ދީން

ތައުބާވުމުގެ ރޫޙު

އިސްތިޣްފާރު ކުރުމަކީ މަތިވެރިވެގެންވާ އަޅުކަމެކެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ފަރުޟު ނަމާދުން ނިމިވަޑައިގަތުމަށްފަހު ދެން ތިންހަރު "أَسْتَغْفِرُ اللَّهَ ، أَسْتَغْفِرُ اللَّهَ ، أَسْتَغْفِرُ اللَّهَ" ވިދާޅުވެއެވެ.

އިސްތިޣުފާރު ކުރުމަކީ ތައުބާވުމުގެ ރޫޙެވެ. އަދި ތައުބާވެއްޖެކަމުގެ އެންމެ ބޮޑު ޢަލާމާތަކީވެސް އިސްތިޣްފާރު ކުރުން ގިނަ ކުރުމެވެ. އިސްތިޣްފާރު ކުރުމަކީ ފާފަ ފުއްސެވުންއެދި ދުޢާ ކުރުމެވެ. ފާފަ ފުއްސެވުންއެދި ގިނަގަނައިން ދެންނެވުމަކީ އެއީ ޙަޤީޤަތުގައި ތައުބާވުމަށް އެދޭ ކަމުގެ އެންމެ ބޮޑު ހެއްކެވެ.

ކީރިތިވަންތަ ﷲ ވަނީ ތައުބާވުމާއި އިސްތިޣްފާރު ކުރުން އެކުއެކުގައި ޒިކުރު ކުރައްވާފައެވެ. އެ އިލާހު ވާޙީކުރައްވާފައިވެއެވެ. ﴿أَفَلاَ يَتُوبُونَ إِلَى اللّهِ وَيَسْتَغْفِرُونَهُ وَاللّهُ غَفُورٌ رَّحِيمٌ﴾ (المائدة 74) މާނައީ: "ފަހެ، އެއުރެން ﷲ އަށް ތައުބާ ނުވަނީހެއްޔެވެ؟ އަދި ފާފަފުއްސެވުން އެދި އެކަލާނގެ ޙަޟުރަތަށް ނުދަންނަވަނީ ހެއްޔެވެ؟ ފަހެ، ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ ރަޙީމުވަންތަ ރަސްކަލާނގެއެވެ."

އިސްތިޣްފާރު ކުރުމަކީ، މާތް ﷲ ގެ އެއްކައުވަންތަކަމަށް އީމާންވާ މުއުމިނު އަޅުތަކުންނާ ވަކިވެ ނުދާ ލާޒިމު ސިފައެކެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿فَاعْلَمْ أَنَّهُ لَا إِلَهَ إِلَّا اللَّهُ وَاسْتَغْفِرْ لِذَنبِكَ وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ وَاللَّهُ يَعْلَمُ مُتَقَلَّبَكُمْ وَمَثْوَاكُمْ﴾ (محمد 19) މާނައީ: "ފަހެ، ﷲ މެނުވީ އިލާހަކު ނުވާކަން ކަލޭގެފާނު ދެނެވަޑައިގަންނަވާށެވެ! އަދި ކަލޭގެފާނުގެ ކުށަށާއި، މުއުމިނު ފިރިހެނުންނަށާއި، މުއުމިނު އަންހެނުންނަށް ކަލޭގެފާނު ފާފަފުއްސެވުމަށް އެދިވަޑައިގަންނަވާށެވެ! ތިޔަބައިމީހުން ހިނގާބިނގާއުޅޭ ތަނާއި، އަރާމުކުރަންތިބޭ ތަން ﷲ ދެނެވޮޑިގެންވެތެވެ."

ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ އިސްތިޣްފާރު ކުރުމާއި ތައުބާވުމުގެ މާތްކަން ބަޔާންކޮށްދެއްވާފައެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. أَسْتَغْفِرُ اللَّهَ الْعَظِيمَ الَّذِي لَا إِلَهَ إِلَّا هُوَ الْحَيُّ الْقَيُّومُ، وَأَتُوبُ إِلَيْهِ މިފަދައިން ތިންފަހަރު ކިޔައިފި މީހާއަކީ ހަނގުރާމައިގައި މުސްލިމުންގެ ލަޝްކަރު ދޫކޮށް ފިލަން ދުވި މީހެއްކަމުގަވިޔަސް އޭނާގެ ފާފަތައްވެސް، ފުއްސަވާ ހުއްޓެވެ. (ރިވާކުރެއްވީ އަލްޙާކިމް އެވެ.)

އިސްތިޣްފާރު ކުރުމަކީ ހިތުގެ އަޑިން އެދޭ ޙާލު، ފާފަ ފުއްސެވުން އެދި ދުޢާކުރުމެވެ. ފާފަ ފުއްސެވުން އެދި ހަމައެކަނި ދުލުން އިސްތިޣްފާރު ކުރުމަކުން ނުފުދެއެވެ. ހިތް ހާޒިރުކޮށް، އެކަމަށް އެދޭ ހާލު ދުޢާކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އަލްފުޟައިލް رحمه الله ވިދާޅުވެފައިވެއެވެ. "ފާފަ ކުރުމުން އެއްކިބާވުމަކާއި ނުލާ، ހަމައެކަނި ދުލުން އިސްތިޣްފާރު ކުރުމަކީ ދޮގުވެރިންގެ ތައުބާވުމެވެ." ވީމާ، އިސްތިޣްފާރު ކުރާހިނދު، ތެދުވެރި އިޚްލާޞްތެރިކަމާއެކުގައި ކުރުމަކީ މުހިންމުކަމެކެވެ. އެފަދައިން އިސްތިޚުފާރު ކުރާމީހާގެ ހުރިހާ ދަތި އުނދަގޫތަކެއް މާތް ﷲ ފިއްލަވައިދެއްވާނޭކަމުގައިވަނީ އަންގަވާފައެވެ.

އިހުގެ ދަންނަބޭކަލެއްގެ އަރިހަށް މީހަކު ގޮސް، ހަނަފަސްކަން ބޮޑުވެ ދަނޑުގޮވާންތައް ހަލާކުވާތީ އެކަމުގެ ޝަކުވާ ދެންނެވިއެވެ. އެހިނދު އެބޭކަލަކު ވިދާޅުވިއެވެ. މާތް ﷲ އަށް އިސްތިޣްފާރު ކުރާށެވެ. އެހެން މީހަކު އެކަލޭގެފާނުގެ އަރިހަށްގޮސް އޭނާގެ އަތްމަތި ދަތިކަމުގެ ޝަކުވާ ކުރުމުން ހަމައެފަދައިން މާތް ﷲ އަށް އިސްތިޣްފާރު ކުރާށޭ ވިދާޅުވިއެވެ. ކޮންމެ މީހަކަވެސް އިސްތިޣުފާރު ކުރުމަށް ނަޞޭޙަތްތެރިވަނީ ކީއްވެގެންތޯ އެބޭކަލަކާ ސުވާލު ކުރެވުނު ހިނދު ވިދާޅުވިއެވެ.

މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿ فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا * يُرْسِلِ السَّمَاءَ عَلَيْكُمْ مِدْرَارًا * وَيُمْدِدْكُمْ بِأَمْوَالٍ وَبَنِينَ وَيَجْعَلْ لَكُمْ جَنَّاتٍ وَيَجْعَلْ لَكُمْ أَنْهَارًا ﴾ (نُوح: 10-12) މާނައީ: "ފަހެ، ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟުރަތަށް ފާފަފުއްސެވުމަށްއެދި ދަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަމުގައިވެއެވެ. * އޭރުން އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ބޯކޮށް ވެހޭގޮތުގައި ވާރޭ ފޮނުއްވާނެތެވެ. * އަދި މުދާތަކާއި، ދަރިން އިތުރުކޮށްދެއްވައި، އެކަލާނގެ ތިޔަބައިމީހުންނަށް މަދަދު ދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ބަގީޗާތައް ލައްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ކޯރުތައްވެސް ލައްވާނެތެވެ."

ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު އިސްތިޣްފާރު ކުރުމަކީ، އެމީހެއްގެ ހިތުން ދުނިޔޭގެ އެދުވެރިކަން ކުޑަކޮށްދޭ ކަމެކެވެ. އަދި ތިމާއާއި ތިމާގެ ވެރި ރައްބާ ދެމެދުގައި އޮންނަ ގުޅުން ވަރުގަދަކޮށްދޭ ކަމެކެވެ. ވީމާ، އިސްތިޣްފާރު ކުރުމާއެކު ތެދުވެރި ތައުބާއަކުން ތައުބާވުމަކީ ދުނިޔެއާއި އާޚިރަތުގެ ހެޔޮކަން ލިއްބައިދޭ ކަމެކެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿ وَأَنِ اسْتَغْفِرُوا رَبَّكُمْ ثُمَّ تُوبُوا إِلَيْهِ يُمَتِّعْكُمْ مَتَاعًا حَسَناً إِلَى أَجَلٍ مُسَمّىً وَيُؤْتِ كُلَّ ذِي فَضْلٍ فَضْلَهُ ﴾ (هُود 3) މާނައީ: "އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟުރަތުން ފާފަފުއްސެވުން ތިޔަބައިމީހުން އެދޭށެވެ! އަދި އެކަލާނގެއަށް ތިޔަބައިމީހުން ތައުބާ ވާށެވެ! އޭރުން ކަނޑައެޅިގެންވާ އަޖަލު ހަމަވެއްޖައުމަށް ދާނދެން، ރަނގަޅު ދިރިއުޅުމެއްގައި އެކަލާނގެ ތިޔަބައިމީހުން ލަހައްޓަވާނެތެވެ. އަދި ޢަމަލު އިތުރުކުރި ކޮންމެ މީހަކަށް، އެމީހަކު އިތުރުކުރި ޢަމަލެއްގެ ޖަޒާ އެކަލާނގެ ދެއްވާނެތެވެ."

މި ރޯދަމަހުގެ އެންމެ ހެޔޮ ރޭތަކުގައި އިސްތިޣްފާރު ކުރުން ގިނަކުރާށެވެ. އަދި ތެދުވެރި ތައުބާއަކުން ތައުބާވެ، މާތް ﷲ ރުހިވޮޑިގެންވާ މަގުގައި ފައިތިލަ ސާބިތުކޮށްދެއްވުންއެދި ދަންނަވާށެވެ.