަނޑާ ތިބގެންނެވެ. އަދި ހަވީރު އެނބުރި އަންނަނީ ބަނޑުބޮޑުވެ ތިބެގެންނެވެ." (رواه الترمذي)

މި ޙަދީޘުން ލިބޭ އެންމެ ބޮޑު ފިލާވަޅަކީ މާތް ﷲގެ ޙަޟުރަތުން ރިޒުޤަށް އެދުމުގެ މުހިންމުކަން ހާމަވެގެން ދިޔުމެވެ. ރިޒުޤު ހޯދުމުގައި ހަމައެކަނި އެއިލާހަށް ބަރޯސާވުމެވެ. މާތް ﷲ އަށް ވަކީލު ކުރުން ބަނާވެފައި ވަނީ ދެކަމެއްގެ މައްޗަށެވެ. އެއްކަމަކީ، އެއިލާހުށް އީމާންވެ، ފުރިހަމައަށް އެއިލާހުއަށް އިތުބާރާއެކު ކަންކަމުގައި ބަރޯސާވުމެވެ. އަދި ކަންކަމުގެ ސަބަބުތައް ލެއްވެވީ އެއިލާހުކަމާއި، އެކަންކަން ހިނގަނީ އެއިލާހުގެ ޤުދުރަތްތެރިކަމުންކަމަށް އީމާންވުމެވެ. ދެވަނަކަމަކީ، ކަންކަމުގެ ސަބަބަތުކަގައި ހިފައި، މަސައްކަތް ކުރުމެވެ.

އިބްނު ޢުޘައިމީން رحمه الله ވިދާޅުވެފައިވެއެވެ. "މާތް ﷲއަށް ވަކީލުކުރުން ޙައްޤު ގޮތުގައި ވަކީލުކުރުމަކީ، އެއިލާހަށް ފުރިހަމައަށް ބަރޯސާވުމެވެ. އެންމެހައި ކަމެއްގައި އެއިލާހަށް އިޢްތިމާދު (ޑިޕެންޑް) ވެގެން ހުރުމެވެ. ދޫނި ސޫފާސޫތްޕަށް ރިޒުޤު ދެއްވާ ގޮތުން މިސާލު ޖައްސަވާފައިއެވެނީ އެސޮރުމެންނަކީ މިނިވަންކަމާއެކުގައި އެކި ކަންކޮޅުތަކަށް އުދުހިއުޅޭ ތަކެއްޗަށްވާތީ،އެވެ. އެތަކެތި މާތް ﷲ ދެއްވާ ރިޒުޤު ހޯދުމަށްއެދި ދަތުރުކުރެއެވެ."

ބިމުގައިވާ ހުރިހާ ޚަލްޤުތަކުންނަށް ރިޒުޤު ދެއްވުންވަނީ މާތް ﷲ އަށެވެ. އުޑުގައިވާ ދޫނިތަކާއި، ކަނޑުގައިވާ މަސްމަހާމެއްސާއި، ބައްރުގައި އުޅޭ އެންމެހާ ޖަނަވާރުތަކަށް ވެސް ރިޒުޤު ދެއްވަނީ އެއިލާހެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. ﴿وَمَا مِن دَآبَّةٍ فِي الأَرْضِ إِلاَّ عَلَى اللّهِ رِزْقُهَا﴾ (هود 6) މާނައީ: "ބިމުގައި ހިނގާބިނގާ އުޅޭ ދިރޭ އެއްޗެހީގެ ތެރެއިން، އެ އެއްޗަކަށް ﷲ ރިޒުޤު ނުދެއްވާ އެއްވެސް އެއްޗެއް ނުވެތެވެ."

މާތް ﷲ ރިޒުޤު ދެއްވާނޭ ކަމަށް އެއްވެސް މަސައްކަތެއް ނުކޮށް ދެއަތް "އުރާލައިގެން" ތިބުމަކީ މި ޙަދީޘްގެ މާނައެއް ނޫނެވެ. ދޫނީ ސޫފާސޫފި ވެސް އެސޮރުމެންގެ ހާލިތަކުގައި، މާތް ﷲ ރިޒުޤު ދެއްވާނޭކަމުގައި އިންތިޒާރުގައި ތިބެނީއެއް ނޫނެވެ. މާތް ﷲ އެސޮރުމެންނަށް ކަނޑައަޅުއްވާފައިވާ ރިޒުޤު ހޯދުމަށް މަސައްކަތް ކުރަނީއެވެ. ވީމާ، މާތް ﷲ އަށް ޙައްޤު ގޮތުގައި ތަވައްކަލު ކުރާމީހަކީ، މި ކާއިނާތުގައިވާ ކޮންމެ އެއްޗެއް ޙަރަކާތްކުރަނީ ވެސް އަދި މަޑުޖެހި ހުއްޓިހުންނަ ހުރުމަކީ ވެސް އެއީ މާތް ﷲ ގެ މިންވަރުފުޅުކަން ދަންނަ މީހާ އެވެ. އިންސާނާއަށް ލިބޭ ތަކެއްޗާއި، ހޯދައިގަންނަ އެންމެހައި އެއްޗަކީ އޭނާގެ މޮޅުކަމުން ލިބޭ ތަކެތި ނޫންކަމާއި، އެއީ މާތް ﷲ އޭނާއަށް ދެއްވާ ރިޒުޤެއްކަން ދަންނަ މީހާއެވެ.

ވީމާ، މާތް ﷲ އަށް ވަކީލުކުރާ މީހަކު ވާންވާނީ، އޭނާގެ ޙަޔާތުގެ އެންމެހައި ކަމެއްގައި މާތް ﷲ އަށް ބަރޯސާވާ މީހަކަށެވެ. އަދި ރިޒަޤު ދެއްވާ އިލާހަކީ މާތް ﷲ ކަން، އެއްވެސް ޝައްކެތްނެތި ޤަބޫލުކޮށް އެކަމަށް އީމާންވުމެވެ. އަދި މާތް ﷲ ޙަލާލުކުރެއްވި ގޮތުން ރިޒުޤު ހޯދަން މަސައްކަތް ކުރުމެވެ.