ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީނަށް ހަމަލާދޭން ގޮވާލި މީހާ ހޯދާ ފިޔަވަޅު އަޅައިދޭން އެދިއްޖެ

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ހަށިކޮޅަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރުމަށްޓަކައި އެމަނިކުފާނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާ ވަރުގަދަ ކޮށްދެއްވުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައްވައިފި އެވެ.

އެ ކޯލިޝަނުން މިކަމަށް ގޮވާލާފައިވަނީ ރައީސް ޔާމީނަށް ޓެރަރިސްޓް ހަމަލާއެއް ދީ ގޮއްވާލުމަށް ގޮވާލާ އަލީ ޔާސިރު ނަމަކަށް ކިޔާ މީހަކު އޭނާގެ ފޭސްބުކް އެކައުންޓްގައި ލިޔެފައިވާ ކޮމެންޓަކާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނެއްގައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ މިފަދަ ނުރައްކާތެރި އަމަލު ހިންގުމަށް ގޮވާލާ އެފަދަ ކަންކަމަށް ހިތްވަރު ދެމުން ގެންދާ މީހުންގެ މައްސަލަތައް ނުބެލި އެފަދަ މީހުން މުޖުތަމައު ތެރެއަށް ދޫވެފައި ތިބުމަކީ ގައުމުގެ ސަލާމަތަށް އިތުރު ގެއްލުންތައް ކުރިމަތިވެގެން ހިންގައިދާނެ ކަންކަން ކަމަށެވެ. އަދި މިފަދަ ނުރައްކާތެރި ޓެރަރިސްޓް އަމަލުތައް ހިންގުމަށް ގޮވާލާ މީހުން އެކަން ކުރަނީ ކޮންމެ ފަދަ މަގުސަދެއްގައި ނަމަވެސް އެފަދަ މައްސަލަތަކަކީ ކުދި ކުދި ކަންކަން ކަމުގައި ދެކި އަޅާނުލެވި ނުބެލި ދޫކޮށްލެވިއްޖެނަމަ އެފަދަ ކަންކަން ކުރުމުގެ ވިސްނުން ގެންގުޅޭ މީހުންނަށް ހިތްވަރު ލިބި އެފަދަ ނުރައްކާތެރި އަމަލުތައް ރާއްޖޭގައި ހިންގުމުގެ ފުރުސަތު އިތުރުވެގެން ދިއުމަކީވެސް އެކަށީގެން ވާ ކަމެއް ކަމަށެވެ.

އެ ކޯލިޝަނުން ވަނީ ރައީސް ޔާމީން ގޭގައި ހުންނަވަނިކޮށް ގޮއްވާލަން ގޮވާލާ ފޭސްބުކް ގައި ލިޔެފައިވާ މީހާ ހޯދާ މިހާރުން މިހާރަށް ހައްޔަރުކޮށް މައްސަލަ ބަލާ ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައިދިނުމަށް ފުލުހުންނަށް ރަސްމީކޮށް ހުށައަޅާފައިވާ ކަމަށެވެ.

"...ހަމައެއާއެކު އެ މައްސަލަ ބައްލަވާ ފިޔަވަޅު އަޅުއްވާ ދެއްވުމަށް ދައުލަތުގެ ކަމާ ބެހޭ މުއްސަސާތަކަށްވެސް ގޮވާލަމެވެ. އަދި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ހަށިކޮޅަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރުމަށްޓަކައި އެމަނިކުފާނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އަޅުއްވާ ވަރުގަދަ ކޮށްދެއްވުމަށް ވެސް އެދެމެވެ،" އިދިކޮޅުގެ ބަޔާނުގައިވެއެވެ.