ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޖީ7ގައި ކޮވިޑް: އިންޑިއާ ވަފުދު ޕޮޒިޓިވް ވެއްޖެ

އިނގިރޭސިވިލާތުގައި މިމަހުގެ ތިންވަނަ ދުވަހުން ފަސް ވަނަ ދުވަހަށް އޮތް ޖީ7 ގައުމުތަކުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމަށް ވަޑައިގެންނެވި އިންޑިއާ ވަފުދުގެ ދެ މެންބަރަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ. މިކަމާ ގުޅިގެން ވަފުދުގަައި އިސްކޮށް ހުންނެވި އެކްސްޓާނަލް އެފެއާޒް މިނިސްޓަރު، ސުބްރަމާނިޔަމް ޖައިޝަންކަރު މިހާރު ހުންނެވީ އެކަހެރިވެ ވަޑައިގެންނެވެ.

ޖައިޝަންކަރު ޓްވީޓާގައި ވިދާޅުވެފައިވާ ގޮތުން ކޮންޓެކްޓްވިކަން އެނގިވަޑައިގެންނެވި ހިސާބުން ބައްދަލުވުންތައް ގެންދެވީ އޮންލައިކޮށެވެ. އަދި ވިދާޅުވީ ދެން ހުރި ބައްދަލުވުންތައް ވެސް ގެންދަވާނީ އޮންލައިންކޮށް ކަމަށެވެ.

ޖީ7 އަކީ ދުނިޔޭގައި އިގުދިތިސޯދީ ގޮތުން / ސިނާއީ ގޮތުން އެންމެ ކުރިއަރާފައިވާ ހަތް ގައުމެވެ. އިންޑިއާއަކީ ޖީ7 ގައި ހިމެނޭ ގައުމެއް ނޫނެވެ. އެހެން ނަމަވެސް ޖީ7 ގެ ބައްދަލުވުންތަކަށް -- ގައުމުތަކުގެ ވެރިންގެ ބައްދަލުވުންތަކަށާއި ފޮރިން މިނިސްޓަރުންގެ ބައްދަލުވުންތަކަށް -- އިންޑިއާއަށް ދައުވަތުދެ އެވެ.

ޖީ7 ނުވަތަ "ގުރޫޕް އޮފް ސެވަން" ގެ ހަތް ގައުމަކީ ކެނެޑާ އާއި ފްރާންސް، ޖަރުމަނާއި އިޓަލީ، ޖަޕާނާއި އިނގިރޭސިވިލާތް އަދި އެމެރިކާ އެވެ. މީގެ ކުރިން އެއީ ޖީ8، ގުރޫޕް އޮފް އެއިޓް، އެއީ ރަޝިއާ ވެސް ހިމަނައިގެންނެވެ. މި ގުރޫޕުން ރަޝިއާ ބާކީކުރީ 2014 ގައި ރަޝިއާއިން ކްރައިމިއާ ޖަހައިގަތުމާ ގުޅިގެންނެވެ.

ޖީ7 ގައި ނުހިމެނުނު ނަމަވެސް މެހެމާނުން ގޮތުގައި އިންޑިއާގެ އިތުރުން އޮސްޓްރޭލިއާ އާއި ސައުތު ކޮރެއާ، ސައުތު އެފްރިކާ އަދި އެސޯސިއޭޝަން އޮފް ސައުތުއިސްޓް އޭޝިއަން ނޭޝަންސް (އާސިއާން) ގައުމުތަކުގެ ސެކްރެޓަރީ ޖެނެރަލް އަށް ވެސް ދައުވަތު އަރުވަ އެވެ.

މި ގައުމުތަކުގެ ފޮރިން މިނިސްޓަރުން ދުނިޔެއަށް ދިމާވާ ބޮޑެތި ކަންތައްތަކާ ގުޅިގެން ބައްދަލުކުރައްވަ އެވެ. އެހެން ނަމަވެސް ސަމިޓެއް ގޮތުގައި ބައްދަލުކުރައްވަނީ ޖީ7 ގެ ވެރިންގެ ސަމިޓަށް މައުލޫތައް ތައްޔާރު ކުރުމަށާއި ކުރީ ބައްދަލުވުންތަކުން ހިރަފުސް ފޮޅާލާށެވެ.

މިއަހަރު ޖީ7 ސަމިޓް އޮންނަނީ އިނގިރޭސިވިލާތުގައި ޖޫން 11 އިން 13 އަށެވެ.