ދީން

ދަރިން ތަރުބިއްޔަތު ކުރުމުގައި އޯގާތެރިވުން

ހުރިހާ ކަމެއްގައިވެސް އޯގާތެރިކަން އެކުލެވިގިންވުމާއި، ހަރުކަށިކަމުން އެކިބާވުމަށް މާތް ﷲ ލޯބިވެވޮޑިގެންވެއެވެ. ވަކީން ޚާއްޞަކޮށް ދަރިން ތަރުބިއްޔަތު ކުރުމުގައި އޯގާތެރިކަމާއި މަޑުމޮޅިކަމާއެކު އެކުދިންނާ މުޢާމަލާތް ކުރުމާއި، ހަރުކަށިކަމުން އެއްކިބާވުމަކީ ހެޔޮ ތަރުބިއްޔަތެއް ދިނުމުގައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

އޯގާތެރިކަމާއެކު މުޢާމަލާތް ކުރުމަކީ މާތް ސިފައެކެވެ. އަދި އެސިފައަކީ ސުވަރުގެ ވަންތަވެރިންގެ ސިފައެއްވެސް މެއެވެ. ކީރިތި ރަސޫލު ﷲ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. أَهْلُ الْجَنَّةِ ثَلَاثَةٌ ذُو سُلْطَانٍ مُقْسِطٌ مُتَصَدِّقٌ مُوَفَّقٌ، وَرَجُلٌ رَحِيمٌ رَقِيقُ الْقَلْبِ لِكُلِّ ذِي قُرْبَى وَمُسْلِمٍ، وَعَفِيفٌ مُتَعَفِّفٌ ذُو عِيَالٍ (رواه مسلم) މާނައީ: "ސުވަރުގޭގެ އަހުލުވެރިންގެ ތެރެއިން ތިންބާވަތެއްގެ މީހުން ވެއެވެ. އެއީ މުސްލިމުންގެ މައްޗަށް އަމުރުވެރި ކުރެވިފައިވާ، އޭނާގެ ޢަމަލުތަކުގައި ﷲއަށް ބިރުވެތިވެ، ހެޔޮކަންތައްތައް ކުރިޔަށްނެރޭ ޢަދުލުވެރި ވެރިމީހާ އާއި، އެ މީހެއްގެ ގާތް މީހުންނަށާއި އަދި ކޮންމެ މުސްލިމެއްގެ މައްޗަށްވެސް ހިތްހެޔޮ، އޯގާތެރި، މަޑުމައިތރި މީހާ އާއި، އެ މީހެއްގެ ދަރިން ގިނަކަމާއެކުވެސް، އަނެކުންނަށް ކަމުކިޔައިނޫޅޭ، އަމިއްލަ ނަފްސުގެ ފުދުންތެރިކަން އިސްކުރާ ޢިއްފަތްތެރި މީހާއެވެ."

ގާތްތިމާގެ މީހުންނަށާއި އަނބިދަރީންނަށް ހިތްހެޔޮކަމާއި، އޯގާތެރިވުމާއި، މަޑުމައިތިރިވުމަކީ ރިވެތި އަޚުލާޤުގެ މަތިވެރި ސިފަތަކެވެ. ހަމައެފަދައިން ނިކަމެތިންނަށާއި ހާލުގައި ޖެހިފައިވާ މީހުންނަށް އަޅާލައި، ހުވަފެތްވެފައިވާ މީހުންނާއި ޔަތީމުކުދިންނަށް އެހީވެދީއުޅުމަކީ އެމީހަކު ސުވަރުގެ ވައްދަނިވި ސިފަތަކެކެވެ. އުއްމަތުގެ އެންމެ މަތިވެރި ނަމޫނާ ދެއްކެވި ޞަޙާބީންގެ ހަޔާތްޕުޅުން މި މަތިވެރި ސިފަތައް ފެންނަ ހުރި ކަމުގައި ތާރީޚު ހެކިދެއެވެ.

ކުދިންގެ ކިބައިން ފެންނަ ނުރަނގަޅު އާދަތަކުން އެކުދިން ދުރުކުރުވުމާއި، ރިވެތި އަޚުލާޤު އެކުދިންނަށް ދަސްކޮށްދިނުމަށް އެންމެ އެހީވެދޭކަމަކީ، ތަރުބިއްޔަތު ދޭ މީހާގެ ކިބައިން އެފަދަ ރިވެތި އަޚުލާޤުގެ ސިފަތައް ފެނުމެވެ. މިފަދަ ރިވެތި ސިފަތަކުގެ އެންމެ މަތިވެރި ނަމޫނާއަކީ ކީރިތި ރަސޫލާ صلى الله عليه وسلم އެވެ. އެކަލޭގެފާނަކީ ހިތްހެޔޮ، އޯގާތެރި، މަޑުމައިތި ބޭކަލެކެވެ.

ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާވެގެންވެއެވެ. އެއްދުވަހަކު ޔަހޫދީންގެ ބަޔަކު ކީރިތި ރަސޫލާ صلى الله عليه وسلم ގެ އަރިހަށް ޒިޔާރަތް ކުރިއެވެ. އެމީހުން އެކަލޭގެފާނަށް ބުންނެވެ. "السَّامُ عَلَيْكُمْ" (ކަލޭގެފާނަށް މުރު ހުށްޓެވެ.) ޔަހޫދީންގެ މިބަހަކީ އައްސަލާމު ޢަލައިކުމް، މި ކަލިމައިން ލާމު އުނިކޮށް ބުނި ބަހެކެވެ. މިބަހުގެ މާނައަކީ، ތިމަންމެން އެދެނީ ކަލޭގެފާނު ދުނިޔެއާ ވަކިވެ ދިޔުމަށެވެ.

ޢާއިޝާ رضي الله عنها އަށް އެއަޑު އިވިވަޑައިގެން އެމީހުންނަށް ޖަވާބު ދެއްވިއެވެ. "بَلْ عَلَيْكُمُ السَّامُ وَاللَّعْنَةُ" "އަދިކީހެއްޔެވެ! ތިޔަބައިމީހުންނަށް މާތް ﷲ ގެ ލަޢުނަތާއި މަރުވުން ހުއްޓެވެ." އެހިނދު، ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. «يَا عَائِشَةُ ! إِنَّ اللهَ يُحِبُّ الرِّفْقَ فِي الْأَمْرِ كُلِّهِ» قَالَتْ: أَلَمْ تَسْمَعْ مَا قَالُوا؟ قَالَ: «قَدْ قُلْتُ وَعَلَيْكُمْ» "އޭ ޢާއިޝާއެވެ! ހަމަކަށަވަރުން ކޮންމެ ކަމެއްގައިވެސް އޯގާތެރިވުމަކީ މާތް ލޯބިވެވޮޑިގެންވާ ސިފައެކެވެ." އެހިނދު އެކަމަނާ ދެންނެވިއެވެ. "އެމީހުން އެބުނި ބަސް ކަލޭގެފާނަށް އިވިވަޑައި ނުގަންނަވަނީ ތޯއެވެ؟" ޙަދީޘްކުރެއްވިއެވެ. "(އިވިވަޑައިގެން އެއަށް ޖަވާބުގައި) އަދި ތިޔަބައިމީހުންނަށްވެސް ހުއްޓެވެ. މިފަދައިން ބުނީމެއްނޫން ހެއްޔެވެ؟" (رواه مسلم)

ކީރިތި ރަސޫލާ صلى الله عليه وسلم ގެ މި ޢަމަލުފުޅަކީ ކޮންފަދަ ރިވެތި ނަމޫނާއެއް ތޯއެވެ؟ އެކަލޭގެފާނުގެ ޢައްދުވުންގެ ކުރިމަތީގައިވެސް ރިވެތި އަޚުލާޤުގެ ސިފަތަ ދޫކޮށް ނުލައްވައެވެ. މާތް ﷲ، އެއިލާހުގެ ކުޅަދުންވަންތަކަމާއި، މަތިވެރިވެގެންވާ ޤުދުރަތްތެރިކަމާއެކުވެސް، މިދީނުގެ ޢަދުއްވުންނަށް އެއިލާހު ޢާއްމުވެގެންވާ، ރަޙުމަތާއި އޯގާވަންތަކަން ތަނަވަސްވެގެންވެއެވެ. ވީއިރު، ރިވެތި އަޚްލާޤުގެ ނަމޫނާއެއްގެ ގޮތުގައި އުއްމަތަށް ފޮނުއްވެވި ރަސޫލާގެ ކިބައިގައި އެސިފަތައް ހުރުމަކީ އެންމެ ހެޔޮވެގެންވާ ގޮތެވެ.

އެކަލޭގެފާނު ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ކަމެއްގައި އޯގާތެރިކަންވާނަމަ އެކަމެއް އިތުރަށް ޒީނަތްތެރިކޮށްދެއެވެ. އަދި ކަމަކުން އޯގާތެރިކަން ނިގުޅައިގަނެއްވިއްޖެނަމަ (އޯގާތެރިކަން ނެތިއްޖެނަމަ) އެކަމެއް ހުތުރުވެދެއެވެ." ވީމާ، ދަރިން ތަރުބިއްޔަތު ކުރުމުގައިވެސް އެކުދިންނަށް އޯގާތެރިކަމާއި، ލޯތްބާއެކު މުޢާމަލާތް ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެކުދިންނަށް ހެޔޮ ތަރުބިއްޔަތެއް ދޭން އެދޭނަމަ ކުދިން ތަރުބިއްޔަތު ކުރާ މީހާގެ ކިބަގައި ރިވެތި އަޚްލާޤުގެ ސިފަތައް ހުރުން ލާޒިމުވެގެންވެއެވެ.