ބޭރު ކުޅިވަރު

ލިވަޕޫލް ސަޕޯޓަރުން ކްލޮޕް އެކަނިކޮށްލައިފި

ކްރިސްޓަލް ޕެލަސް އަތުން ލިވަޕޫލް ބަލިވެގެންނުވާނެ ކަމަށާއި އިދިކޮޅު ޓީމު ގޯލުޖަހަންދެން ލިވަޕޫލް އޮންނަނީ ނިދާފައި ކަމަށާއި މެޗު ނުނިމެނީސް ސަޕޯޓަރުން ނުކުތުމުން އޭނާއެކަނިވެރިވެއްޖެކަމަށް ކޯޗު ޖާގެން ކްލޮޕް ބުނެފި އެވެ.

އޭނާ މިހެން ބުނީ ޕްރެމިއާ ލީގުގައި ރޭ ކްރިސްޓަލް ޕެލަސް އަތުން ލިވަޕޫން 2-1އިން ބަލިވި މެޗަށްފަހު އެވެ.

"މިއަދު ކުރެވެނީ ވަރަށް ދެރަ އިހުސާސެއް. މި މެޗުން ބަލިވުމަކީ ތާކުންތާކުނުޖެހޭ ކަމެއް. އަހަރުމެން މެޗުގައި އެންމެ ރަނގަޅަށް ކުޅުނީ. އެކަމަކު މެޗުގެ ފުރަތަމަ 15 މިނިޓްގައި އަހަރުމެން ތިބީ ދަނޑުމަތީގައެއްނޫން. ގޯލެއް ވަނީމަ އަހަރުމެންނަށް ހޭލެވުނީ. އަދި ފުރުސަތު ތަނަވަސްކުރަން ފެށުނީ،" ކޯޗު ބުންޏެވެ.

"އެކަމަކު ހާފްޓައިމަށްފަހު އަހަރުމެން އަނެއްކާ ވެސް އެމީހުންނަށް ފުރުސަތު ތަނަވަސްކުރަން ފުރުސަތުދީފިން. އޭގެ ސަބަބުން އަހަރުމެންނަށް ޕްރެޝަރު ބޮޑުވެގެންދިޔައީ. އެއަށްފަހު އަހަރުމެން އަނެއްކާވެސް ހޭލީ. އެކަމަކު ދެން ގޯލެއް ނުޖެހުނު. މީގެ ސަބަބުން ވަރަށް ބޮޑު ދެރައެއް އިހުސާސްކުރެވޭ. އެކަމަކު މިއީ ތާކުންތާކު ނުޖެހޭ ކަމެއް. މިވަރުން އަހަރުމެންނަށް ފުއްދާނުލެވޭނެ. އަހަރުމެން އެބަޖެހޭ މިއަށްވުރެ އިތުރަށް މަސައްކަތްކުރަން. މި ބަލިވުމުން އަހަރުމެން ދަސްކުރަން އެބަޖެހޭ،" ކްލޮޕް ބުންޏެވެ.

މި މެޗުގެ ފުރަތަމަ ލަނޑު ޕެލަސްއިން ޖެހީ 21 ވަނަ މިނިޓްގައި ޔަނިކް އެވެ. ލިވަޕޫލަށް އެއްވަރުކޮށްދިނީ 42 ވަނަ މިނިޓްގައި ޕިލިޕް ކޫޓީނިއޯ އެވެ. އެއަށްފަހު ލަނޑު ޖަހަން ލިބުނު ގިނަ ފުރުސަތުތަކެއް ލިވަޕޫލުން ނަގާލި އެވެ. ޕެލަސް ދެ ވަނަ ފަހަރަށް ލީޑު ހޯދީ ސްކޮޓްޑަން 82 ވަނަ މިނިޓްގައި ސްކޮޓް ޑަން ޖެހި ގޯލުންނެވެ. ލިވަޕޫލްގެ ކީޕަރު ސިމޯން މިގްނޮލެޓް ދިފާއުކުރި ބޯޅަ އޭނާ ގޯލުގެ މަތީ ކަނަށް ފޮނުވާލީ އެހެން ކުޅުންތެރިން ބަލަހައްޓައިގެން ތިއްބަ އެވެ.

ކޯޗު ކްލޮޕް ބުނީ މި ލަނޑާއެކު މެޗު ނިމިއްޖެ ކަމަށެވެ.

"އަށް މިނިޓްކުރިން މެޗު ނިމެން ޖެހުނ ކީއްވެގެންތޯ އަހަރުމެން އެބަޖެހޭ ބަލަން. މިކަމާ ވިސްނަން އެބަޖެހޭ. 82 ވަނަ މިނިޓްގައި މެޗު ނިމިގެންނުވާނެ. މި ހިސާބުން 90 ވަނަ މިނިޓާ ހަމައަށް ނުވަތަ (އިތުރުވަގުތުގެ ގޮތުގައި ދެއްކި ހަތަރު މިނިޓާއެކު) 94 ވަނަ މިނިޓާ ހަމައަށް އަށް ގޯލު ވެސް ޖެހިދާނެ. އެކަމަކު އެއީ އެކަން ކުރަން އުޅެގެން،" ކޯޗު ބުންޏެވެ.

ސަޕޯޓަރުން ދަނޑުން ނުކުތުން

އޭނާ ވަނީ 82 ވަނަ މިނިޓްގައި ވަން ލަނޑާއެކު ސަޕޯޓަރުން ދަނޑުން ނުމެގެންދިއުމުން ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

"ސަޕޯޓަރުން ދަނޑުން ނުކުމެގެންދިޔަ 82 ވަނަ މިނިޓުގައި ގޯލު ޖެހުމުން. އެމީހުންނަށް އެބައޮތް ސަބަބެއް ދެއްކެން. އެކަމަކު އެހިސާބުން އަހަރެން އެކަނިވެރިވެއްޖެ. އެންމެންވެސް ވިސްނަންޖެހޭ އެންމެ ފަހު މިނިޓްގައި ވެސް ގޯލެއް ޖަހާފާނެކަން،" ކްލޮޕް ބުންޏެވެ.

މި މެޗުން ބަލިވުމުން ލިވަޕޫލް އޮތީ 17 ޕޮއިންޓާއެކު 10 ވަނާގަ އެވެ. ޕެލަސް އޮތީ 19 ޕޮއިންޓާއެކު އަށް ވަނާގަ އެވެ.